ދައުލަތުގެ ޕްރޮކިއުމަންޓްގެ ނިޒާމު ޑިޖިޓަލްކުރުމަކީ ކޮރަޕްޝަން ނައްތާލުމަށް ހުޅުވޭ މުހިންމު ދޮރެއްކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނިޔާޒީ ވިދާޅުވީ އޮޑިޓް ރިޕޯޓްތަކާއި އޭސީސީން ހިންގާ ތަޙުޤީޤުތަކުން އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ ލިޔެކިޔުމުގައި ހުންނަ އޮޅުވާލުމުގެ މައްސަލަތައް ކަމަށާއި، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށެވެ.
ނިޔާޒީ ވިދާޅުވީ ލިޔެކިޔުމުގައި އޮޅުވާލުން ނުވަތަ ޑޮކިއުމެންޓް ފްރޯޑްގެ މައްސަލައަށް ހައްލެއް ލިބެން އޮތީ ލިޔެކިޔުން ހުށަހެޅުމާއި ބެލެހެއްޓުމާ ގުޅުންހުރި ނިޒާމުތައް ޑިޖިޓަލްކޮށްގެން ކަމަށެވެ. އެގޮތުން ވުޒާރާތަކާއި އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގެ ޕްރޮކިއުމެންޓް ނިޒާމު މުޅިން ޑިޖިޓަލްކުރަންޖެހޭކަމަށް ނިޔާޒީ ވިދާޅުވިއެވެ.
ޕްރޮކިއުމެންޓްގެ ކަންކަން ޑިޖިޓަލް ކުރެވިއްޖެނަމަ ނަޒާހަތްތެރިކަން ކަށަވަރުކުރަން ބޮޑު ބާރެއް ލިބޭނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
”ވާގޮތަކީ ލިޔެކިޔުން ނުހުރޭ މައްސަލައެއް ތަޙުޤީޤުކުރަން ބަލާއިރު. ލިޔެކިޔުން ހޯދަން ދަތި. ބިޑުކުރުމާއި ޑޮކިއުމެންޓް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހުށައެޅޭނަމަ ދެފުށްފެންނަ ގޮތަކަށް އެކަން ކުރެވޭނެ”
ނިޔާޒީ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެންނަންޖެހޭ ކަމަށެވެ. މިގޮތުން އެއް ކަމަކަށް ދައުލަތަށް ގެއްލޭ މުދާ އަލުން ހޯދުމުގައި ހުރި ދަތިކަން ނިޔާޒީ ފާހަގަކުރެއްވިއެވެ.

