މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ހާއްސަ ވަގުތީ ޕާކިންގ އަންމުންނަށް ހުޅުވާލައިފިއެވެ.
ހުޅުމާލެ ފޭސް 2 ގައި ހުންނަ އޮޅުހިޔާއާއި ޖެހިގެން އޮންނަ ހުސްޖާގައިގަ ތަރައްގީކޮށްފައިވާ މި ޕާކިން ހުޅުުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީންއެވެ. މި ޕާކިން އަކީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި އެޗްޑީސީން ގުޅިގެން ތަރައްގީކޮށްފައިވާ ތަނެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ވެހިކަލްތައް ޕާކު ކުރާނެ ތަނެއް ނެތިގެން މަގުތަކާއި އާންމުން އެއްވާ ތަންތަނުގައި އުނދަގޫވާ ގޮތަށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ކަމަށެވެ. ނަމަވެސް މި ޕާކިންގ ޒޯންއާއިއެކު މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޕާކިންގ ސަރަހައްދެއް ހެދި ނަމަވެސް މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނީ، ޕާކިންއަށް ހުޅުވާލާފައިވާ ސަރަހައްދުތަކުގައި އާންމުން ޕާކު ކުރުމުން ކަމަށާއި އެހެންކަމުން މި ސަރަހައްދުގައި ޕާކު ކުރެވޭ އުޅަނދުތައް އެތަނުގައި ޕާކު ކުރުމަށް އަމީން ވަނީ އެދިވަޑައިގެންފައެވެ.
ވެހިކަލްތައް ގިނަވުން ހުއްޓުވުމަށްޓަކައި މިހާރުވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެކުރިން މިނިސްޓަރު އަމީން ވިދާޅުވީ، އުމުރު ހަމަވެފައިވާ ވެހިކަލްތައް ރާއްޖޭގެ ’އޭ ޒޯން‘ ނުވަތަ މާލެ ސަރަހައްދުގެ ބަދަލުގައި އެހެން ސަރަހައްދެއްގައި ރެޖިސްޓްރީކުރުމަށް އިރުޝާދު ދެއްވާފައިވާކަމަށާއި، މިކަމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާނެކަމަށެވެ.
މި ހުރިހާ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަރާއި އަޅާބަލާއިރު، އާ ވެހިކަލް ރެޖިސްޓްރީކުރާ އަދަދު 74 އިންސައްތައާއި ގާތްކުރާ މިންވަރަކަށް ދަށްވެފައިވާކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. މިއީ މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލްތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

