މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑރ. އަފްރާޝިމްގެ މަރުގެ މައްސަލައިގެ ރިޕޯޓާ، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
51 ވަނަ ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ދީނީ އިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެންބަރު ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓުގެ މައުލޫމާތު މި ހަފްތާގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށެވެ.
ރައީސް ވަނީ ސަރުކާރުން ވެފައިވާ އެންމެ މުހިންމު ވައުދަކީ މަރާލާފައިވާ މީހުންނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރުން ކަން ފާހަގަކުރައްވާފައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މަރުގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށް ދާ ކަމަށެވެ. އަދި ދެ ކޮމިޝަނުގެ މަސައްކަތްތަކުން އާ ހޯދުންތަކަކާއި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. މި ހަފްތާގެ ތެރޭގައި ރިޕޯޓު އާއްމު ކުރައްވާ، އޭގައި ވާ ކަންކަން ކުރިޔަށް ގެންދިއުމަށް ކަމައި ބެހޭ އިދާރާތަކަށް ފޮނުވާނެކަން ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލާފައިވަނީ އޮކްޓޫބަރު 1، 2012 ގައެވެ. ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން ވަނީ ހޯދިފަ އެވެ.
ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.
ފުލުހުން ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށެވެ. ފުލުހުން ބުނީ ރައުދާ މަރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެއްސަކާ ޖެހުނު މައްސަލައެއްގައި ކަމަށެވެ. ނަމަވެސް ރައުދާގެ އާއިލާއިން ވަނީ އެކަން ގަބޫލު ކުރުމަށް ދެކޮޅު ހަދާ، ފުލުހުންގެ އިހުމާލު މައްސަލައިގައި ވާކަމަށް ބުނެފައެވެ.
ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން މިހާތަނަށް ވަނީ ގެއްލިގެން ހޯދަމުންދިޔަ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންގެ މައަސަލައިގެ ތަފްސީލްތައް އާންމުންނާއި ޙިއްސާކޮށްފައެވެ. ތަޙުޤީޤު ރިޕޯޓުން ހާމަކުރި ގޮތުގައި ރިލްވާން ވަނީ ހުޅުމާލެއިން ރަހީނުކޮށްގެން ކާރަކަށް އަރުވައިގެން ގޮސް، ކަނޑު އުޅަނދެއްގައި މަރާލާފައެވެ.

