\
ޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.
މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ބޮޑު ދެ ޑްރެޖަރުގެ ބޭނުން މިހާރު އެ ސަރަހައްދުގައި ކުރަމުންދާ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި މި މަޝްރޫއުގައި ބޭނުންކުރަމުންދަނީ 22,000 ކިއުބިކް މީޓަރުގެ ގާބިލިއްޔަތު ހުރި ދެ ޑްރެޖަރެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ ބިން ހިއްކުމަށް ބޭނުންކުރަން ފަށާފައިވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
ހުޅުމާލެ ފޭސް 3 ގައި ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވަނީ 31 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ. މިއީ މަޝްރޫއުގެ ޖުމްލަ 49.2 އިންސައްތަ މަސައްކަތް ކަމަށް އެ ކުންފނިން ބުނެއެވެ.
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެމްއޭސީއެލް އިން އަލުން އެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ގައެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި ބޮޑެތި ޑްރެޖަރުތައް ބޭނުންކުރަމުންދާތީ، ކުރިއަށް އޮތް ދޮޅުމަސް ތެރޭގައި މަޝްރޫއު ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން އުންމީދު ކުރެއެވެ.
ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ. މި މަޝްރޫއަކީ ހުޅުމާލެ އިތުރަށް ތަރައްގީކޮށް، ގިނަ ބަޔަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ބުނެއެވެ.

