ސްޓެލްކޯގެ ފަރާތުން އިމާދުއްދީން ސުކޫލަށް އެންޑްރޮއިޑް ސްމާޓް ދެ ޓީވީ ހަދިޔާކޮށްފިއެވެ.
އިމާދުއްދީން ސުކޫލްގެ ޕީޓީއޭ އިން އިސްނަގައިގެން މި ަހަރު ފެށި ޓީވީ ޕްރޮޖެކްޓަށް ސްޓެލްކޯ އިން ޓީވީ ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި މިއަދު އެ ސުކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީގައެވެ. ސްޓެލްކޯގެ ފަރާތުން ޓީވީ ހަދިޔާކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީއެވެ. އިމާދުއްދީން ސުކޫލްގެ ފަރާތުން ޓީވީއަޢީ ހަވާލުވެ ވަޑައިގަތީ އެ ސުކޫލްގެ ޕްރިންސިޕަލް އިބްރާހީމް ޝާތިރެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭލްކޯގެ އެމްޑީ މުޣުނީ ވިދާޅުވީ، އިމާދުއްދީން ސުކޫލްގެ ދަރިވަރުންގެ ކިޔެވުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީވުމުގެ ފުރުސަތު ސްޓެލްކޯއަށް ލިބުނީތީ އުފާކުރައްވާ ކަމަށެވެ. މުޣުނީ ވިދާޅުވީ، ސުކޫލްގެ ދަރިވަރުން ތައްޔާރުންނަކީ މާދަމާގެ ޤައުމަށް ޚިދުމަތްކުރަން ތައްޔާރުވާ މާދަމާގެ ޤައުމުގެ މުސްތަޤުބަލް ކަމަށެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ ތެރެއިން ޒަމާނީ ޓެކްނޮލޮގީއަށް ދަރިވަރުން ލޯ ހުޅުވެން ޖެހޭކަމަށާއި، މި ޕްރޮޖެކްޓްގެ ސަބަބުން ދަރިވަރުންނަށް ވަރަށް ގިނަ ކަންކަން ފަސޭހަވެގެން ދާނޭ ކަމަށް ޤަބޫލުކުރައްވާކަމަށެވެ. މުޣުނީ ވަނީ ކިޔަވައިގެން މޮޅެތި ކުދިންނަށް ވުމަށް ދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ.

އިމާދުިއްދީން ސުކޫލްގެ ޕްރިންސިޕަލް ޝާތިރު ވިދާޅުވީ ސުލޫކުގެ ބެލެނެވެރިން އިސްނަގައިގެން ފެށި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކުގައި ކުރިޔަށް ގެންދިޔުމުގައި ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކެއްގެ އެހީތެރިކަން ލިބުނުކަމަށެވެ. އަދި މުސްތަޤުބަލުގައިވެސް ދަރިވަރުންނާއި ގުޅުންހުރި ގިނަ ކަންކަން ކުރުމަށް ރާވަމުން ދާ ކަމަށާއި، މިފަދަ ކަންކަމުގައި ކުންފުނިތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝާތިރުވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން އުނގެނުމަށާއި އުނގަންނައި ދިނުމަށް އިމާދުއްދީންގެ ކޮންމެ ކުލާސް ރޫމެއްގައި ސްމާޓް ޓީވީ ބޭނުން ކުރާނޭކަމަށްވެސް ވިދާޅުވިއެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން އިމާދުއްދީން ސުކޫލްގެ ޕީޓީއޭގެ ނައިބު ރައީސާ އާމިނަތު ވިލީނިޔާ ވިދާޅުވީ، މި ޕްރޮޖެކްޓް މި އަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ޕީޓީއޭގެ އަމާޒަކީ އިމާދުއްދީންގެ ދަރިވަރުންނާއި މުދައްރިސުން އެދޭފަދަ މާހައުލެއް ސުކޫލްގައި ޤާއިމުކޮށްދިނުން ކަމަށާއި، މި އަހަރުގެ ޕީޓީއޭއިން އެ މަސައްކަތުގައި ގިނަ ކާމިޔާބީ ތަކެއް ހާސިލްކޮށްފައިވާ ކަމަށްވެސް ވިލީނިޔާ ވިދާޅުވިއެވެ. އަދި އުންމީދަކީ މި ޕްރޮޖެކްޓް ނިމި ދަރިވަރުންނާއި މުދައްރިސުން ސްމާޓް ޓީވީތަކުގެ ބޭނުން ކޮށް ކިޔެވުން އެހެން ހަރުފަތަކަށް ކުރިއެރުން ކަމަށާއި، ޕްރޮޖެކްޓް ނިމާލުމުގައި ސުކޫލްގެ ޕީޓީއޭ އަދި ބެލެނެވެރިންނާއި މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަން ވިލީނިޔާ ވަނީ ފާހަގަކޮށްފައެވެ.

އިމާދުއްދީން ސުކޫލްގައި އޮތް ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީގެ އިތުރުން ޑެޕިއުޑީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަޠީފުއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ އަޒުވަރުގެ އިތުރުން ކޯޕަރޭޓް ޑިޕާޓްމެންޓްގެ ހެޑް ޖެނެރަލް މެނޭޖަރ ޢަބްދުﷲ ނާޒިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

