ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހޮސްޕިޓަލަށް ގެންދިޔައީ، ބަންދުގައި ހުއްޓާ ދިމާވި ކަމެއްގެ ސަބަބުން ނޫން ކަމަށާއި، އަމިއްލަ އެދުމުގެ މަތިން ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވަނީ، ޑިސެމްބަރު 11ގައި 12:24ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުގައި ހުއްޓާ، މައުރޫފް ހޮސްޕިޓަލަށް ގެސްގޮސްފައިވަނީ އަމިއްލައަށް އެދިވަޑައިގެންފައިވާތީ ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ ކަސްޓޯޑިއަލްގައި ހުރި ޑޮކްޓަރު ބެލުމަށްފަހު، އޭނާގެ ލަފަޔާއިއެކު ބަންދުގައި ހުންނަ މީހަކު ޑޮކްޓަރަށް ދެއްކުމުގައި އަމަލު ކުރާ ގޮތަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުރީފް ޑޮކްޓަރަށް ދައްކަން ގެންދިޔައީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމުގައި ނުވަތަ ހުއްޓާ ދިމާވިކަމެއްގެ ސަބަބުން ނޫން ކަމަށާއި އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލައިފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ ބަޔާނުގައި ވަނީ އެ މުވައްސަސާގެ ބެލުމުގެ ދަށަން ގެނެވޭ ފަރާތްތަކާއި މެދު އަމަލު ކުރުމުގައި، ގާނޫނާއި ގަވާއިދުތަކާއި އަދި އިންސާނީ ހައްގުތަކުގެ އުސޫލުތަކާއި އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ފުލުހުން ހިފަހައްޓާ ކަމަށެވެ.
އެގޮތުން ފުލުހުންގެ ބަނދުގައި ތިބޭ މީޙުންގެ ރައްކާތެރިކަމާއި، އެމީހުންގެ ދުޅަހެޔޮކަށް ކަށަވަރު ކުރުމަކީ އެ މުވައްސަސާއިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ބަންދުގައި ތިބޭ މީހުންގެ ޒާތީ ކަންކަމާއި ގުޅޭގޮތުން މީޑިއާގެ ތަފާތު މަންސަތަކުގައި އެފަދަ ސައްހަނޫން މައުލޫމާތު ޝާއިއުކުރުމަކޫ ާންމުގެ ހިއްތަކުގައި ކަންބޮޑުވުން އުފެދޭނެ ކަމެއް ކަމަށެވެ.
މީގެއިތުރަށް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އޮންނަ އިތުބާރު މިފަދަ ކަންކަމުގެ ސަބަބުބް ހީނަރުވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ. ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ފެތުރުން އެ މުވައްސަސާއިން ވަނީ ކުށްވެރިކޮށް އެކަން ނުކުރުމަށް އިސްތިމާޒްކޮށްފައެވެ.

