ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ދެވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ.

މި ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އެންމެ ފުރަތަމަ މިނިސްޓްރީން އިއުލާނުކުރީ މި އަހަރުގެ އޮގަސްޓު މަހުގައެވެ. ނަމަވެސް، އެ ފަހަރު ކާމިޔާބު ނުވުމުގެ ސަބަބުން، އަލުން މި ވަނީ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، މި ހެލިކޮޕްޓަރު ހިދުމަތުގެ ދަށުން މުހިންމު ތިން ކަމެއް ކުރަން ޖެހެއެވެ. އެއީ، އެއާ އެމްބިއުލާންސް ހިދުމަތް ފޯރުކޮށްދިނުމާއި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށް ހަރަކާތްތެރިވެ އެހީތެރިވުމެވެ. އަދި މީގެ އިތުރުން، ވިޔަފާރީގެ ބޭނުންތަކަށް ފަސިންޖަރުން އުފުލާ، ޓޫރިޒަމްގެ ދާއިރާއަށް ހެލިކޮޕްޓަރު ބޭނުންކުރުން ވެސް ހިމެނެއެވެ.

މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ހެލިކޮޕްޓަރު ހިދުމަތް ދިނުމަށް ހޮވޭ ފަރާތަކަށް، ޓޫރިޒަމްގެ ބޭނުމަށް ފަސިންޖަރުން އުފުލުމުގެ ހުއްދަ 10 އަހަރުގެ މުއްދަތަށް ލިބިގެންދާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެހެން އެއްވެސް ފަރާތަކަށް މި ހިދުމަތް ދިނުމަށް ހުއްދަ ލިބިގެންނުދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ. މިކަމުގެ ސަބަބުން ހިދުމަތް ދޭ ފަރާތަށް ބޮޑު އިނާޔަތެއް ލިބިގެންދާނެއެވެ.

މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 2025 ޑިސެމްބަރު 25 ގެ ނިޔަލަށެވެ. މިހާރު ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރަމުން އަންނަނީ ޑޭޝް 8 ގެ މަތިންދާބޯޓެކެވެ. އަދި ދާދި ފަހުން ސީޕްލޭނެއް ވެސް އެއާ އެމްބިއުލާންސްއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވެއެވެ. ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުން، ކުއްލި ހާލަތްތަކުގައި ވެސް އަވަސް ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: