ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓު ވައްކަމުގައި އަމަލީ ގޮތުން ބައިވެރި ނުވާތީ ދިގަލިއާއި އާއްޓޭ ބަންދުން ދޫކޮށް، ދައުވާކުރަނީ

މައްސަލާގައި ބަންދުކުރި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް، މިދިޔަ އޭޕްރިލް މަހު ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލް ބަނދަރުން ގެއްލުނު މައްސަލައިގައި ބަޔަކު ބަންދުން ދޫކޮށް ތުހުމަތު ކުރެވޭ އެންމެންގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓު ގެއްލިފައިވާކަމަށް މީޑިއާތަކުގައި ފެންމަތިވީ އޮކްޓޯބަރު މަހުގެ ކުރީކޮޅެވެ. މައްސަލައިގައި ބަޔަކު ހައްޔަރުކޮށް، 12 މީހެއް ފުރުން މަނާކޮށް ވަނީ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މަޝްހޫރު ދެ ވިޔަފަރިވެރިއަކު ހިމެނޭ ގޮތަށް، 09 މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ މި އަމަލު ރާވައި ފަންޑު ކުރިކަމުގެ ތުހުމަތު ކުރެވޭ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ.

މައްސަލައިގައި ދެން ހައްޔަރު ކުރީ ކަސްޓަމްސްގެ އިސް މުވައްޒަފެއްކަމަށްވާ ޒިވާރު އިސްމާއިލް އެވެ. އަދި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މުއާޒު އަލީ އެވެ.

މި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ހަފްތާގަ އެވެ.

މީޑިއާތަކަށް މައްސަލައިގެ މައުލޫމާތުތައް ހިއްސާކޮށް ޕީޖީ އޮފީހުން ބުނީ، ދައުވާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ވަކިވަކި މީހުން ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދައުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިއާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު ޕީޖީ އޮފީހުން ވަނީ މުރާޖައާކޮށްފަ އެވެ.

ޕީޖީން އެދުނުގޮތަށް، ކްރިމިނަލް ކޯޓުން ޝަރުތުކޮށް ބަންދުން ދޫކޮށްފައި ވަނީ ކުށުގެ އަމަލު ރޭވިކަމުގެ ތުހުމަތު ކުރެވޭ، ދިގަލި ވަހީދާއި، އާއްޓޭގެ އިތުރުން ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާނެވެ.

ޕީޖީ އޮފީހުން ބުނީ މި ތިން މީހުން ބަންދުން ދޫކުރީ، އެ މީހުންގެ މައްޗަށް ކުރަނީ ކުށް ކުރުމަށް ރޭވުންކަމަށް ވާތީ ކޮންޓެއިނަރު ވަގަށް ނެގުމުގައި އެ މީހުން އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ތިލަފުށި ސައިޓުގާއި ހަވާލުވެ ހުރި، އަބްދުއްރަހްމާނަކީ ވެސް ކޮންޓެއިނަރު ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހެއްކަމަށް ތުހުމަތު ނުކުރެވޭކަމަށް ބުންޏެވެ.

މީގެއިތުރުން ޕީޖީ އޮފީހުން ބުނީ މައްސަލައިގެ ހައްޔަރުގައި ހުރި، ކ. މާލެ، ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފަކީ މި މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުނުއިރު ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖަޢާކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

މައްސަލައިގައި މިހާރު ބަންދުގައި ތިބީ، ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންއާއި، ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދާއި، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ، ހ. ނިއުހެޕިނަސް، މުއާޒު ޢަލީއެވެ.

އެ މީހުންގެ ބަންދު މުރާޖައާ ކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއް ނެތްކަމަށް ވަނީ ނިންމާފަ އެވެ. އޭގެ ސަބަބެއްކަމަށް ޕީޖީ އޮފީހުން ބުނީ ސަބަބަކީ، އެއީ ސިނގިރޭޓު ކޮންޓެއިނާ ވަގަށް ނެގުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެތިބެ ކުށް ކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީއެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ، މި މައްސަލާގައި ދައުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާމެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާނަމަ އެ މީހުންގެ ބަންދު އަލުން މުރާޖައާ ކުރާނެ ކަމަށެވެ.

ވަގަށް އެތެރެ ކުރަން އުޅުނު މި ސިނގިރޭޓު ކޮންޓެއިނަރުން ދައުލަތަށް ޑިއުޓީއެއްގެ ގޮތުގައި ލިބެން ޖެހޭ އަދަދު 122 މިލިއަން ރުފިޔާއަށް އަރަ އެވެ. މައްސަލައިގެ ތަހުގީގަށް މާލޭގެ އެކި ސަރަހައްދުތައް ވެސް ބަލައި ފާސްކޮށްފައި ވެއެވެ. އަދި ކ. ތިލަފުށި ބަލައި ފާސްކޮށް، ކޮންޓެއިނަރުގެ ބައިތައް ވަނީ ހޯދާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: