އިއްޔެ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. 51 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރިއިރު މި ޤައުމުގެ ހާލަތު ނިކަން ބައްލަވާލައްވާށެވެ.
ޖުމްހޫރީ ދައުލަތެއް އޮތީ ރައްޔިތުންގެ ވެރިކަމެއް ކުރާދައުލަތެއް އޮތުމެވެ. އެއީ ރައްޔިތުންނަށްޓަކައި ރައްޔިތުންކުރާ ވެރިކަމައް އޮތުމެވެ. ޖުމްހޫރީ ވެރިކަމަކީ އެ ވެރިކަމެއްގައި، ދައުލަތުގެ ހުރިހާ ކަންކަންރައްޔިތުންގެ ބަހާއި އެއްގޮތަށް ނިންމާ ވެރިކަމެކެވެ. އެ އުސޫލުތައްވާންޖެހެނީ އެޤައުމެއްގެ ޤާނޫނު އަސާސީގައި ބަޔާންވެ އެނގެން އޮންނަ އުޞޫލުތަކަކަށެވެ. ޢަމަލުކުރަން ޖެހޭނީ ޤާނޫނީ ތަރަހަތަކުގެ ތެރެއިންނެވެ.
ކުރު ގޮތަކަށް ބުނާ ނަމަ އެއީ ރައްޔިތުންގެ ވެރިކަމެކެވެ. އެކަމަކު މި ދިވެހިރާއްޖޭގައި ހިނގަނީ ރައްޔިތުންގެ ވެރިކަމެއް ބާވައެވެ.
ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ޤައުމުގެ އެންމެ މަތީ ވެރިޔާ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާޢީދާއެކު އިންތިޚާބު ކުރުމެވެ.
ގިނަ ފަހަރު ދިވެހިން ވެރިއަކު އިންތިޚާބު ކުރަނީ ކޮންމެހެން އެ އިންތިޚާބު ކުރާ މީހާއަށް އޮންނަ ތާޢީދަށް ބަލައިގެން ނޫނެވެ. އެއަށް ވުރެ ބޮޑަށް އޭރަކު ވެރިކަމުގައި ހުރި މީހާ ބަދަލުކޮށްލުމުގެ ނިޔަތުގައެވެ. ރައްޔިތުން ރުހޭނެ ތައުލީމާއި ތަހުޒީބެއް ލިބިފައިވާ ޚިދުމަތްތެރިއެއް އަދި މިހާތަނަކަށް ވެރިކަމާއި ހަމައަށް ނާދެއެވެ. ފަހަރެއްގައި ސިޔާސީ ކުޅިވަރަކީ އެފަދަ އަބުއި ބޭފުޅުންނަށް މާ ހުތުރު ކުޅިވަރަކަށް ވެދާނެއެވެ.
ކޮންމެއަކަސް، އަޅުގަނޑުމެން ދިވެހިން ޖުމްހޫރިއްޔަތެއްގެ ހިޔަލުގައި މި ކުރި ދަތުރަކީ ފޮނި ދަތުރެކޭ ބުނެވޭކަށް ނެތެވެ. ޖުމުހޫރިއްޔާ އެއްގެ ދަށުން ދިވެހިން ކުރި ދަތުރު ޑިމޮކްރަސީގެ މަގަށް ބަދަލުވެ އެ ދަތުރު ކުރަމުންދާއިރު، ދިވެހިން ހޮވި އެއްވެސް ވެރިޔަކަށް މިހާތަނަށް ދިވެހިންގެ ވިންދު އިހުސާސްވެފައެއް ނެތެވެ. ކޮންމެ ވެރިއަކާއި މެދު ވެސް ދިވެހިންގެ ޝަކުވާ އަކަށް ވަނީ އާއިލީ ކުލަ ވެރިކަމުގެ މަތީފަޑީގައި ގަދަވާކަމުގެ ވާހަކައެވެ.
ހިތާމައާއި އެކު ދަންނަވަން ޖެހެނީ ކޮންމެވެސް ސިޔާސީ ނޫނީ ވިޔަފާރިވެރި ޝަހުސެއްގެ އަތްދަށުވެ ސަރުކާރުތައް ގޮނޑިކޮއްކޮ ސަރުކާރުތަކަށް ވާކަމެވެ. ރައްޔިތުންގެ ވޯޓާއި އެކު ރައްޔިތުންގެ ޚާދިމުންގެ ޓެގް އަޅުއްވައިގެން ވެރިކަމަށް ވަޑައިގަތުމުން، ދެން ރައްޔިތުންގެ އަޑަށް ބީރު ކަންފަތެއް ދޭކަމެވެ. ޖުމްހޫރީ ނިޒާމެއް އޮތް އިރު ރައްޔިތުންގެ ގެ “ ރައްޔިތުންގެ މަޖިލީހުގައި“، އާންމު ރައްޔިތު މީހާއަށް ލުއި ވާނެ ބިލެއް ފާސްކުރެވެނީ މަދަކުންނެވެ. ދެންވެސް ހަމަ ކިޔަންވީ ރައްޔިތުންގެ ވެރިކަމެކޭ ހެއްޔެވެ؟
އާންމު ރައްޔިތު މީހާއަށް ނުކަތާވަރަށް ތަކެތީގެ އަގު އުފުލޭއިރު ކުޑަ މިނުން ލިބޭ އާމްދަނީއަކީ އަބުރުވެރި ދިރުއުޅުމަކަށް ފުދޭ މިންވަރަށް ހަދައެއް ނުދެވެއެވެ. ދިވެހިންގެ އާބާދީގެ ތިން ބައި ކުޅަ ދެބައި އުޅޭ މި ފުރަ މާލޭގައި ކޮތަރު ކޮށީގައި ލިބޭ މުސާރަ ޚަލާސްކޮށްގެން އުޅޭ އާންމު ރައްޔިތު މީހާއަށް ސަރުކާރުތަކަށް ކޮށްދެވުނު ކަމެއްނެތެވެ. އަދި ނަރުދަމާ އާއި ފެން ފަދަ އަސާސީ ޚިދުމަތްތައް ހޯދުމަށް ވެސް އެ ރައްޔިތުން ޖެހެނީ ރައްޔިތުންގެ މަންދޫބުން ކައިރީގައި ސަލާން ޖަހާށެވެ.
މިއަދުވެސް ބޮޑު ބައްޔެއް ވެއްޖެ ނަމަ ޖެހެނީ ކުޑަ ސިޓީ ލިޔާ އުސޫލުން ސިއްހީ ފަރުވާ ހޯދަން ސަލާމް ޖަހާށެވެ. ބަދަލުވީ އެ ސިޓީ އަށް ސަލާމް ޖަހާ އުސޫލެވެ. ކުރިން ތީމުގޭގެ ކިޔުއާއި ވެލްފެއަރ ކިޔު އޮތް އޮތުމަށް ނިމުން އަޔަސް އާސަންދަ ހޯދަން އަދި ބޭރަށް ދާން އެހީ ހޯދަން ޖެހެނީ އެ އެހީ ކަށަވަރުކުރުމަށް ސިޔާސީ ވެރިންގެ ފައިބުުޑަށް ވެއްޓޭށެވެ. ޖުމްހޫރީ ވެރިކަމެއްގަ އެއީ ހަމަގައިމުވެސް ރައްޔިތު މީހާ އެދޭގޮތެއް ނޫނެވެ.
ދެން އާންމު ރައްޔިތު މީހާ ބޭނުންވަނީ ޢިލްމާއި ހިލްމެވެ. ދިވެހި ޒުވާނުން ވަޒީފާ ނެތި ބިކަ ވެފައި ތިބި އިރު، އޭގެ ތެރޭގައި ޑިޕްލޮމާ އާއި ޑިގްރީ ފަތްކޮޅު ހިފައިގެން ތިބި ދިވެހިން މަދެއް ނޫނެވެ. ނަމަވެސް ޕާޓީ މީހާއަށް ވަޒީފާތައް ޔަޤީނެވެ. އަސާސީ ތައުލީމް ހަމަހަމަ ކަމާއި އެކު ނުލިބުމުން އަމިއްލަ ރަށް ދޫކުރަން ޖެހުނު މައިންނާއި ބަފައިން އެހާމެ ގިނައެވެ. މިއީ އާންމު ރައްޔިތު މީހާ އެދޭ އެދުމެއް ނޫނެެެވެ. އަދި މިއީ ޖުމްހޫރީވެރިކަމުގެ ސިފައެއްވެސް ނޫނެވެ.
އެންމެ ދެރަކަމަކީ މިއަދު ރައްޔިތުން އެއީ އެކަތިގަނޑެއްގެ ގޮތުގައި ނުފެންނަކަމެވެ. މިއަދު ރައްޔިތުން ދެބައިވެއްޖެ ކަހަލައެވެ. ހުޅަނގުން އައި ސިޔާސީ އޮއިވަރާއި އެކު ދިވެހިންގެ އެއްބައިވަންތަކަން ނެތިގެއްލި ހިނގައްޖެއެވެ. ރައްޔިތުންގެ ކަންކަމުގައި ވެސް އެއް ގަލަކަށް އެރުން ދަތި އުނދަނގޫ ކަމަކަށް ވެއްޖެއެވެ.
ޤަބޫލުކުރަން ޖެހޭ ކަމަކީ ޖުމްހޫރިއްޔަތެއްގެ ހިޔަލިުގައި 51 އެއްއަހަރު ހޭދަ ކުރިޔަސް، ހަގީގީ ރައްޔިތުންގެ ވެރިކަމެއް ކުރަން ވަނީ ނުކުޅެދިފައެވެ. އޭގެ ބަދަލުގައި ވެރިކަން ވަނީ އެންމެ ރައްޔިތެއްގެ ނޫނީ ދެތިން މީހެއްގެ އަތުގެ ކުޅި ބަޔަކަށެވެ.

