ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލިޔުމެއް ހަވާލު ކުރުމަށް ކަމަށް ބުނެ ”ގޮތް ނޭނގޭ ބަޔަކު“ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ގެކޮޅަށް ވަތްނަން މަސައްކަތް ކުރި މައްސަލަ އެމްއެންޑީއެފްއަށް ހުށަހަޅާފައިވަނިކޮށް އެގެއަށް ”ވަދެފައިވާނެ“ ކަމަށް ޖޭއެސްސީއިން އިއުތިރާފުވެއްޖެއެވެ.
ހޯމަ ދުވަހުގެ މެންދުރު ފަހު 12:45 އެހާކަށް ހާއިރު ޖޭއެސްސީގެ ފަރާތުން ލިޔުމެއް ހަވާލު ކުރަން ކަމަށް ބުނެ ގޮތް ނޭނގޭ ބަޔަކު އުއްޔަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ދިރިއުޅުއްވާ އިމާރާތެއް ވަދެ އުއްތަމަ ފަނޑިޔާރުގެ އެޕާޓްމެންޓް ހުންނަ ފަންގިފިލާއަށް އަރައި އެޕާާޓްމެންޓުގައި ޓަކި ޖަހައި ހެދި މައްސަލަ ”ސަންގު“ އިން ވާނީ ރިޕޯޓުކޮށްފައެވެ.
އެކަނާއި ގުޅޭގޮތުން ”ސަންގު“ އަށް މައުލޫމާތު ދެއްވި ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެޕާޓްމެންޓުގެ ދޮރުހުޅުވުމުން އެއީ ޖޭއެސްސީގެ ފަރާތުން އައި ބަޔަކު ކަމަށް ބުނި ކަމަށާއި ނަމަވެސް އެއީ ޖޭއެސްސީގެ ބަޔަކު ކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ ސަލާމަތީ ސަބަބުތަކަށްޓަކައި ކާކުކަން ނޭގެނީސް ދޮރު ނުހުޅުވުމަށް އެމްއެންޑީއެފްއިން އުއްތަމަ ފަނޑިޔާރަށް އެމްއެންޑީއެފްއިން ވަނީ އަންގާފައެވެ.
ސަރުކާރު ބަންދު ދުވަހެއްގައި ގޭގެ ސެކިއުރިޓީ މެދުވެރިކޮށް ވެސް އެނގުމެއް ނާންގާ ”ޖޭއެސްސީގެ އޮފިޝަލުން“ އެގެއަށް ވަދެފައިވަނީ އުއްތަމަ ފަނޑިޔާރުގެ ދިރިއުޅުއްވާ ގެކޮޅުގެ އެހެން ފަންގިފިލާއެއްގައި އުޅޭ ބަޔަކު ދޮރު ހުޅުވި ގަޑިއާއި ދިމާކޮށެވެ. އަދި އެޕާޓްމެންޓަށް އަރާ ވަރަށް ބާރަށް ދޮރުގައި ޓަކި ޖަހާ ހެދިކަމަށް އޮފިޝަލް ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ ފެންނަތިވުމާއި އެކު ޖޭއެސްސީން ވަނީ ބަޔާނެއް ނެރެ ލިޔުމެއް ހަވާލު ކުރުމަށް އެގެއަށް ދިޔަކަން އިއުތިރާފުވެފައެވެ. އެހެން ނަމަވެސް، އެ އިމާރާތުގެ ދޮރު ހުޅުވި ގޮތާއި، ސެކިއުރީޓީއާއި އެއްވެސް ވާހަކައެއް ދެއްކި ކަމެއް ބުނެފައެއް ނުވެއެވެ.
ޖޭއެސްސީން ބުނީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެ ކޮމިޝަންގެ މުވައްޒިފަކު ގޮސް އެމަނިކުފާނާއި ނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މުވައްޒިފު އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގޮސް، އެ ނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން އެ ނޯޓިސްއާ އުއްތަމަ ފަނޑިޔާރު ހަވާލުވެފައި ނުވާކަމަށް ޖޭއެސްސީން ބުނެއެވެ. ކޮމިޝަންގެ މުވައްޒަފު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް، ނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން، މުވައްޒަފާ މުޚާތަބުކޮށް ތިޔައި ކޮން ފަރާތެއްތޯ ސުވާލުކޮށްފައިވާކަމަށް ޖޭއެސްސީން ވެސް ބުނެއެވެ. މުވައްޒިފު ދެންނެވުމުން، ނޯޓިހާ ހަވާލުވެވަޑައިނުގެން އުއްތަމަ ފަނޑިޔާރު ގެކޮޅަށް ވެންނެވުމަށްފަހު ދޮރު ލައްޕަވާފައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެ ކޮމިޝަނުން ބުނީ އުއްތަމަ ފަނޑިޔާރާ ހަވާލުކުރުމަށް މަސައްކަތް ކުރެވުނު ނޯޓިހަކީ ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން ތަހުގީގު ކޮމެޓީއަށް ހާޒިރުވުމަށް ފޮނުވުނު ނޯޓިހެއް ކަމަށެވެ. ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރު އެގޮތަށް އަމަލުކުރެއްވި ނަމަވެސް ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން ތަހުގީގު ކޮމެޓީއަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ އިމާރާތުގައި އުޅުއްވާ އެހެން ފަނޑިޔާރާ ނޯޓިސް ހަވާލުކުރުމުން އެ ނޯޓިހާ ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ޑރ އަހުމަދުގެ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެމަނިކުފާން ޖޭއެސްސީއަށް ހާޒިރުވުމަށް ވެސް އެންގިއެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ހާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރު ޖޭއެސްސީ އަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ސުލޫކީ މައްސަލައިގެ ނަމުގައި މައްސަލަތައް އުފެއްދުން ހުއްޓާލާ ދުސްތޫރީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ހުރަސް ނޭޅޭނެ ފަދަޔަކުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާގޮތުގައި އެމަނިކްފާނާއި ދެކޮޅަށް ބަލަން ނިންމާފައިވާކަމަށް ބުނާ މައްސަލައަކީ ފަނޑިޔާރުންނާ ދެކޮޅަށް އުފުލުން ޤާނޫނީގޮތުން ހުއްދަކުރާ ސުލޫކީ މައްސަލައިގެ މަފްހޫމަށް ފެތޭ މައްސަލައެއް ނޫނެވެ.

