ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމަކީ ދިވެހި މުޖުތަމަޢުގައިވެސް ނަފްރަތުކުރެވޭ އަދި ޤާނޫނީ ގޮތުން މަނާކުރެވޭ ކަންކަމެވެ. މިފަދަ ކަންކަމުގެ ތެރޭގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުން ހިމެނެއެވެ.
މިއީ އިސްލާމީ ޝަރީޢަތުގައި ހަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމުގެ ނުރައްކާތެރިކަން އިތުރުވެ، ޖުވާ ކުޅުން އާންމުވަމުންދާތީ، ސަރުކާރުން ވަނީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި އިސްލާހު މަޖިލީހަށް ފޮނުއްވިކަން ހާމަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ.
ޖުވާ ކުޅުން އާންމުވުމުގެ ނުރައްކާ
މިފަހަކަށް އައިސް ރާއްޖޭގައި ޖުވާ ކުޅުން ވަނީ ކަންބޮޑުވާ މިންވަރަކަށް އާންމުވެފައެވެ. ޚާއްސަކޮށް ޑިޖިޓަލް ޒަމާނުގެ ފަސޭހަތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ އޮންލައިން ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ދިވެހީން ޖުވާ ކުޅޭކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން މާލީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ގެއްލުންތަކެއް ދިވެހި ރައްޔިތުންނަށް ކުރިމަތިވެއެވެ. އާއިލީ ގުޅުންތައް ރޫޅި، ދަރަނިތައް ބޮޑުވެ، އެކި ކަހަލަ ޖިނާއީ ކުށްތަކަށް މަގުފަހިވެގެންދެއެވެ.
ޤައުމީ ބޭންކު، ބީއެމްއެލްއިންވެސް ވަނީ ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާގެ މުޢާމަލާތްތަކަށް އެ ބޭންކުގެ އެކައުންޓުތައް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމުން ދައްކުވައިދެނީ ޖުވާގެ މުޢާމަލާތްތައް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަދެފައިވާ މިންވަރެވެ. މިފަދަ ވެބްސައިޓްތައް ބްލޮކްކުރުމަށް ބޭންކުން ފިޔަވަޅު އަޅަމުންދާއިރު، ޤާނޫނީ ގޮތުން މިކަން މަނާކުރުމަކީ މި ނުރައްކާ ކުޑަކުރުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅެވެ.
ޤާނޫނުލް ޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
މި ބިލުގެ މަޤްޞަދަކީ ޖުވާ ކުޅުމުގެ ޢަމަލުތަކަށް ހަރުކަށި ޢުޤޫބާތްތައް ކަނޑައަޅައި، މިފަދަ ޢަމަލުތައް ހުއްޓުވުމެވެ. ޖިނާއީ ކުށެއްގެ ގޮތުގައި މިކަން ކަނޑައެޅުމަށްފަހު، ޖުވާ ކުޅޭ ފަރާތްތަކާއި ޖުވާ ކުޅުމަށް މަގުފަހިކޮށްދޭ ތަންތަން ހިންގާ ފަރާތްތަކަށް ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންދާނެއެވެ.
ބިލުގެ މަސައްކަތް ކުރިއަށްދާނެ ގޮތް
ސަރުކާރުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، މިވަގުތު މަޖިލިސް އޮތީ އަހަރުގެ ތިން ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު ޗުއްޓީގައެވެ. އެހެންކަމުން، މި ބިލުގެ މަސައްކަތްތައް ރަސްމީކޮށް ކުރިއަށްގެންދެވޭނީ އަންނަ އަހަރުގެ ދައުރުތައް ފެށުމާއެކުގައެވެ. މަޖިލީހުގެ ޗުއްޓީ ނިމި، ޖަލްސާތައް ފެށުމުން، މި ބިލު ދިރާސާކޮށް ބަހުސްކުރުމަށްފަހު ފާސްކުރެވިގެންދާނެކަމަށް ލަފާކުރެވެއެވެ. މި ބިލު ޤާނޫނަކަށް ވެގެންދިއުމަކީ ދިވެހި މުޖުތަމަޢުގެ ދީނީ އަދި ނަފްސާނީ ސަލާމަތަށްޓަކައި ވަރަށް ބޭނުންތެރި ކަމެކެވެ.

