2020ގެ ބަޖެޓަށް ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވުމުން އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.
2020ގެ ބަޖެޓަށް ބަހުސްކުރަން ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުން، ޝިޔާމް ވިދާޅުވީ 2020ގެ ބަޖެޓަކީ ރާއްޖެ ކަފުން ކުރާނެ ބަޖެޓެއް ކަމަށެވެ. އެ ބަޖެޓަކީ ރާއްޖޭގެ އިގްތިސާދު ދިރާސާ ނުކޮށް އެކުލަވާލާފަިއވާ ބަޖެޓެއް ކަމަށާ، ބަޖެޓްގައި ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ ލިބޭނެކަން ކަށަވަރުވާ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ބަޖެޓަށް ފާޑު ވިދާޅުވެ ޝިޔާމް ވިދާޅުވީ، އެ ބަޖެޓްގެ ސަބަބުން ރާއްޖެ ބޮޑުތަނުން ދަރަނިވެރިވެގެންދާނެ ކަމަށެވެ.
”ފަހަރެއްގަ ވެދާނެ މިއީ އެޖެންޑާ 19 ތަންފީޒްކުރަނީ ކަމަށް. ބަޖެޓްގައި ޕީއެސްއައިޕީއަށް ބޮޑެތި އަދަދުތަކެއް ޖެހިދާނެ. މި ލިބޭނެ ގޮތެއް ނެތް“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މި މޭރުމުން ވާހަކަދައްކަވަން ފެއްޓެވުމުން އެމްޑީޕީގެ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވަން މަސައްކަތް ކުރައްވާފައެވެ. އެގޮތުން ނިޒާމީ ނުކުތާއަށް ފުރުސަތު ދިން މެމްބަރުން ވަނީ މިދިޔަ ސަރުކާރުގައި ޝިޔާމް ހުރެގެން ހިޔާނާތްވި އިރުގައި ވާހަކަ ނުދައްކާ މިހާރު ދައްކަނީ ކޮންވާހަކައެއްތޯ ބުނެ ޝިޔާމްގެ ވާހަކަ އަށް ރައްދުދެއްވާފައެވެ. އެހެންނަމަވެސް ޝިޔާމްގެ އެ ވާހަކަތަކަށް ރައްދު ދިނުމަށް ނިޒާމީ ނުކުތާ ނަގަން އޭގެ ފަހުން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ފުރުސަތު ދެއްވާފައެއް ނުވެއެވެ.
ރައީސް ނަޝީދު ނިޒާމީ ނުކުތާއަށް ފުރުސަތަު ނުދެއްވުމުން މެމްބަރުން ވަނީ ޝިޔާމްގެ ވާހަކަ ކުރިއަށް ގެންދިޔަ އިރު މިދިޔަ ސަރުކާރަށް ފަޑު ކިޔާ، ތަޅުމުގައި އަޑުގަަދަކުރައްވާފައެވެ.

