ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރެވޭ މަޝްވަރާތަކަކީ ހަމައެކަނި ޑިޕްލޮމަޓިކް އިޖުރާޢަތެއް ނޫންކަމަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސް (ޔޫ.އެން.އޭ.އޯ.ސީ) ގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. މިގޮތުން ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރެވޭ މަޝްވަރާތަކަކީ ހަމައެކަނި ޑިޕްލޮމަޓިކް އިޖުރާޢަތެއް ނޫންކަމަށާއި އެއީ ވިލެންތެރިކަން އިތުރުކޮށް، ޤައުމީ ޝަޚްޞިއްޔަތާއި، ސަލާމަތާއި، ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްކަމުގައި ވަޒީރު ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.
މިގޮތުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ ސަޤާފީ ތަރިކައަށާއި، އިޖްތިމާޢީ އެއްބައިވަންތަކަމަށް ބުރޫއަރާނެކަމެއް ކަމުގައި ޑރ.ޚަލީލް ފާހަގަ ކުރެއްވިއެވެ. އަދި ޑިޖިޓަލް މަންސަތަކަކީ، ޤައުމުތަކުގެ މެދުގައި ދެބަސްވުން އިތުރުވުމަށް މަގުފަހިވެގެންހިނގައިދާނެ އާ މަންސަތަކަށް މިހާރުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ރުޅިވެރިކަމާއި ދެކޮޅުވެރިކަން އިތުރުވެ، ގިނަ ދުވަހަށް ދެމިގެން ހިނގައިދާނެ އަސަރުތަކެއް ގުޅުންތަކަށް ކުރުމުގެ ބިރުއޮތްކަން ފާހަގަކުރެއްވިއެވެ.
އަދި އިންސާނީ ކަރާމާތް ނެގެހެއްޓޭފަދަ ބީދައަކުން، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަކަށް، ޤައުމުތަކުގެ މެދުގައި މަޝްވަރާ އިތުރުކުރުމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމަށް ވަޒީރު ޑރ. ޚަލީލް ޔޫ.އެން.އޭ.އޯ.ސީ އަށް ގޮވާލެއްވިއެވެ. އަދި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ ސަޤާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގައި ބައިބައިވުން އުފެދޭ ކަންކަން ދެނެގަތުމަށް އިތުރު މަސައްކަތްކުރުމަށާއި ޤައުމުތަކުގެ މެދުގައި ހުރި ތަފާތު ތަކަކީ، ބައިބައިވުމުގެ ސަބަބެއްގެ ގޮތުގައި ވިޔަނުދީ، ބާރަކަށް ހެދުމަށް ގޮވާލެއްވިއެވެ.
ސަޢޫދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ ތަފާތު ޘަޤާފަތްތަކާއި އެކި މުޖުތަމަޢުތަކުގެ މެދުގައި ބައިބައިވުން އުފެދިފައިވާ މައިގަނޑު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ނިޒާމުތަކަށް އޮންނަ އިތުބާރު ހަރުދަނާކުރުމަށާއި، މި ނިޒާމުތަކުގެ ބޭނުން އެންމެ ފުރިހަމަކޮށް ހިފާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫ.އެން.އޭ.އޯ.ސީ އަކީ ތަފާތު ސަގާފަތާއި ހަޟާރަތްތަކާއި ޤައުމުތަކާއި ރައްޔިތުންގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް ބައިބައިވުމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް 2005 ވަނަ އަހަރު ޤާއިމުކުރެވުނު ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގައި 161 މެންބަރުން ހިމެނެއެވެ. އެއީ އދ.ގެ 131 މެންބަރު ޤައުމާއި 1 ނޮން-މެމްބަރ ސްޓޭޓާއި، 29 ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުންނެވެ.

