ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ނަމުގައި އެމްޑީޕީން ނެގި ބޮޑެތި ދަރަނިތައް ބޭނުން ކުރީ، އެތެރޭގެ އިންތިހާބުތަކަށްކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތާއި ގުޅޭގޮތުން، މި ސަރުކާރުގެ މެމްބަރުން އެމްޑީޕީއަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ ބޮޑެތި ދަރަނިތައް ނަގައި، ރާއްޖެއަށް ގެނެވުނު އެއްވެސް ތަރައްގީއެއް ނެތްކަމަށެވެ. އަދި އެ ދަރަނިތައް ބޭނުން ކުރީ އެތެރޭގެ އިންތިހާބުތަކާއި، ގެއްލުމުގެ ބަދަލު ދިނުމަށްކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ސަރުކާރަށް ހިދުމަތް ނުދެވޭކަމަށް އެމްޑީޕީން ދައްކާ ވާހަކައިގެ ރައްދުގައި ޒަރީރު ވިދާޅުވީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ބޮޑެތި އަދަދުތަކުން ދަރަނި ނެގި އިރު، އެތެރޭގެ ދަރަނި ވެސް އިންތިހާއަށް އުފުލިފައިވާކަމަށެވެ. ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރިއިރު، ރައްޔިތުންނަށް އެ ކުންފުނިތަކުން ދޭން ޖެހޭ ފައިސާ ވެސް ނުދޭކަމަށް ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ އެންމެ ފަހުން 2026 ގެ ބަޖެޓުގެ ބަހުސްގައި، އެމްޑީޕީން މިއީ ތަންފީޒު ނުވާނެ ބަޖެޓެއްގެ ގޮތުގައި ސިފަ ކުރިކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަޖެޓު ތަންފީޒު ނުކުރާކަމަށް ނުވަތަ، ރައްޔިތުންނަށް ހިދުމަތް ނުދޭކަމަށް ބުނާއިރު މި ސަރުކާރަށް ލިބިފައި ވަނީ އެއް އަހަރުގެ ބަޖެޓުކަމަށް ޒަރީރު ވިދާޅުވި އެވެ. ޒަރީރު ވިދާޅުވީ، ވެރިކަމާއި ހަވާލުވީއިރު ގައުމުގެ ހާލަތު އޮތް ގޮތް އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ. ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކަށްކަމަށް ބުނެ، އެމްޑީޕީން ބޮޑެތި އަދަދުތަކުން ލޯނު ނެގިއިރު އޭގެއިން ކުރި މަންފާއެއް ކޮބައިތޯ ޒަރީރު ސުވާލު އުފެއްދި އެވެ.
ޒަރީރު ވިދާޅުވީ 2025 ގައި 500 މިލިއަން ރުފިޔާގެ ދަރަނި ޑޮލަރުން ދައްކަން ޖެހޭއިރު، ދައުލަތުގެ އާމްދަނީއަކީ 35 ބިލިއަން ރުފިޔާ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި އެކަނި 57 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދީ، އެއްވެސް ބޭނުމެއް ނެތް ގޮތުގައިކަމަށް ޒަރީރު ވިދާޅުވި އެވެ. ޒަރީރު ވިދާޅުވީ ކޮވިޑު-19 ގައި އެމްޑީގެ ސަރުކާރުން ރައްޔިތުންނަށްކޮށްދިން ރަނގަޅު ކަންކަން ހުރި ނަމަވެސް މިސްމެނޭޖު ކުރިކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ކޮވިޑަކީ ރަނގަޅު ހިދުމަތް ނުދެވުމަށް ބޭނުން ކުރެވޭނެ ބަހަނާއެއް ނޫންކަމަށް ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ އެމްޑީޕީން ލޯނުތައް ނެގީ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި ނޫންކަމަށާއި، އެއީ އެކި އިންތިހާބުތަކަށް ހަރަދު ކުރުމަށް ނެގި ލޯނުތައް ކަމަށެވެ. ޒަރީރު އިތުރަށް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ފެންނަން ހުރި އެއްވެސް ”ކެޕިޓަލް އިންވެސްޓްމަންޓެއް“ ނެތް ކަމަށެވެ. އަދި ނިމުނު ބޮޑެތި މަޝްރޫއުއެއް ވެސް ނުފެންނަކަމަށާއި، ނިމޭނެކަމަށް ބުނި ބޮޑެތި މަޝްރޫއުތައް ނިންމާ ނުލެވުނު ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ސަރުކާރަށް ވާރުތަވެގެން އައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ނިންމަން ޖެހުނީ މި ސަރުކާރަށްކަމަށް ޒަރީރު ވިދާޅުވި އެވެ. ޒަރީރު ވިދާޅުވީ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ތިންވަނަ އަހަރުގެ ތެރޭގައި ފެށި އައު ޓާމިނަލް، އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ވެސް ނިންމާ ނުލެވުނު ކަމަށެވެ. ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު 50 އިންސައްތަ މަސައްކަތް ނިމިފައި އޮތް ޓާމިނަލް، ދޮޅު އަހަރުގެ ތެރޭގައި ހިދުމަތް ދޭން ފެށުނީ މި ސަރުކާރުގެ ވަރުގަދަ ސިޔާސަތުތަކުގެ ސަބަބުންކަމަށް ޒަރީރު ވިދާޅުވި އެވެ.

