ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މަނީ ލޯންޑަރިންގެ ޝަރީއަތް ކުރާ ބެންޗުގައި ހިމެނި ވަޑައިގަންނަވާ، ކްރިމިނަލް ކޯޓާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދުގެ ނަޒާހަތްތެރި ކަމާއި މެދު ސުވާލު އުފައްދާ މައްސަލައިން ތަނާޒުލްވުމަށް، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ގޮވާލައިފިއެވެ.
ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިން މައްސަލަ ބައްލަވަމުން ގެންދިޔަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑު ކުރުމާއި ގުޅިގެން އެ ކޯޓު ހިންގުމާ ހަވާލުކޮށްފައި ވަނީ ގާޒީ އަލީ ރަޝީދާ އެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލްކޮށްފައި އޮތް އިރު، އެ މައްސަލަ ބަލާނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތެއް އާދީއްތަ ދުވަހު އޮންނާނެއެވެ. އެކަމާއި، ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޝަރީއަތްތައް ލައިވް ކުރެވޭ ގޮތް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމާފައި ވުމުން، ކަންތައްތަކެއް ފޮރުވަން އުޅޭކަމުގެ އިޝާރާތްތަކެއް ފެންނަ ކަމަށެވެ. ކަންކަން ފޮރުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޝާރާތް ކުރައްވާ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ”ވަކި ގޮތަކަށް ކުރިޔަށް ގެންދިއުމަށް“ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ގާޒީ އަލީ ރަޝީދު ”ވަކި މީޑިއާއަކަށް“ ދެއްވި އިންޓަވިއު ދެއްވި މައްސަލަ އަކީ ކަންބޮޑުވުމެއްގެ ގޮތުގައި ޖަމީލު ފާހަގަކުރެއްވިއެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް، މީގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔާމީންގެ ޝަރީއަތް ވަކި ގޮތަށް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާ ކަމަށާއި އެކަން ގާޒީ އަލީ ރަޝީދަށްވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް ގާޒީ އަލީ ރަޝީދު ވަނީ ދޮގުކުރައްވައިފަ އެވެ. ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން، ސިޔާސީ މީހަކު ނުވަތަ މީޑިއާ ގައި ދައްކާ ވާހަކަ އަކަށް ފަނޑިޔާރުން ރައްދު ދިނުމަކީ މަނާ ކަމެކެވެ.
ޖަމީލް ވިދާޅުވީ ކްރިމިނަލް ކޯޓު ހިންގުމާ އަލީ ރަޝީދު ހަވާލުވެވަޑައިގެން އަމަލު ކުރެއްވި ގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތަކުން މުވައްކިލަށް ލިބިގެންވާ ހައްގުތައް ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެން ކަމުން، މީޑިއާކަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަތަކަށް ބަލާ ފަނޑިޔާރު އަލީ ރަޝީދު މިވަނީ މައްސަލައިގައި ވަކި ފަރާތަކަށް ތައައްސަބުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޖޭއެސްސީ އަށް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހަޅާ އެ މައްސަލައިގެ ވަކި ގޮތެއް ނުނިމެނީސް، ”ބޮޑު މައްސަލައެއް“ ކުރިއަށް ގެންދެވިގެން ނުވާކަން ފާހަގަކުރައްވާ ޖަމީލު ވިފާޅުވީ އިންސާފުގެ ދޮރު ހުންނަން ވާނީ ކޮންމެ މީހަކަށް ވެސް ހުޅުވިފައި ކަމަށެވެ. އަދި އެމީހާއާ ދޭތެރޭގައި މުއާމަލާތް ކުރަން ވާނީ ހަމަހަމަކަމާ އެކީގައި ކަމަށެވެ.
ޖަމީލް ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަނުން އެއް ފަނޑިޔަރެއްގެ މައްސަލަ ވަރަށް ހަލުވި ކަމާއި އެކީ ނިންމާލެވޭ މިންގަނޑުން އެހެން ފަނޑިޔާރުންގެ މައްސަލަވެސް އެ ހަލުވި ކަމާއެކީ ނިމެން ޖެހޭނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ. އެ މައްސަލާގައި ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް، މި މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ހައިލަމް ސަސްޕެންޑުކޮށްފަ އެވެ.
ޖޭއެސްސީއިން ހައިލަމް ސަސްޕެންޑު ކުރީ، ރަައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައި ހުންނަ މަންޒަރު ފެންނަ ކާޓޫނަކާ އެކު ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި މައްސަލައެއްގަ އެވެ.
އޭގެ އިތުރުން، ކުރީގެ މެމްބަރު އަލްހާން ފަހުމީ އަތުން ދެ ލައްކަ ރުފިޔާ ހައިލަމް ނެގި މައްސަަލައެއްވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. ހައިލަމް ސަސްޕެންޑު ކުރުމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ތުހުމަތު ކުރެއްވީ، ޖޭއެސްސީއިން ހުކުމަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށެވެ. އަދި އެ ފަހުން ދެ ފަހަރެއްގެ މަތިން ރައީސް ޔާމީންގެ މައްސަލަ ބެންޗަކުން ބަލައިދިނުމަށް އެދި ވަކީލުން ކްރިމިނަލް ކޯޓަށް ސިޓީލި އެވެ.
އެއާ އެކު އެ މައްސަލަ ބައްލަވަން ބެންޗެއް ވަނީ އެކުލަވާލައިފަ އެވެ. އެ ބެންޗުގައި ގާޒީ ރަޝީދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

