ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ރިޔާސީ ކޮމިޝަނުން ބެލުމަށްފަހު އެކުލަވާލި ރިޕޯޓު ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙާއްމަދު ސޯލިހު ކަމާއި ގުޅުންހުރި މުއަސަސާތަކާއި ހިއްސާކުރައްވައިފިއެވެ.
އަފްރާޝީމް އަވަހާރަކޮށްލި ގޮތުގެ މައްސަލަ ތަޙުޤީޤު ކުރުމަށްފަހު އެ ރިޕޯޓު ރިޔާސީ ކޮމިޝަނުން ރައީސްއަށް އަރުވާފައިވަނީ މިމަހުގެ އެގާރަވަނަ ދުވަހުއެވެ. އެ ރިޕޯޓު ރައީސް ސޯލިހު ހިއްސާކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްއަށާއި އެޓާނީ ޖެނެރަލްއަށާއި، ކައުންޓަރ ޓެރަރިޒަމް ޔުނިޓްގެ އިތުރުން ފުލުހުންނަށާއި ރައްޔިތުންގެ މަޖިލީހާއި ވަނީ ހިއްސާކުރައްވާފައެވެ.
އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ.ފުންވިލުގެ ސިޑިގޮޅި ކައިރީގަ. ކަތިވަޅި އަކުން އަފްރާޝީމްގެ ބޮލަށާއި ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަފުސީލުތައް ހާމަކުރައްވާއިރު އޭނާ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުނާއި އެ ކަން ރޭވި މީހުންގެ މައުލޫމާތު ވެސް ހާމަ ކުރާނެ ކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ސާބިތުވެ ހ.ލޮބީ ހުސެއިން ހުމާމުގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އެކަމަކު ގަތުލުގެ ހަގީގަތާ ހަމައަށް ވާސިލްވުމުގެ ކުރިން ހުމާމް މަރަން ބޭނުން ނުވާ ކަމަށާއި އަފްރާޝީމް މަރާލުމުގައި ހިމެނެނީ އޭނާ އެކަނި ނޫން ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

