މަސްތުވާތަކެތީގެ މައްސަލައަކީ ދިވެހި މުޖުތަމަޢަށް އަބަދުވެސް ކުރިމަތިވެފައިވާ ނުރައްކާތެރި ވަބާއެކެވެ. މިއަދާއި ހަމައަށް އައިއިރު، މި ވާހަކަތައް އެހާ ފުޅާކޮށް ދެކެވެމުންދާއިރު، މިކަން މިއަދު ”ވައިގައި“ ހިފާފައި އޮތީ ޒުވާނުންގެ މެދުގައެވެ.
ޤައުމުގެ މުސްތަޤްބަލް ބިނާކުރާނެ ޖީލުގެ މަގު މިވަނީ ކަސިޔާރުވެފައެވެ. މި ހާލަތުން އަރައިނުގަނެވޭނަމަ، ރާއްޖެ މިސްރާބު ޖަހާނީ މަސްތުވާތަކެތީގެ ބޮޑު ކްރައިސިސްއަކަށެވެ. މި މައްސަލަ ރާއްޖޭގައި މިހާ ބޮޑުވެފައިވަނީ މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވި، ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ނުކުރެވި އޮތުމުގެ ސަބަބުންނެވެ.
މިއަދު މަސްތުވާތަކެތި ބޭނުންކުރުން ވަނީ އިންތިހާއަށް އާއްމުވެފައެވެ. މަސްތުވާތަކެއްޗަށް ޚާއްސަކުރެވިގެން ޕާޓީތައް ބޭއްވުމާއި، މަގުތަކުގައި މަސްތުގެ ހާލަތުގައި އުޅުމާއި، އަދި ރޭގަނޑެއް ދުވާލެއް ނުބަލާ މި ތަކެތި ވިއްކުމުގެ ވިޔަފާރި ވަނީ ބޮޑުވެފައެވެ.
މި ހުރިހާ ކަމެއް މިހާ ބޮޑުވެގެން އައިސްފައިވާއިރު، މިއީ ގާބޫލުކުރަންޖެހޭ ހަޤީޤަތެއްގެ ގޮތުގައި، ކަމާބެހޭ މުއައްސަސާތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި އޮތުމުގެ ނަތީޖާއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރުގަދަ ނުވުމުގެ ސަބަބުން، މި ވަބާ ވަނީ މުޅި މުޖުތަމަޢު ބައްދާލާފައެވެ.
މި މައްސަލައިގައި އެންމެ ކަންބޮޑުވާ އެއްކަމަކީ ކުޑަކުދިންގެ ނިސްބަތް އިތުރުވުމެވެ. 2021 ވަނަ އަހަރު ހެލްތު މިނިސްޓްރީން ކޮށްފައިވާ ދިރާސާތަކުން މިކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.
އެގޮތުން، 2014 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރުފުރާ ހުރީ 22 އަހަރާއި 40 އަހަރާއި ދެމެދުގައެވެ. ނަމަވެސް 2021 ވަނަ އަހަރާއި ހަމައަށް އައިއިރު، އެ އުމުރުފުރާ ވަނީ 17 އަހަރާއި 68 އަހަރަށް ބަދަލުވެފައެވެ.
މި ބަދަލު ދައްކުވައިދެނީ މިކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަން ”މާލަސްވެއްޖެ“ ކަމެވެ. ޚާއްސަކޮށް ޅަފުރައިގެ ކުދިންނަށް އެކި ތަކެތީގެ ޒަރީޢާއިން މަސްތުވާތަކެތި ދިނުމަށް މަސައްކަތްކުރާކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާއިރު، މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.
މަސްތުވާތަކެތީގެ ވަބާގެ ސަބަބުން މުޅި މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރު އިންތިހާއަށް ބޮޑުވެ ޖީލެއް ދަނީ ހަލާކުވަމުންނެވެ. ޒުވާނުން މަސްތުވާތަކެތީގައި ޖެހި، އެމީހުން މަސައްކަތުގެ މައިދާނަށް ނިކުންނަ މިންވަރު ދަށްވެ، ޤައުމުގެ އުފެއްދުންތެރިކަމަށް ބުރޫއަރައެވެ.
މީގެ އިތުރުން، އިޖުތިމާޢީ މައްސަލަތައް އިންތިހާއަށް ބޮޑުވެ، އާއިލާތަކުގައި މައްސަލަ ޖެހި، އެ އާއިލާތައް ރޫޅިގެންދެއެވެ. މަސްތުވާތަކެތި ހޯދުމަށްޓަކައި ވައްކަން ކުރުމާއި، ފޭރުމާއި، އަނިޔާވެރިވުން ފަދަ ކުށްތައް އިތުރުވެ، މުޅި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރެއެވެ. މި މައްސަލައަކީ މުޅި ޤައުމުގެ ސަލާމަތަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ބޮޑު މައްސަލައެކެވެ.
އަޅުގަނޑުގެ ޙިޔާލުގައި މިކަމަށް ހައްލު ގެންނާން ބޭނުންވާނަމަ، އެކަން ފަށަން ޖެހެނީ ޤާނޫނުތަކާއި ހަމައިންނެވެ. އެބަޔަކު ބޭނުންވާ ގޮތަކަށް ޤާނޫނުތަކަށް ބަދަލުތައް ގެންނައިރު، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ބަދަލު ނުގެނެވޭންވީ އެއްވެސް ސަބަބެއް ނެތެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި، އެ ވިއްކާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅެން ޖެހެއެވެ. ދާދި ފަހުން ސަރުކާރަށް ގެނެވުނު އެންމެ ބޮޑު އަދި ހަރުކަށި ފިޔަވަޅަކީ ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ނިންމުމެވެ. މިފަދަ ހަރުކަށި ފިޔަވަޅުތަކަކީ މި ވިޔަފާރި ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ނަމަވެސް ހަމައެކަނި ޤާނޫނީ އަދަބު ދިނުމަކީ މި މައްސަލައަށް ހުރި ހަމައެކަނި ހައްލެއް ނޫނެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި، އެމީހުން މުޖުތަމަޢަށް އަނބުރާ ގެނައުމުގެ މަސައްކަތްތައް ހަރުދަނާ ކުރަންޖެހެއެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސްކޫލްތަކާއި، އާއިލާތަކާއި، މުޖުތަމަޢުގެ ތެރެއިން ހިންގަންޖެހެއެވެ. އާއިލާގެ ބައިވެރިވުމާއި، ދީނީ އަދި އިޖުތިމާޢީ ކަންކަމަށް ސަމާލުކަން ދިނުމަކީ ޒުވާނުން މި ވަބާއިން ދުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެކެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، މަސްތުވާތަކެތީގެ މައްސަލަ މިވަނީ ދިވެހި ޤައުމަށް ކުރިމަތިވެފައިވާ ބޮޑު ކްރައިސިސްއަކަށް ބަދަލުވެފައި ކަމެވެ. ޒުވާން ޖީލު ހަލާކުވެ، ޤައުމުގެ މުސްތަޤްބަލް ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި، ސަރުކާރާއި، ކަމާބެހޭ މުއައްސަސާތަކާއި، އާއްމު ރައްޔިތުން ގުޅިގެން ހަރުކަށި ޤާނޫނީ ފިޔަވަޅުތަކާއި، ހަރުދަނާ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް، މި ވަބާއިން ސަލާމަތްވުމަށް އަވަސް މަސައްކަތްތަކެއް ކުރުން މިއަދު ވަރަށް ބޮޑަށް ބޭނުންވެއެވެ.

