ދިވެހިރާއްޖޭގެ އެންމެ ބޮޑު އުމްރާނީ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ، މާލެ، ވިލިމާލެ އަދި ގުޅިފަޅު ގުޅާލާ ތިލަމާލެ ބްރިޖުގެ 67.4 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ބިޔަ މަޝްރޫޢުގެ އަދާހަމަ އެ ވުޒާރާއިން ހާމަކުރީ ސަރުކާރުގެ ފުރަތަމަ 104 ހަފްތާގެ މަޢުލޫމާތު ހާމަކުރުމަށްޓަކައި ކުރި ޕޯސްޓެއްގައެވެ. މި ބްރިޖަކީ މާލެ ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމަށް ވަރަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫޢެކެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫޢަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. އޭގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރު ހިމެނެއެވެ.
ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެފްކޮންސް ކުންފުނިންނެވެ. މި މަސައްކަތް އެފްކޮންސްއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 2021 ސެޕްޓެމްބަރ 16 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުނުއިރު، ފުރަތަމަ ދުވަސްވަރު މަސައްކަތް ކުރިއަށް ދިޔަ ސްޕީޑާ މެދު ސުވާލު އުފެދިފައިވެއެވެ. ކުރީގެ ވެރިކަން ނިމުނުއިރު ބްރިޖުގެ އެއްވެސް މަސައްކަތެއް ފެނުމުގެ މައްޗަށް އަރާފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ބްރިޖުގެ ނިމިފައި އޮތީ އެންމެ 29 އިންސައްތައެވެ.
މީގެ އިތުރުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުމުގެ އެއްދުވަސް ކުރިން، ބްރިޖުގެ އެއްބަސްވުން އިތުރު ތިން އަހަރަށް ދަންމާލުމަށް އެފްކޮންސްއަށް ފުރުސަތު ދިނުމަކީ ވެސް މަސައްކަތް ނިމުމަށް ހުރި ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމެކެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ބްރިޖުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ. މިގޮތުން، ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށްވާ، ޕައިލްތައް ޖެހުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. ޖުލައި 1 ވަނަ ދުވަހު ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރެއްވި ގޮތުގައި، ޕައިލިން މަސައްކަތުގެ ދަށުން 263 ޕައިލް ކަނޑާއި އެއްގަމުގެ 68 ތަނެއްގައި ވަނީ ޤާއިމުކޮށްފައެވެ. އަދި، މި އަހަރުގެ އޭޕްރީލް 3 ވަނަ ދުވަހު ބްރިޖުގެ އެންމެ އުސް ޕްރީކާސްޓް އަޅައި ނިންމާލާފައިވެއެވެ. މި ކުރިއެރުންތަކުން ދައްކުވައިދެނީ މަސައްކަތް ނިންމުމަށް ސަރުކާރުން ދެމުން އަންނަ އިސްކަމެވެ.
ތިލަމާލެ ބްރިޖު ހުޅުވުމާ ގުޅިގެން ވިލިމާލެއަށް އަންނާނެ ބަދަލުތަކާ މެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ސަރުކާރުން ވަނީ އެކަމަށް ޔަޤީންކަން ދީފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވަޒީރު ޑރ. މުއްޠަލިބް ވަނީ، ބްރިޖު ހުޅުވުނަސް ވިލިމާލެ ބާއްވާނީ މިހާރު ވެސް އޮންނަ ގޮތަށް އިންޖީނުލީ އުޅަނދު ނުދުއްވޭ ރަށެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ބްރިޖުން ދަތުރުކުރާ އުޅަނދުތައް ޕާކުކުރުމަށްޓަކައި ވިލިމާލޭގައި ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް 67.4 އިންސައްތަ ނިމިފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފަހުކޮޅު މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މި ބްރިޖަކީ މާލެ ސަރަޙައްދުގެ ރަށްތައް ގުޅުވައިލައި، ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ މަޝްރޫޢެކެވެ. މަސައްކަތް އަވަސްކުރުމަށް އިންޑިއާއާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ވުޒާރާއިން ހާމަކުރައްވާފައިވާއިރު، މި މަޝްރޫޢު ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށް އުންމީދުކުރެވެއެވެ. މި ބްރިޖު ވެގެންދާނީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބިންގަލަކަށެވެ.

