އޮޅުހިޔާގައި ޒަމާނީ ވެޓިނަރީ ކްލިނިކެއް ހިންގުމަށް ބޭނުންވާނެ އާލާތްތަކާއި އަދި ބޭސްތައް ހޯދުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަންގަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީން ބުނެފައިވަނީ އޮޅުހިޔާގެ މަސައްކަތްތައް ދެ ބަޔަކަށް ބެހިގެން ކުރިއަށް ދާ ކަމަށެވެ. އެގޮތުން އެއް ބަޔަކީ ޝެލްޓަރިންގެ ބައި ކަމަށާއި، އެބައި ކުރިއަށް ގެންދަނީ ފީލް އެންޑް ވެލްފެއަރ (އެފްޑަބްލިޔު) އެންޖީއޯއާއި ގުޅިގެން ކަމަށެވެ. އެގޮތުން ބުޅާތަކަށް ކާންދިނުމާއި، ސާފުކުރުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން އެ އެންޖީއޯއިން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދެން އޮންނާނީ ކްލިނިކަލްގެ ބައިކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ އެ މަރުހަލާގެ ދަށުން ބުޅާތައް މަގުތަކުން ނެގުމަށްފަހު ކަރަންޓީނުކުރާ ކަމަށެވެ. ކަރަންޓީނުކުރުމުގައި އެއްވެސް ބައްޔެއް ބުޅަލުގައި ހުރިތޯ މިނިސްޓްރީން ބަލާ ކަމަށާއި، އަދިއެއްވެސް ޒަހަމެއް ނުވަތަ ގެއްލުމަށް ބުޅާތަކަށް ލިބިފައިވޭތޯ ބަލާނެ ކަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނެފައިވަނީ ބުޅާތަކަށް ދޭންޖެހޭ ފަރުވާ ދިނުމަށްފަހު، ހުރިހާ ވެކްސިންތަކެއް ފުރިހަމަ ކުރާނެ ކަމަށެވެ. އަދި އެއަށްފަހު ނުވިހާގޮތަށް އޮފަރޭޝަންތައް ކުރާނެ ކަމަށެވެ. މިވަގުތަށް ބަލާއިރުވެސް، މިނިސްޓްރީން އެކި ފަހަރުމަތިން، އެކި ބެޗުތަކަށް ބަހާލައިގެން ބުޅާތައް ނެގުމުގެ މަސައްކަތް ކުރިއށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެހުރިހާ ފަހަރެއްގައިވެސް ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހު ޖެނެރަލް ވޯޑަށް އޭޗިސް ލާނެ ކަމަށް މިނިސްޓްރީޏް ވަނީ ބުނެފައެވެ.
މިނިސްޓްރީޏް ބުނެފައިވަނީ މިނިސްޓްރީން އޮޅު ހިޔާއަށް ހަވާލުވީއިރު އެތަނުގައި ބުޅާތައް ކަރަންޓީނު ކުރެވެން ނެތް ކަމަށެވެ. މިނިސްޓްރީން ބުނެފައިވަނީ އެއްފަހަރާއި 30 ބުޅަކުގެ ޖާގަ ހުންނާނެ ގޮތަށް މަސައްކަތް ފުރަތަމަ ފެށި ކަމަށެއެވެ. އެގޮތުން ކަރަންޓީނުގެ މުތަދު އިތުރުވާ ހާލަތްތަކުގައި މަގުތަކުން ބުޅާތައް ނުނެގޭނެ ކަމަށެވެ.
އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް ކަރަންޓީނު ކެޕޭސިޓީއިތުރު ކޮށްފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ ފަހަރަކު 80 ބުޅާ ކަރަންޓީނު ކުރެވޭ ގޮތަށް ކަމަށާއި، އަދި މިހާރު ޖެނެރަލް ހޯލްޑިންގއަށް ބަދަލުކުރެވޭ ގޮތަށް ބަދަލުތައް ގެނެސްފައިވާ ކަަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

