2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމަށް ތައްޔާރުވުމުގެ ގޮތުން އަންނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންކަމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 20.0 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުގައި ހިމަނައިފިއެވެ.
އެގޮތުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު މި ޕްރޮގްރާމަށް 32.0 މިލިއަން ރުފިޔާ ޚަރަދކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޯހިމެނުމުން އެއްކުރެވިގެންދާ މައުލޫމާތަކީ އިގުތިސާދީގޮތުންނާއި އިޖްތިމާއީގޮތުން ގައުމު ތަރައްގީވެ ކުރިއަރަމުންދާ މިންވަރު ދެނެގަތުމަށް ބޭނުންވާ އެންމެ މުހިންމު އެއް މައުލޫމާތެވެ.
މިއީ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭންގައި އެކިއެކި ވުޒާރާތަކުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވެމުންދާ މިންވަރު ގައުމީ ފެންވަރުގައި އަދި ރަށު ފެންވަރުގައި ދެނެގަތުމަށް ކުރެވިގެންދާ އެންމެ ބޮޑު އެއް މަސައްކަތެވެ.
މީގެ ތެރޭގައި އާބާދީއަށް އަންނަ ބަދަލުތައް، އެކި ރަށްރަށުގައި ދިރިއުޅޭ ދިވެހި އަދި ބިދޭސީ އާބާދީ، އާބާދީގެ ހިޖުރަކުރުން، ތައުލީމީ ފެންވަރު އެނގިގެންދެއެވެ. ހަމައެއާއެކު ވަޒީފާ ނެތް މީހުންގެ ނިސްބަތް، ޒުވާނުންގެ އަންއެމްޕްލޮއިމަންޓް ރޭޓު، އަންހެނުން އާމްދަނީ ލިބޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މިންވަރު އަދި ހުރި ގޮންޖެހުންތައް ދެނެގަނެވިގެންދާނެއެވެ.

