ގއ މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ދެ މީހަކަށް އިއްވި މަރުގެ ހުކުމް އެ މީހުންގެ ފަރާތުން އިސްތިއުނާފުކޮށްފި އެވެ.
2021 ވަަނަ އަހަރުގެ 8 ފެބުރުވަރީ ވަނަ ދުވަހުގެ ރޭ ގއ. މާމެންދޫގައި، ހިންގި މާރާމާރީގައި، އުދައްޔުއާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރުއަށް ވަނީ ޖިސްމާނީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެ ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އުދައްޔު މަރުވެފައިވާއިރު، އޭނާ ވަޅުލާފައިވަނީ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވީކަމުގެ ކުށް ސާބިތުވެ، މެރުމަށް ހުކުމްކޮށްފައި ވަނީ މާމެންދޫ، ރިހިފަރުދާގޭ އަހުމަދު ޝަމީމާއި، އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިން އަށެވެ. އަދި އުމުރުން 18 އަހަރު ނުވާ ކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފުލިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތުވެފައި ނުވާތީ އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓަށް ހުށަހަލާފަ އެވެ.
ހައިކޯޓުގެ ރެޖިސްޓްރީ ދައްކާ ގޮތުގައި މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ މި މަހުގެ 11 ގައެވެ.
މައްސަލަ ދެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް، މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މައްސަލައިގެ ޝަރީއަތް ދަށު ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގައި، ޑީއެންއޭ ތަހުލީލު ކުރި އޮފިސަރުގެ ހެކި ބަހުގައި ބުނީ އުދައްޔުގެ އަންނައުނުން ނެގި ޑީއެންއޭއާއި ދައުވާ ލިބޭ މީހުންގެ ޑީއެންއޭއާއި ދިމާ ނުވާ ކަމަށެވެ. ނަމަވެސް މައްސަލައިގައި ހައްޔަރު ކުރި 18 އަހަރުން ދަށުގެ ކުއްޖާގެ ޑީއެންއޭ އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރުގެ ޓީޝާޓުން ފެނިފައިވާކަމަށް ވަނީ ބުނެފަ އެވެ.
ތަހުލީލު ކުރީ މާމެންދޫގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްކަން ފާހަގަކުރައްވައި ވީޑިއޯ ތަހުލީލު ކުރި އޮފިސަރު ބުނެފައި ވަނީ އެ ވީޑިއޯ ނަގާފައިވަނީ ވަރަށް ދުރުންކަމަށް ވާތީ އެއީ ކޮން ބައެއްކަން ސާފު ނުވާކަމަށެވެ. އޭނާ ބުނީ އެ ސަބަބާއި ހުރެ ވީޑިއޯއިން ފެންނަ މީހުންގެ ސިފަތަކާއި، އަޅާކިޔާފައި ނުވާނެކަމަށެވެ.
އުދައްޔުގެ މަރުގެ މައްސަލައިގެ ފޮރިންސިކް ރިޕޯޓުތައް ތައްޔާރު ކުރި ދެ ފުލުސް އޮފިސަރުންގެ ހެކި ބަސް ވެސް ޝަރީއަތަށް ވަނީ ނަގާފައެވެ. އެގޮތުން އުދައްޔުގެ ހަށިގަނޑު ބަލައި ފާސް ކުރި އޮފިސަރު ވިދާޅުވީ އޭނާގެ ބުރަކަށީގައި ތިން އިންޗީގެ ބޮޑު ޒަހަމެއް ހުރިިކަމަށެވެ. އަދި އުދައްޔުގެ ކަރުގައި ވަކި އެޅިފައިހުރިކަމަށާއި، އޭނާގެ މޫނާ ދެ އަތާއި ފައިތިލައިގައި ޒަހަމްތަކެއް ހުރިކަމަށް އޮފިސަރުގެ ހެކިބަހުގައި ބުނެފައި ވެއެވެ.

