ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލިޔުމެއް ހަވާލު ކުރުމަށް ކަމަށް ބުނެ ”ގޮތް ނޭނގޭ ބަޔަކު“ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ގެކޮޅަށް ވަތްނަން މަސައްކަތް ކުރެއްވި މައްސަލަ ސްޕްރީމް ކޯޓުން ބުނެފިއެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ހޯމަ ދުވަހުގެ މެންދުރު ފަހު 12:45 އެހާކަށް ހާއިރު ޖޭއެސްސީގެ ފަރާތުން ލިޔުމެއް ހަވާލު ކުރަން ކަމަށް ބުނެ ގޮތް ނޭނގޭ ބަޔަކު އުއްޔަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ދިރިއުޅުއްވާ އިމާރާތެއް ވަދެ އުއްތަމަ ފަނޑިޔާރުގެ އެޕާޓްމެންޓް ހުންނަ ފަންގިފިލާއަށް އަރައި އެޕާާޓްމެންޓުގައި ޓަކި ޖަހައި ހެދި ކަމަށެވެ. އަދި އެޕާޓްމެންޓުގެ ދޮރުހުޅުވުމުން އެއީ ޖޭއެސްސީގެ ފަރާތުން އައި ބަޔަކު ކަމަށް ބުނި ކަމަށާއި ނަމަވެސް އެއީ ޖޭއެސްސީގެ ބަޔަކު ކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ސުޕްރީމް ކޯޓޫގެ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ސަލާމަތީ ސަބަބުތަކަށްޓަކައި ކާކުކަން ނޭގެނީސް ދޮރު ނުހުޅުވުމަށް އެމްއެންޑީއެފްއިން އުއްތަމަ ފަނޑިޔާރަށް އަންގަވާފައި ވަނިކޮށް ބަޔަކު އިމާރާތަށް ވަދެ އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ފަންގިފިލާއަށް އެރި ގޮތް ހޯދިއިރު އެ މީހުން އެތަނަށް ވަނީ އިމާރާތަށް ވަތް އެހެން ބައެއްގެ ފަހަތުން ކަމަށް އިމާތާތުގެ ސެކިޔުރިޓީ ބަލަހައްޓާ ފަރާތުން މައުލޫމާތު ދިން ކަމަށެވެ. އެހެން ކަމުން ގޮތް ނޭނގޭ ބަޔަކު ޖޭއެސްސީގެ ނަމުގައި އުއްތަމަ ފަނޑިޔާރަށް ލިޔުމެއް ހަވާލު ކުރަން ކަމަށް ބުނެ އެ ހިންގި އަމަލު އެމްއެންޑީއެފް އަށް އަންގާފައިވާ ކަމަށާއި އަދި އެކަން ބަލައި ދިނުމަށް އެދިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ އޮފިޝަލް ވިދާޅުވިއެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގެ އޮފިޝަލް ވިދާޅުވީ ސަރުކާރު ބަންދު ދުވަހެއްގައި ޖޭއެސްސީގެ ފަރާތުން އުއްތަމަ ފަނޑިޔާރާއި ހަވާލު ކުރަން ޖެހޭނެ ފަދަ ލިޔުމެއް އޮވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރަށް ހަވާލު ކުރައްވަން ޖެހޭ ލިޔުންތައް ހަވާލު ކުރައްވަން ޖެހޭނީ ނުވަތަ ފޮނުވަން ޖެހޭނީ ރަސްމީ ދުވަސްތަލަކުގައި ރަސްމީ ގަޑީގައި ކަމަށާއި އެ ނޫން ގޮތަކަށް އުއްތަމަ ފަނޑިޔާރަށް ލިޔުންތައް ހަވާލު ނުކުރެއްވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖޭއެސްސީން ވެސް އެ ކޮމިޝަނަށް ފޮނުވާ ލިޔުންތައް ބަލައި ގަންނަނީ ރަސްމީ ގަޑީގައި ކަމަށާއި އެހެން ކަމުން ސުޕްރީމް ކޯޓަށާއި އަދި ވަކިން ހާއްސަކޮށް އުއްތަމަ ފަނޑިޔާރަށް ފޮނުއްވާ ލިޔުންތައް ނުވަތަ ހަވާލު ކުރައްވަން ބޭނުންވާ ލިޔުންތައް ހަވާލު ކުރައްވަމް ޖެހޭނީ ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑީގައި ކަމަށެވެ.
ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ޑރ އަހުމަދުގެ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެމަނިކުފާން ޖޭއެސްސީއަށް ހާޒިރުވުމަށް ވެސް އެންގިއެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ހާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރު ޖޭއެސްސީ އަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ސުލޫކީ މައްސަލައިގެ ނަމުގައި މައްސަލަތައް އުފެއްދުން ހުއްޓާލާ ދުސްތޫރީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ހުރަސް ނޭޅޭނެ ފަދަޔަކުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާގޮތުގައި އެމަނިކްފާނާއި ދެކޮޅަށް ބަލަން ނިންމާފައިވާކަމަށް ބުނާ މައްސަލައަކީ ފަނޑިޔާރުންނާ ދެކޮޅަށް އުފުލުން ޤާނޫނީގޮތުން ހުއްދަކުރާ ސުލޫކީ މައްސަލައިގެ މަފްހޫމަށް ފެތޭ މައްސަލައެއް ނޫނެވެ.
މީގެކުރިން ޖޭއެސްސީއިންވަނީ އުއްތަމަ ފަނޑިޔާރަށް ފިޔަވަޅު އެޅުއްވުމުގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމާފައެވެ. ނަމަވެސް އެކަންވެސް އުއްތަމަ ފަނޑިޔާރު ގަބޫލުފުޅެއް ނުކުރެއްވިއެވެ. ޖޭއެސްސީއަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ނަސޭޙަތް ދިނުމަށް ނިންމިކަމަށް ބުނެ ފޮނުވި ލިއުމަކާ ޙަވާލު ނުވެ އަނބުރާ ކޮމިޝަނަށް ފޮނުވާލެއްވީ ލިއުން ސުޕްރީމް ކޯޓުގެ ސަރކިއުލަރ އާއި ޚިލާފަށް އެޑްރެސްކޮށް ފޮނުވާފައިވާ ލިއުމެއްކަމަށް ވާތީ އެ ލިއުން އިޞްލާޙުކުރުމުގެ މަޤްޞަދުގައިކަމަށެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރު ކުރާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ މެދު އެހެން މައްސަލައެއްގައި ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން އޮތީ ނިންމައިފައެވެ.

