ސަރުކާރުން ޝަރުއީ ދާއިރާގެ އެެއްވެސް ގާޒީއަކަށް ނުފޫޒެއް ނުފޯރުވާނެ ކަަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރުޖަމާން އިބްރާހީމް ހޫދު ސަންގަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ.
ހޫދު މިފަދައިން ވިދާޅުވެފައިވާއިރު،މިހާރު ސަސްޕެންޝަންގައި ހުންނެވި ގާޒީ ހައިލަމް ވަނީ ސަރުކާރުގެ އިސް ފަރާތްތަކުން ރައީސް ޔާމިނަށް ޖަލު ހުކުމެއް ކަށަވަރު ކޮށް ދިނުމުގެ ޔަގީންކަން ދެއްވުމަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފައެވެ.
ހައިލަމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެން އަދި ހައިލަމް ދަންނަ މީހުން މެދުވެރިކޮށްގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާ ކަމަށެވެ.
އެގޮތަށް ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، އަލްހާން ފަހުމީއާއި މެދު ހިނގާފައިވާ ޓްރާންސެކްޝަން މައްސަލަ ޕޮލިހުގައި އެބަ އޮތްކަމަށާއި، ޙުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށާއި، މިކަން ހިނގާދިޔަކަން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، ގާޟީއަށްވެސް އެނގިލައްވާނޭކަމަށް ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ހައިލަމްގެ ބަޔާނުގައި ވަނީ ގިނަކަންކަން ފާހަގަކޮށްފައެވެ. އެގޮތުން، އޭނާގެ އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތަކީ ސީދާ ރައީސް ޔާމީންގެ މަނީލޯންޑަރިންއާއި ގުޅިގެންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، 6 ނޮވެމްބަރު 2019ވަނަ ދުވަހު ޖޭއެސްސީން ހައިލަމްގެ އިތުރު މައްސަލައެއް ބަލަން ނިންމާފައިވާއިރު، އެ މައްސަލަ އަކީވެސް އޭނާއަށް ގުޅައިގެން އަދި މެސެޖްކޮށްގެން ވާހަކަ ދެއްވި މީހުން ދީފައޮތް އިންޒާރާއި ސީދާ ގުޅުންހުރި ކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ.

