ސިބްކޯއިން އައްޑޫ ސިޓީ މަރަދޫގައި އެކުންފުނީގެ ހޯލް ސޭލް އަދި ރީޓެއިލް ފިހާރައެއް ހުޅުވައިފިއެވެ.
މިއީ މާލެއިން ބޭރުގައި ސިބްކޯއިން ހުޅުވި ދެވަނަ ފިހާރަކަން ފާހަގަކޮށްލެވެއެވެ. މަރަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީގައި ސިބްކޯގެ ފިހާރަ ހުޅުވައިދެއްވީ މަރަދޫ ކައުންސިލަރ އަލްފާޟިލް އިބްރާހީމް ފައިސަލް އާއި ސިބްކޯގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު މުޢުތަޞިމްއެވެ.
އައްޑޫގައި ސިބްކޯއިން ހުޅުވި އެކުންފުނީގެ ފިހާރަ ހުންނަނީ މަރަދޫ ކީރަންމާގޯޅި އާއި އަތިރެގޭ މަގާ ދޭތެރޭ ލިންކް ރޯޑުގައެވެ. އަދި ފިހާރަ ހުޅުވާފައި ހުންނާނީ މާލެއެކޭ އެއްގޮތަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު ނުވަގަޑި ސުންމިނެޓުން ހަވީރު ހަޔަކަށެވެ.

ސިބްކޯ އައްޑޫ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި ކަސްޓަމަރުން ވަނީ ބައިވެރިވެފައެވެ. ސިބްކޯ އިން ގެންނަ މުދާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާއިރު މި އަހަރު އޯގަސްޓް މަހު ސިބްކޯގެ އައުޓްލެޓެއް ފުވައްމުލައް ސިޓީގައި ވަނީ ހުޅުވާފައެވެ.
ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މީޑިއާ އަށް މައުލޫމާތުދެއްވަމުން ސިބްކޯގެ މެނޭޖަރ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް، އަޙުމަދު ހާނީ ނަޢީމް ވިދާޅުވީ އައްޑޫގައި ހުޅުވި ސިބްކޯގެ އައުޓްލެޓުންވެސް މާލޭގައި އެ ކުންފުނިން ވިއްކާ ހުރިހާ ބްރޭންޑެއް މުދާ މޭލެ އެކޭހެން އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށާއި ފިހާރައިން ރީޓެއިލްކޮށްވެސް މުދާ ގަންނަން ލިބޭނެކަމަށެވެ.
ސިބްކޯގެ ފިހާރައެއް އައްޑޫގައި ހުޅުވުމުގެ މައިގަނޑު މަޤުސަދަކީ އައްޑޫގައި ހުންނަ ވިޔަފާރިތަކަށާއި ރިޒޯޓް އަދި ގެސްޓްހައުސްތަކަށާއި ކެފޭ ރެސްޓޯރަންޓްގެ އިތުރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ސިބްކޯ އިން ރާއްޖެ ގެންނަ މުދާ އެއް ފުރާޅެއްގެ ދަށުން ފަސޭހައިން ލިބޭނެ މަގު ފަހުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.
ހާނީ ވިދާޅުވީ އައްޑޫގައި ސިބްކޯގެ އައުޓްލެޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނިން ރާއްޖެއަށް އަލަށް އެތެރެކޮށްގެން ވިއްކަމުންދާ ”ވޮންޑާ ކޮފީ“ ސިޓީއަށް ތަޢާރަފްކޮށްފައިވާ ކަމަށެވެ. ވޮންޑާ ކޮފީ އަކީ ޖަޕާނުގެ އުފެއްދުމެއްކަމަށާއި ގިނަ ދިވެހިންގެ މަގުބޫލު މަންޒިލެއްކަމުގައިވާ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ގިނަ ބަޔަކަށް ކަމުދާ ކޮފީއެކެވެ. ޕްރީމިއަމް ކޮފީ ބީންސްގައި ތައްޔާރުކޮށްފައިވާ ވޮންޑާ ކޮފީގެ ފަސް ރަހައެއް ސިބްކޯއިން ވިއްކަމުންދާނެކަމަށް ހާނީ ވިދާޅުވިއެވެ. އޭގެތެރޭގައި ވޮންޑާ ޕްރީމިއަމް ކޮފީ އޮރިޖިނަލް، ވޮންޑާ ޕްރީމިއަމް ކޮފީ މޮކާ، ވޮންޑާ ޕްރީމިއަމް ކޮފީ ލާޓޭ، ވޮންޑާ ކޮޕި ތާރިކް އަދި ވޮންޑާ އެކްސްޓްރާ ޕްރެސޯ ހިމެނޭކަމަށެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.

