ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާއި، ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމަށްޓަކައި، އިތުރު ސަރަހައްދުތައް ހިމާޔަތްކޮށް، މިހާރު ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ޓޫރިޒަމް އެންޑް އެންވައިރޮންމެންޓް މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގެ ތިމާވެށީގެ ޙާލަތާއި ދިރޭތަކެތީގެ ނަސްލުގެ ޙާލަތު އަބަދުވެސް ދިރާސާކުރަމުންދާ ކަމަށާއި، މި ދިރާސާތަކަށް ބިނާކޮށް އިތުރު ސަރަހައްދުތައް ހިމާޔަތްކުރަން ފެންނަ ނަމަ އެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ. އެގޮތުން، ވަކި ސަރަހައްދެއް ހިމާޔަތްކުރުމުގެ ކުރިން ފުޅާ ދާއިރާއެއްގައި ސާރވޭކޮށް، އެ ސަރަހައްދެއްގެ ދިރުންތަކާއި، ވެށީގެ ހާލަތު ރިކޯޑުކޮށް ވަޒަންކުރަންޖެހޭ ކަމަށާއި، އަދި އެ ސަރަހައްދަކާ ގުޅިފައިވާ ރަށްތަކާއި މަސްލަހަތުވެރީން ބައިވެރިކުރަންޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ.
ތަނެއް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަގުސަދު ޙާސިލްވާނީ ރޭވިގެން، ސްޓެރެޓެޖިކްކޮށް މަސައްކަތްކޮށްގެން ކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.
މިހާރު ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ވެސް މިނިސްޓްރީން ސަމާލުކަން ދެމުންދާކަމަށް ތޯރިގް ވިދާޅުވިއެވެ. މިނިސްޓަރ ހާމަކުރެއްވި ގޮތުގައި މިހާތަނަށް 90 އަށް ވުރެ ގިނަ ސަރަހައްދު ދިވެހިރާއްޖޭގައި ވަނީ ހިމާޔަތްކޮށްފައެވެ. ނަމަވެސް މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބަލަހައްޓަމުން ދަނީ މަދު ސަރަހައްދެއް ކަމަށާއި، އެހެންކަމުން މި ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމަށް އެކި މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވި އެވެ. އަދި މެނޭޖްމަންޓް ޕްލޭންތައް ހަދާފައިވާ ސަރަހައްދުތަކުގައި އަމަލީ ގޮތުން ބެލެހެއްޓުމަށް ވެސް މިނިސްޓްރީން މިހާރު ސަމާލުކަން ދެމުންދާކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިސާލެއްގެ ގޮތުން މިނިސްޓަރ ތޯރިގް ވިދާޅުވީ، ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭން މިހާރު އެކުލަވާލައި، އެ ސަރަހައްދު ބޭނުންކުރާ މަސްލަހަތުވެރިންނާއި ގުޅިގެން އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިހާތަނަށް ސަމްޕާ މެނޭޖްމަންޓް ޕްލޭނަށް އަހުލުވެރިކުރުވުމަށް ހިންގި ސެޝަންތަކުގައި 530 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ އިރު، 440 އަށް ވުރެ ގިނަ ފަރާތުން ވަނީ ސަމްޕާ ގައިޑް އިމްތިހާން ހަދާފައެވެ.
މީގެ އިތުރުން، މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް ސަމްޕާ ރޭންޖަރުން ވަނީ މިހާތަނަށް 1135 ކިލޯމީޓަރުގެ ސަރަހައްދު މޮނިޓަރކޮށް، ކަނޑު މަތީގައި 121 ގަޑި އިރަށް ވުރެ ގިނަ ވަގުތު ހޭދަކޮށްފައެވެ. މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމަށް އަޅާނެ މުހިންމު ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

