އެމްޑީޕީ 2005 ވަނަ އަހަރު އުފެއްދިއިރުވެސް ރައީސް މުހައްމަދު ނަޝީދާއި، އިބްރާހިމް ހުސައިން ޒަކީއާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، އޭރުވެސް އައްޑު އަތޮޅު މެމްބަރު މުހައްމަދު އަސްލަމް ހުންނަވައެވެ. އަސްލަމަކީ ފެށުނީއްސުރެ މިއަދާއި ހަމައަށް ދެގޮތެއްނުވެ އެމްޑީޕީގައި ހުންނެވި ވަރުގަދަ ތަނބެކެވެ. އެމްޑީޕީގެ ވަލީ ކޮމިޓީއިން ފެށިގެން، ރައްޔިތުންގެ މަޖިލުގައި އެމްޑީޕީ ތަމްސީލުކުރުމާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް ކުޑަ ދުވަސްކޮޅަކަށް ކުރެއްވިއެވެ. އެމްޑީޕީގައި މިހާ ދޮށީ ބޭފުޅަކާއި ބަލާއިރު އަސްލަމަށް ރަނގަޅު މަގާމެއް ލިބިވަޑައިގެންފައެއްވެސް ނެތެވެ، ހުންނަ އެއް ވަރެއްގައި ހުންނަވަނީއެވެ. ފަހަރުގައި ވެދާނެއެވެ، އަސްލަމް ބޭނުންފުޅު ނުވަނީވެސް ކަންނޭނގެއެވެ. އަސްލަމް އަބަދުވެސް ފެންނަނީ އެމްޑީޕީއަށް ފޫބައްދާލަން އުނދަގޫ ދޭތެރެ ފޫބައްދަން މުހިއްމު އުނގުރިއެއް ގޮތުގައެވެ، އެފަދަ ހުރިހާ ހާލަތަކަށްވެސް އަސްލަމް ހުންނަވަނީ ތައްޔާރަށެވެ. އެމްޑީޕީގެ ބާރު ރާއްޖޭގެ ދެކުނު، ހާއްސަކޮށް މިކިޔާ ސުވަދީވް ހިސާބުގައި ދެގޮތެއްނުވެ ހިފެހެއްޓިފައި އޮތުމުގެ މުހިއްމު އެކުލުންތެރިއަކީވެސް އަސްލަމެވެ.
ލައްކަ ދޫވެސް ދެއްވައިފި:
ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބްގައި އެމްޑީޕީއިން ނުކުތީ ދޭތިން އެކައްޗަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ބަލިކުރެއްވުމަށެވެ. ގިނަ ކެންޑިޑޭޓުން ވާދަކުރައްވަން ލިބުނު ފުރަތަމަ ފުރުސަތުކަމުން ގާސިމް އިބްރާހިމާއި، ހަސަން ސައީދާއި، އުމަރު ނަސީރާއި، އިބްރާހިމް އިސްމާއިލާއި އެތައް ބަޔަކު ބައިވެރިއެވެ. އެމްޑީޕީއިން ރައީސްކަމަށް ނެރުނީ މުހައްމަދު ނަޝީދު (އަންނި) އެވެ. އެއީ 2008 އެވެ، އޭރުވެސް ނައިބަކަށް އަސްލަމް ނަގާ ވާހަކަ ފެތުރުނެވެ. ދެކުނުން، އައްޑޫ ބޭފުޅަކަށްވެފައި، ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅެއްގެ ގޮތުގައި އަސްލަމް ފާހަގަކުރެވުނެވެ. ނަމަވެސް ގިނަ ކެންޑިޑޭޓުންތަކެއް ނުކުތުމާއި، ކޯލިޝަނަކާއި ނުލާ މައުމޫން އަބްދުލް ގައްޔޫމް ބަލި ނުކުރެއްވޭނެކަމުގެ ގަބޫލުކުރެވުމާއެކު އެމްޑީޕީއިން ކޯލިޝަން ހެދީ ގައުމީ އިއްތިހާދު ކިޔާ ޕާޓީއަކާއެވެ. ނައިބަކަށް އަސްލަމްގެ ބަދަލުގައި ނެންގެވީ ގައުމީ އިންތިހާދުގެ ލީޑަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެފަހަރުވެސް އަސްލަމް، އެމްޑީޕީގެ ހައްގުގައި، ގައުމުގެ ހައްގުގައި ގުރުބާންވެގަތީއެވެ. ވެރިކަންވެސް ލިބުނުވެސްމެއެވެ. ނަމަވެސް ޑރ.ވަޙީދު އެމްޑީޕީ އަތުން ވެރިކަންވެސް ފޭރިގަނެ، އެމްޑީޕީ މަގުމަތިކޮށްލީއެވެ.
އޭގެ ފަސް އަހަރު ފަހުން އައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. 2008 ގެ ތަޖުރިބާއިން އެމްޑީޕީ ނިންމީ ފުރަތަމަ ބުރުގައި އެއްވެސް ބަޔަކާއި ނުގުޅި، ރައީސާއި ނައިބް ރައީސް އެމްޑީޕީއިން ނެރުމަށެވެ. މިފަހަރުވެސް ރައީސްކަމަށް ނެރުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ބޮޑުންނާއި މުފައްކިރުންނަށް ނިންމުމީ މާލެއިން ރައީސަކު ނަގާކަމަށްވާނަމަ ނައިބަކަށް ބޭފުޅަކު ހިޔާރުކުރަންވާނީ ދެކުނުންކަމަށެވެ، ދެކުނުން ބަލާއިރު އެންމެ އާބާދީ ބޮޑު ސަރަހައްދުންކަމަށެވެ، އެހެންވީމާ އެއީ އައްޑޫ ކަމަށެވެ. ނަންތައް ކިޔެން ފަށައިފިއެވެ. 2013 ގައިވެސް އެންމެ ބޮޑަށް އިވުނު އަޑަކީ އަސްލަމްގެ އަޑެވެ. އަސްލަމާއެކު، ޑރ،ހުސައިން ރަޝީދާއި، މަރްހޫމް ޑރ. މަޖީދު ބާރީއާއި، ޑރ.މުސްތަފާ ލުތުފީގެ ނަން ރޯލުވިއެވެ. ތަފާތު އަޑު އަޑުތަކާއެކު، މިދެންނެވި ފަހަރުވެސް އަސްލަމަށް ޖެހުނީ ފަހަތުގައި މަޑުކޮށްލައްވަންށެވެ. އިލްމީ، މަޑުމައިތިރި، ދުވަސްވީ ދެކުނު ބޭފުޅެއް ނައިބަކަށް ގެންނަން އެފަހަރު ނެންގެވީ ޑރ. މުސްތަފާ ލުތުފީއެވެ. އެފަހަރު އެކަން މުޅިއަކުން ވާގޮތެއް ނުވިއެވެ، ރައީސްކަމަށް ވަޑައިގެންނެވީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އެ ފަސް އަހަރަށްފަހު އައީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. ރައީސް ނަޝީދު ކެންޑިޑަސީ އިއުލާންވެސް ކުރެއްވިއެވެ، އެމްޑީޕީގެ ޕްރައިމަރީވެސް ބޭއްވުނެވެ. ރައީސް ނަޝީދު ބޭރުގައި ހުންނަވާ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތީ އަސްލަމެވެ. ނަމަވެސް ފަހުވަގުތާއި ޖެހުނުއިރުވެސް ރައީސް ނަޝީދަށް ކެންޑިޑަސީއެއް ލިބިވަޑައެއް ނުގަތެވެ. ގައުމު އޮތް ހާލަތާއި، ސިޔާސީ ލީޑަރުން ތިއްބެވި ފައްތަރުން އޭރުގެ އިދިކޮޅު އެންމެންނަށްވެސް ނިންމުނީ ނެރެން ޖެހެނީ އެއް ކެންޑިޑޭޓްކަމާއި، ފުރަތަމަ ބުރުން އެކަން ނިންމަން ޖެހޭކަމެވެ. ރައީސް ނަޝީދު ނެތް ހާލަތެއްގައި އެމްޑީޕީ މެމްބަރުންގެ އެވަގުތުގެ ސެކަންޑް ފޭވަރިޓަކީ އޭރު އެމްޑީޕީ ޕީޖީ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއަށްފަހު އަންނާނީ ޝާހިދުކަމަށް ބަޔަކު ބުނިނަމަވެސް، ރައީސް ނަޝީދާއި، ރައީސް ސޯލިހަށްފަހު އެމްޑީޕީގެ އާއްމު މެމްބަރުން ރުހޭނީ މުހައްމަދު އަސްލަމަށްކަމަށް ދަލީލުކުރާ ކުތަންމެ އިންޑިކޭޓަރުތަކެއް އެބަހުއްޓެވެ. ނަމަވެސް މިފަހަރު އަނެއްކާވެސް އެމްޑީޕީއަށް ނައިބެއް ނަގާކަށް ފުރުސަތެއް ނުލިބުނެވެ، ނައިބަކަށް ހަމަޖެހުނީ ޖުމްހޫރީޕާޓީއިން ފައިސަލް ނަސީމެވެ. އެހެންކަމުން އަސްލަމްގެ ނަމެއް މާބޮޑަކަށް މިފަހަރަކު ރޯލެއް ނުވިއެވެ. ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ރައީސްކަމަށް އެމްޑީޕީއިން ކެންޑިޑޭޓެއް ނެރުމަށް ނިންމާ، ނަންތައް ހުށަހަޅަން ލިބުނު ފުރުސަތުގައި އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު އެމްޑީޕީގެ އައުދަޔާ ހިލާފް ކޮންގްރެސްއަށް ހުށަހެޅުއްވީވެސް ހަމަ އަސްލަމެވެ. 23 ސެޕްޓެމްބަރުގައި ރައީސުލް ޖުމްހޫރިއްޔާކަމަށް ވަޑައިގެންނެވީ އެދުވަހު ރަސްދޫގައި އަސްލަމް ހުށަހެޅުއްވި ނަންފުޅެވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
https://twitter.com/Sangu_tv/status/1013083953480134658
ރިޔާސީ އިންތިހާބަށްފަހު އައި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބް އަސްލަމް އަނެއްކާވެސް ތަނަވަސް އަގްލަބިއްޔަތަކުން އަސްލަމް ކާމިޔާބުކުރެއްވިއެވެ. ރައީސް ނަޝީދު އޭރު މަޖިލީހުގެ ރިޔާސަތަކަށް ޝައުގުވެރިކަމެއް ނެތެވެ. ފަހަރުގައި އެއީ އަސްލަމް އެމްޑީޕީއަށާއި ގައުމުގެ ހައްގުގައި ވެވަޑައިގަތް ގުރުބާނީގެ ހަދިޔާއެއްގެ ގޮތުގައި މަޑުކުރައްވަން ނިންމެވި ނިންމެވުމަކަށްވެސް ވެދާނެއެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތަށް ރައީސް ނަޝީދު އެންޑޯޒް ކުރެއްވީ މުހައްމަދު އަސްލަމެވެ. އައްޑޫ ރައްޔިތުންނާއި ބޮޑު ދެކުނުން އެކަމާއި ރުހިގެން އުފަލުގައި ތިއްބާ އެކަންވެސް ވީ އަވާމެންދުރަކަށެވެ. އަޑު އިވުނީ ދެ ރައީސުންގެ ކޯޅުމެއްކަމަށެވެ. ބޮޑު ދެ ގެރި ތަޅަން ފެށުމުން މިފަހަރު ބާރު ކުރީ އަނެއްކާވެސް އަސްލަމަށެވެ. ރިޔާސަތަށް ދެ ރައީސުންގެ ޗޮއިސްއިން ކޮންމެ ބޭފުޅަކު ވަޑައިގެންނެވިނަމަވެސް، އެކަމުގެ ސަބަބުން ގައުމަށާއި އެމްޑީޕީއަށް އަސަރު ނުކޮށެއް ނުދާނެއެވެ. އެކަން ވިސްނި ވަޑައިގެން ގައުމީ މަޖިލިސް ފެއްޓެވުމާއެކު އަސްލަމް އިސްވެ ހުންނަވާ، އެބޭފުޅާ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުން ނޫންކަމަށާއި، ގައުމަށާއި ޕާޓީގެ މަސްލަހަތު އިސްކުރައްވާ، ރައީސް ނަޝީދު ރިޔާސަތަށް ވަޑައިގަތުމަށް އެދިވަޑައިގަތެވެ. އަސްލަމް އެދުވަހުވެސް ގުރުބާންވެވަޑައިގަތީއެވެ.
މިހެން ސިޔާސީ މައިދާނުގައި “ހިއުމިލިއޭޝަން” ލަދުވެތިކަމާއި ތަކުރާރުކޮށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ކިތަންމެ ކިތަންމެ ސިޔާސީ ވެރިންނެއް ސިޔާސީ ކަންކަން ކަފުންކުރައްވާ ދުރަށް ވަޑައިގެންފިއެވެ. އެމްޑީޕީގެ އެތެރެއާއި ބޭރުންވެސް ކިތަންމެ ނަމެއް މިހާރުވެސް ތިބޭފުޅުންގެ ހިތަށް އަންނާނެއެވެ. އިންސާނަކު ކަމެއްގައި މާޔޫސްވާނީ ކިހާވަރަކަށް ކަންކަން ދިޔައިމަބާއެވެ. އިންސާނަކަށް ކަމެއްގައި ދޫ ދެވޭނީ ކިހާވަރެއް ދެވުނީމަބާއެވެ. ނަމަވެސް، މިހުރިހާކަމެއް މިގޮތުގައި ހުރިއިރު، އަސްލަމް ހަމަ ދެގޮތެއްނުވެ އެމްޑީޕީއަށާއި ގައުމަށް ހިދުމަތްކުރެއްވުމަށް އެބަ ހުންނެވިއެވެ.
މިފަހަރު އައްޑޫއާއި އަސްލަމަށް ވާނީ ކިހިނެއް؟
މިމަހުގެ 23 ގައި އަނެއްކާވެސް މިއޮތީ އިމްތިހާނެކެވެ. އައްޑޫ އަސްލަމް މިފަހަރު އެނުކުންނެވީ އެމްޑީޕީ ނައިބް ރައީސްކަމުގެ އިންތިހާބަށެވެ. ލައްކަ ގިނަ ކަންކަން އަސްލަމް ގުރުބާން ކުރައްވައިފިއެވެ. ލައްކަ ދިގު ޒަމާންތަކެއް ވަންދެންނެވެ. އައްޑޫ ހުވަދޫ ފުވައްމުލަކު، ބޮޑު ދެކުނަކީ ސިޔާސީ ފަރާތްތަކުން ފެލަން އޮންނަ ހުއި ގަނޑަކީބާއެވެ. މަގާމުތަކަށް އަންނަންވީމާ ބޮޑު ދެކުނު، އައްޑޫ ވަރަށް މުހިއްމެވެ. ކަމެއް ދޭންވީމާ ބޮޑު ދެކުނު، އައްޑޫ އަށް އަބަދުވެސް ދައްކަނީ އަވާމެންދުރެކެވެ. އަތްލެވެން އުޅޭހެން ހީވެސްވެއެވެ، ނަމަވެސް ދުވަހަކު އަތެއް ނުލެވެއެވެ. ދެކުނު، އައްޑޫގެ ފަހުރުކަމުގައިވާ އަސްލަމަށް މިފަހަރު ޖެހޭނީ ކޮން ދަތުރެއްބާއެވެ؟ ބޮޑު ދެކުނު، އައްޑޫ ރައްޔިތުން ހަމަ އަތް އުރާލައިގެން މިފަހަރުވެސް ތިބޭނީތޯއެވެ!؟


One Response
Aslam mdp ga Dhegotheh Nuve mdp ga huri vaahaka buneema annaanee hini 2008 vanah aharu JP ah dhiya kan sangu mv ah hama neygenee thoa