ޤާނޫނު އަސާސީއަކީ އޭގައި ދައުލަތުގެ ބާރުތަކާއި އެބާރުތަކުގެ މިންވަރުތަކާއި ވާޖިބުތައް އެކުލެވިގެންވާ ގޮތްތަކާއި ޢާންމު ފަރުދުންގެ އަސާސީ ޙައްޤުތަކާއި ވާޖިބުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ. މިޤާނޫނަކީ ދައުލަތުގެ އެންމެ އިސް ޤާނޫނެވެ. އެހެންކަމުން ޤައުމުގެ ދާޚިލީ އެންމެހާ ޤާނޫނެއް ބިނާކުރެވިގެންދާނީ މިޤާނޫނާ ފުށުނާރާނެ ގޮތެއްގެ މަތީންނެވެ.
އެންމެކުރުކޮށް ދުސްތޫރީ ޤާނޫނަކީ ކޮބައިކަން ބުނެދޭނަމަ ދެންނެވޭނީ ދުސްތޫރީ ޤާނޫނަކީ ޤައުމެއް އެއަސާސްތަކުގެ މައްޗަށް ބިނާވެގެންދާ އަސާސްތަކާއި ޤައުމުގައި ދިރިއުޅޭ ފަރުދުންގެ ދިރިއުޅުން ތަރުތީބްކުރާ އަސާސީ ޤަވާޢިދުތަކުގެ މައްޗަށް އެކުލެވިގެންވާ ދައުލަތުގެ ޤާނޫންތަކުގެ މަޞްދަރުކަމުގައެވެ.
އެހެން ކަމަށްވާއިރު ސުވާލަކީ ޤާނޫނުއަސާސީ ބަޔާންކޮށްދޭނީ ކޮންކަމެއްތޯއެވެ. ފުރަތަމަކަމަކަށް ދައުލަތުގެ ވައްތަރާއި ވެރިކަންކުރާ ނިޒާމު ބަޔާންކޮށްދިނުމެވެ. އެއީ، ރަސްކަމެއްކަމެއްކަން، ނުވަތަ ޖުމްހޫރިއްޔަތެއްކަން ނުވަތަ ރިޔާސީ ނިޒާމަކަށް ހިނގާ ޤައުމެއްކަން، ނުވަތަ ބަރުލަމާނީ ނިޒާމެއްކަން ބަޔާންކޮށްދިނުމެވެ. ނޫނީ އެދައުލަތަކީ މި ނިޒާމް އެކުވެފައިވާ މަސްހުނި ދައުލަތެއްކަން ބަޔާންކުރުމެވެ. ދެވަނަ ކަމަކަށް ގާނޫނުއަސާސީ ބަޔާންކޮށްދެނީ ދައުލަތުގެ ބާރުތަކާއި އެބާރުތަކުގެ ޙުދޫދުތަކާއި ޒިންމާތަކެވެ. އަދި އެބާރުތައް ހިންގަންޖެހޭނެ ގޮތްތައް ތަފްޞީލުކޮށް ބަޔާންކުރުމެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބަޔާންކޮށް ދެނީ ދިވެހިރާއްޖޭގައި އޮންނާނީ ތިން ބާރުކަމެވެ. އެއީ ގާނޫނުހެދުމުގެ ބާރާއި، ވެރިކަން ކުރުމުގެ ބާރާއި، އަދި އަދުލު އިންސާފް ގާއިމް ކުރުމުގެ ބާރެވެ. ގާނޫނު ހެދުމުގެ ބާރުގެ ޒިންމާއަކީ ޤާނޫނު އެކުލަވައިލުމެވެ. އަދި ޤާނޫނުތައް ހަރުދަނާ މިންގަނޑުތަކެއްގެ މައްޗަށް ބިނާކުރުމެވެ. އަދި ދައުލަތް ހިންގުމުގެ ބައެއް ނިޒާމުތަކުގައި މިބާރަކީ ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތު އުފުލާ ބާރުވެސްމެއެވެ. ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަކީ ދައުލަތް ޒިންމާދާރު ކުރުވުމުގެ މަސްއޫލީއްޔަތުވެސް އަދާކުރުމުގެ ބާރު ލިބިގެންވާ މަޖިލީހެކެވެ.
ދެން އޮތީ ވެރިކަން ހިންގުމުގެ ބާރެވެ. މިބާރުގެ ޒިންމާއަކީ ގާނޫނު ހެދުމުގެ ބާރުން އެކުލަވައިލާ ޤާނޫނުތައް ތަންފީޒުކުރުމެވެ. އަދި ރައްޔިތުންގެ ޢާންމު ޚިދުމަތްތަކާ ގުޅިފައިވާ އެންމެހާ ކަމެއް ރާވާ ބެލެހެއްޓުމެވެ. އަދި އެކަންކަން ވިލަރެސްކުރުމަށްޓަކައި ހަދަން ޖެހޭ އާންމު ގަވައިދުތައް އެކަށައެޅުމެވެ. ހަމައެހެންމެ ދައުލަތުގެ އެހެން މުއައްސަސާރައް ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތަރައިގެ ތެރެއިން ހިންގުމަށް ބާރުއެޅުމަކީ ވެސް ވެރިކަން ހިންގުމުގެ ބާރުގެ ޒިންމާއެކެވެ.
ދެން އޮތީ އެންމެ މުހިންމު ބާރެވެ. އެ ބާރެއްގެ މައްޗަށް މުޅި ގައުމުގެ ހުރިހައި ކަމެއް ބަރޯސާ ވެވެގެންވާ ބާރެވެ. އާދެ އަދުލް އިންސާފް ގާއިމް ކުރުމުގެ ބާރެވެ. އިނގެރޭސި ބަހުން ދައްވާނަމަ، ”ޖުޑީޝަރީ“ އެވެ. މިބާރަކީ ހުށަހެޅޭ އެކިބާވަތުގެ ޝަރުއީ އަދި ދުސްތޫރީ މައްސަލަތަކުގައި ފައިސަލާކޮށް އެފަދަ މައްސަލަތަކުގައި ޙުކުމްކުރާ ބާރެވެ. އެގޮތުން ޖިނާއީ ޢަދުލުގެ ނިޒާމާއި މަދަނީ ޙައްޤުތައް ރައްކާތެރިކުރާނީ މިބާރުންނެވެ. އަދި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރު އާދެ މި ދެބާރުގެ މެދުގައި ބާރުތައް ތިލަފަތް ހަމަގޮތެއްގައި ބެހިގެންދޭތޯ ބަލާނީވެސް އަދުލްއިންސާފް ގާއިމް ކުރުމުގެ ބާރުގެ ޒިންމާއެކެވެ.
ތިންބާރު ވަކިކުރުމުގެ އަސާސްތައް އެންމެ ފުރިހަމައަށް ފެންނަމުންދާ އެއްދައުލަތަކީ ރިޔާސީ ނިޒާމް ދުނިޔެއަށް ތަޢާރަފުކޮށް އެނިޒާމް އެންމެ ފުރިހަމައަށް ތަޠްބީޤުކޮށް ތަންފީޒުކުރަމުންގެންދާ ދުނިޔޭގެ އެންމެ ބާރުހުރި ދައުލަތްކަމުގައިވާ ޔުނައިޓެޑް ސްޓޭޓުސް އޮފް އެމެރިކާއެވެ.
ދިވެހިރާއްޖޭގެ ދުސްތޫރަށް ބަލާއިރުވެސް ފެންނަނީ ބާރުތައް ވަކިވެފައިވާ ނިޒާމެކެވެ. އެހެނީ މިރާއްޖޭގައި ތަންފީޒު ކުރެވެމުންދާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަކީ ރިޔާސީ ނިޒާމުގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް ހެދިފައިވާ ޤާނޫނު އަސާސީއެކެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚުތިޞާޞުގެ އެންމެ މުހިއްމު ބަޔަކީ ޤާނޫނުތަކުގެ ދުސްތޫރިއްޔަތު ކަނޑައެޅުމެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީތަކުގެ ތެރެއިން 2008 ވަނަ އަހަރު ތަޞްދީޤުކުރެވުނު ޤާނޫނު އަސާސީއަކީ އެންމެ ފުރަތަމަ ފަހަރަށް އެފަދައިން ޤާނޫނުގެ ދުސްތޫރިއްޔަތު ކަށަވަރުކުރުމުގެ ވާހަކަ ބަޔާންކުރާ ދުސްތޫރެވެ.
މިހާރު ރައްޔިތުން މަޖިލީހުން ހަދާ ހުރިހާ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ހަދާ ހުރިހާ ޤަވާޢިދުތަކެއް ވާންވާނީ ޤާނޫނުއަސާސީން ދުސްތޫރިއްޔަތު ލިބޭ ޤާނޫނުތަކެއް އަދި ޤަވާޢިދުތަކެއް ކަމުގައެވެ. އެކަން ޔަޤީންކުރާނީ ކޯޓުންނެވެ. އެމެރިކާގައި ޤާނޫނުގެ ދުސްތޫރިއްޔަތުކަން ޔަޤީންކުރަން ބޭނުންކުރާ ހުރިހާ ވަސީލަތްތައް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނެއެވެ. އެކަން ވަރަށް ސާފުކޮށް ޤާނޫނު އަސާސީން އެނގެއެވެ.
އެގޮތުން ޝަރުޢީ ކޯޓެއްގެ ޤާޟީއަކަށް ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ދުސްތޫރާ ޚިލާފުކަމަށް ފެނިއްޖެނަމަ، އެފަދަ ޤާނޫނަކަށް ނުވަތަ ޤާނޫނުގެ އެފަދަ ބަޔަކަށް ކިޔަމަންނުވުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު ލިބިފައިވެއެވެ. ޤާނޫން އަސާސީގެ 144 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކޮންމެ ކޯޓަކަށްމެ އެކޯޓުގެ އިޚުތިޞާޞުގެ ތެރޭގައި ޤާނޫނެއްގެ ތެރެއިން ދުސްތޫރާ ޚިލާފު ވާ މިންވަރު ބާޠިލުކަމުގައި ކަނޑައެޅޭނެއެވެ.
އެހެންނަމަވެސް ދުސްތޫރާ ޤާނޫނެއް ޚިލާފުވޭތޯ ބެލުމާއި އެކަމުގައި ގޮތެއް ކަނޑައެޅުމަކީ ޝަރުޢީ ކޯޓުތަކުގެ ތެރެއިން ސްޕްރީމް ކޯޓާއި ހައިކޯޓުގެ އިޚުތިޞާޞުގައި ހިމެނޭކަމެކެވެ. އެކަން ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވެއެވެ. އެމާއްދާ ބުނަނީ، ”ރައްޔިތުން މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤަނޫނު އަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސްޕްރީމް ކޯޓަށެވެ“.
މިމާއްދާތަކުގައި އެބުނާ ވާހަކަތަކުގެ މާނައަށް ވިސްނައިލުމުން އެނގެނީ ޤާނޫނެއް ބާޠިލުކަމުގައި ކަނޑައެޅުމުގައި ބާރުވެރިކަން ލިބިފައިވާ ފަރާތަކީ ހައިކޯޓާއި ސްޕްރީމް ކޯޓުކަމުގައެވެ. އެހެންނަމަވެސް ބަލަމުންދާ މައްސަލައެއްގައި ޤާނޫނެއްގެ ބައެއް ނުވަތަ ޤާނޫނެއް ދުސްތޫރާ ޚިލާފުވާކަން ޔަޤީންވެ ސާބިތުވެއްޖެނަމަ އެފަދަ ޤާނޫނަކަށް ނުވަތަ ޤާނޫނުގެ ބަޔަކާމެދު ގޮތް ކަނޑައެޅުމުގެ ބާރު ދަށުކޯޓުތަކަށް ވެސް ލިބިފައިވެއެވެ.
ހަމައެހެންމެ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއް ނުވަތަ ޤާނޫނުގެ ބައެއް އުވައިލެވިގެން ދާއިރު އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ޤަނޫނުއަސާސީގެ 144ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ދިވެހި ރާއްޖޭގައި ޝަރުޢީ ކޯޓުތަކަށް ޤާނޫނު ހަދާ ބާރުގެ މައްޗަށް ބެލެހެއްޓުންތެރިކަމުގެ ބާރު ލިބިފައިވެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.
ގާނޫނުއަސާސީ މާނަ ކުރުމާއި ގާނޫނުއަސާސީއާއި ހިލާފް ކަމަށް ފެންނަ ގާނޫނުތައް ބާތިލް ކުރުމުގެ ބާރު ކޯޓުތަކަށް ދީފަިއ ވަނީ ވަަރށް މުހިންމު މަގުސަދުތަކެއް ހާސިލް ކުރުމަށްޓަކައެވެ. އެއީ ސިޔާސީ ބޭނުންތަކުން ޤާނޫނުތައް ސަލާމަތްކުރުމެވެ. އެހެނީ ޕާލިމަންޓުތައް ހިނގަމުންދަނީ ސިޔާސީ އޮއިވަރުތަކުގެ ތެރޭގައެވެ. އެއްވެސް ޙާލެއްގައި ޤާނޫނީ ޢިލްމުލިބިފައިވާ ހުނަރުވެރިންގެ މައްޗަށް އެކުލެވޭ މަޖިލީހެއްކަމުގައި އެމަޖިލިސް ވާކަށް ނުޖެހެއެވެ.
ތަޖުރިބާއަށް ބަލާއިރު ގިނަ ފަހަރުގައި ސިޔާސީ ނިންމުންތައް ނިމޭ ތަނެއްކަމުގައި މަޖިލިސްވާތީ، ސިޔާސީ ކުލަވަރު ޤާނޫނުތަކުގައި ޖެހިގެންދެއެވެ. އެހެންނަމަވެސް ކޯޓުތަކުގައި ތިއްބަވާ ޤާޟީންނަކީ ވަކި އިޚުތިޞާޞެއްގެ ވެރިބައެކެވެ. އެމީހުންނަކީ ޤާނޫނީ މާހިރުންނެވެ. ޤާނޫނު ދަންނަ މީހުންނެވެ.
ވަރަށް ގިނަ ފަހަރަށް ތިން ބާރުވަކިވެފައިވާ ނިޒާމެއްގައި ކޯޓުތަކުން ޤާނޫނު ހަދާ މަޖިލީހުގެ މައްޗަށް ބާރު ފޯރުވުމަކީ އެއްވެސް ޙާލެއްގައި މައްސަލައެއްނޫނެވެ. އެހެނީ ޤާނޫނު ހަދާ މަޖިލީހުގެ އިޚުތިޞާޞަކީ ޤާނޫނު އެކުލަވައިލުމެވެ. ކޯޓުން ކުރާހާވެސް ކަމަކީ އެފަދަ ޤާނޫނުތަކުގެ ޞައްޙަކަމާއި ބާޠިލުކަންބެލުމެވެ. އަދި ޞައްޙަނޫން ޤާނޫނުތައް އުވައިލުމެވެ. މިއީ ފާރަވެރިވުމުގެ ހަމައެކެވެ. އެހެންކަމުން ތިންބާރުގެ މެދުގައި އޮންނަ ފާރަވެރިވުމުގެ އެއްއުޞޫލެވެ.
ދުސްތޫރަކީ ދައުލަތުގެ މައި އަސާސެވެ. ހުރިހާ ބާރެއްވެސް، ކަންކަން ތަންޒީމުކުރާނީ ދުސްތޫރުގައި ބަޔާންވެފައިވާ ގޮތަށެވެ. އެކަމުގައި ޚިލާފެއްނެތެވެ. އެހެންކަމުން ދުސްތޫރުގެ ބާރުވެރިކަން ރައްކާތެރިކުރުމަކީ ޝަރުޢީ ކޯޓޫތަކުގެ ޒިމްމާއެކެވެ. ފަނޑިޔާރުންގެ ޒިންމާއެކެވެ. ޤާނޫނުގެ ދުސްތޫރިއްޔަތު ކަނޑައެޅުމަކީ ސީދާ ގޮތުގައި ދުސްތޫރުގެ ބާރުވެރިކަން ޙިމާޔަތްކުރުމެވެ. އެހެންކަމުން އެއީ ދައުލަތުގެ ޝަރުޢީ ބާރުން ކުރަން ޖެހޭނެކަމެއްކަމުގައި މިޒަމާނުގެ ޤާނޫނީ މާހިރުން އެއްބަސްވެވަޑައިގަންނަވައެވެ.
ނަމަވެސް މިއަދު ދިވެހިރާއްޖޭގައި ކަންކަން ހިގަމުންދާ ގޮތަށް ބަލާއިރު ރާއްޖޭގައި ކަންކަން ހިނަމުން ދަނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިންނޭ ދެންނެވޭކަށް ނެތެވެ. ސަބަބަކީ ކޯޓުޔަކުން ކުރާ ހުކުމް އެއީ ގާނޫނުއަސާސީއާއި ހިލާފް ހުކުމެއްތޯ ނުވަތަ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަކީ ގާނޫނުއަސާސީއާއި ހިލާފް ނިންމުންތަކެއްތޯ ބެލުމުގެ ބާރު ރާއްޖޭގައި އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީން އެއްވެސް ބަޔަލަށް ދީފައި ނުވަނީސް އެކސަން ކުރަމުންދާތީއެވެ. ރައްޔިތުންގެ މަޖިލީހަކީ ގާނޫ ހެދުމުގެ ބާރު ކަމާއި އެ ބާރަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ވަރަށް ސާފުކޮށް ގާނޫނުއަސާސީއާއި ބަޔާން ކޮށްފައިވެއެވެ.
ހަމައެހެންމެ ރައްޔިތުންގެ މަޖިލިސް ހިންގަން ޖެހޭނެ ގޮތުގެ ގަވާއިދެއް ހަދަން ޖެހޭނެ ކަމަށް ގާނޫނުއަސާސީއާއި ބަޔާން ކޮށްފައި ވަނީ ގާނޫނުއަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ގާނޫނުއަސާސީއާއި ތަޢާރުޒްވާ ގާނޫނެއް ވިޔަސް އަދި ގަވާއިދެއް ހެދިޔަސް އެއީ ބާތިލް އެއްޗެއްކަން ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވެއެވެ.
ދަންނަވަންތޯއެވެ. އެއްވެސް ކޯޓަކުން ކުރާ ހުކުމެއް އެއީ ގާނޫނުއަސާސީއާއި ހިލާފް ހުކުމެއް ކަމަށް ގަބޫލު ކުރެވޭނެމަ އަމަލު ކުރަން ޖެހޭނެ ގޮތްތައް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ. އެގޮތުން ކޯޓުތަކުން ކުރާ ހުކުމެއް ހިތްހަމަ ނުޖެހިއްޖެނަމަ އެ ހުކުމެއް ކުރި ކޯޓަކަށް ވުރެ މަތީ ކޯޓަކަށް އެ މައްސަލަ އަލުން ބެލައި ދިނުމަށް އެދި އިސްތިއުނާފް ކުރަނީއެވެ. އެންމެ ފަހު ބަސް ބުނާ ކޯޓަކީ ސުޕްރީމް ކޯޓު ކަމަށްވާނަމަ އެ ކޯޓުން ކުރާ ހުކުމެއް ގާނޫނުއަސާސީއާއި ހިލާފް ކަމަށް އެ ހުކުމެއް ރައްދުވާ ފަރާތަކަށް ގަބޫލު ކުރެވޭނަމަ ގާނޫނުއަސާސީއާއި ހިލާފްވާ ކަމަށް ގަބޫލު ކުރެވޭ ހިއްޖަތްތައް ބަޔާންކޮށް އެ މައްސަލައެއް އަލުން މުރާޢާޖާ ކޮށްދިނުމަށް އެދި ހުށަހަޅަނީއެވެ.
ނަމަވެސް ކޯޓުތަކުން ކުރާ ހުކުމްތައް އިސްތިއުނާފް ކުރަން ހުށަހެޅުމުގެ ބަދަލުގައި ނުވަތަ މައްސަލަތައް ސުޕްރީމް ކޯޓަށް މުރާޢާޖާ ކުރަން ހުށަހެޅުމުގެ ބަދަލުގައި ފެންނަމުންދާ މަންޒަރަކީ ހުކުމް ކުރުން އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި ފަނަޑިޔާރުން ބޭރު ކުރަމުންދާ މަންޒަރެވެ. އެކަން މިކުރަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަނާއި މަޖިލީހުގައި އަލަށް އުފެއްދި ޖުޑިޝަރީ ކޮމެޓީއާއި ގުޅިގެންނެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ކަމަށް ބެލެވޭނީ އެ ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ހިމެނޭ ފަރާތްތަކާއި ވަކިން ބައްދަލު ކުރުމާއި ނުވަތަ މައްސަލައެއް ވަކިގޮތަކަށް ނިންމުމަށް ރިޝްވަތުގެ އަމަލެއް ހިމްގުން ނުވަތަ އާންމު އިކުތިމާއީ މިންގަނޑާއި ހިލާފް އަމަލެއް ފަނޑިޔާރަކު ހިންގުމެވެ.
ޖޭއެސްސީގެ ގާނޫނުގެ އެއްވެސް މާއްދާއެއްގައި އަދި ގާނޫނުއަސާސީގައި ޖޭއެސްސީގެ ބާރުތައް ބަޔާން ކޮށްފައިވާ އެއްވެސް މާއްދާއެއްގައި ސުލޫކީ މައްސަލަތަކުގެ ގޮތުގައި ފަނޑިޔާރުން ކުރާ ހުކުމްތައް ނުވަތަ ކޯޓުތަކުން ކުރާ ހުކުމްތައް ބެލުމުގެ ބާރު ދީފައެއް ނުވެއެވެ. ހާއްސަކޮށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތައް އެއީ ގާނޫނުއަސާސީއާއި ހިލާފް ހުކުމެއްތޯ ބެލުމާއި ކަނޑައެޅުމަކީ ދިހިވެހިރާއްޖޭގެ ގާނޫނުއަސާސީން އެއްވެސް ފަރާތަކަސް ދީފައިވާ ބާރެއް ނޫނެވެ.
ނަމަވެސް މިއަދު ބަޔަކު މީޙުންނަށް ބާރުވެރިކަމެއް ލިބުނީތީ ގާނޫނުއަސާސީން ލިބިގެން ނުވާ ބާރުތަކެއް އަމިއްލައަށް އުފައްދައިގެން އެބާރުތަކުގެ ބޭނުން ކުރަން ފަށައިފިއެވެ. ނަތީޖާއަކީ މިއީއެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުން އުފައްދާފައި ނެތް ކޯޓެއް ބަޔަކު މީހުން އުފައްދައިފިއެވެ. އެއީ ޖުޑިޝަރީ ކޯޓެވެ. އެ ކޯޓުގެ ފަނޑިޔާރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގަިއ ތިއްބަވާ މެމްބަރުންނާއި ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންނެވެ. މި އާ ކޯޓާއިއެކު މިއަދު ރާއްޖޭގެ ޖުޑިޝަލް ސިސްޓަމް ޕެރެލައިޒްވެފައިވާކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. މި ދެންނެވި ޖުޑިޝަރީ ކޯޓުގެ މުއްދަތަކީ ކޮބައިކަން ކަނޑައަޅަނީ ތިޔަ ލޮބުވެތި ރައްޔިތުންނެވެ.

