ބާރުލިބުމުން މަޖިލީހާއި މުއައްސަސާތައް ބޭނުންކުރަނީ ބަދަލުހިފަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާތަން ކުރަހާފައިވާ ފޮޓޯއަކުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން ހާމަކުރުމުންނެވެ.
ޑރ ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޮމިޓީތަކަކީ އެމްޑީޕީ އާއި މަޖިލީހުގެ ރައީސްގެ މިލްކެއް ނޫން ކަމަށެވެ. ތުހުމަތުތައް ތަޙުޤީޤު ކުރުމުގެ ބަދަލުގައި ޤާޒީ އިތުރަށް ކުއްވެރިކޮށް ކޯޓުތަކަށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމިންގެ ޝަރީއަތައް ނުފޫޒު އޮތް ވަރު ހާމަވާކަމަށް ވިދާޅުވިއެވެ.
https://twitter.com/MJameelAhmed?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor
ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔަން ހައިލަމް ބޭނުން ކުރި ފޮޓޯއާއި ގުޅިގެން ހަައިލަމް ސައްޕެންޑުކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. ހައިލަމްއަކީ ރައީސް ޔާމިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވާ ޤާޒީކަމަށް ވާއިރު އޭނާ ސަސްޕެންޑުކޮށްފައިވަނީ ރައީސް ޔާމިންގެ ޝަރީޢަތުގެ ޙުކުމްއިއްވުމަށް ތާވަލްކޮށް އަޑުއެހުމަށް މަދު ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.
ސަސްޕެންޑު ކުރުމާއި ގުޅިގެން ޙައިލަމް ވަނީ ބަޔާނެއް ނެރުއްވާ ރައީސް ޔާމިންގެ ޙުކުމް ކަށަވަރުކޮށްދެއްވުމަށް އެދި ސަރުކާރުގެ އިސްބޭފުޅުން ގުޅުއްވި ކަމަށެވެ.
ހައިލަމް ސަސްޕެންޑު ކުރީ ސީދާ ރައީސް ޔާމިންގެ ޝަރީޢަތައް ނުފޫޒުފޯރުވުމަށްކަމަށް ރައީސް ޔާމިންގެ ޤާނޫނީ ވަކީލުންގެ ޓީމުންނާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ ބުނަމުންނެވެ. އަދި މި ކަންބޮޑުވުންތައް ކަމާއި ބެހޭ ބައިނަލްއަޤުވާމީ ފަރާތްތަކާއި ދަނީ ހިއްސާކުރަމުންނެވެ.

