އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްއަލީސައީދުއަށާއިއަދާލަތުޕާޓީއަށްބޮޑެތިތުހުމަތުތަކެއްކޮށްފިއެވެ.
ވީނުވީއެއް ނޭނގި ގެއްލުފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އުފެއްދު ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ހުލާސާ މިއަދުގެ ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ އިއްވާފައެވެ.
މަރުގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޑރ އަފްރާޝިމް އަވަހާރަކޮށްލުމުގެ ކުރިން ޑރ ޝަހީމަށް ލިބުނު މެސެޖެއްގައި ޑރ.އަފްރާޝީމް ރުޖޫއަވެ، މީޑިޔާގައި އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝިމް ދެކެ އަލުން އަނބުރާ ލޯބިވާނެ ކަމަށް ބުނެފައިވެއެވެ. މި މެސެޖު ޑރ.ޝަހީމްއަށް ފޮނުވި ފަރާތެއް، ޑރ ޝަހީމް ރިޔާސީ ކޮމިޝަނަށް ސާފުކޮށްދީފައެއް ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮމިޝަނުން ބުނާގޮތުގައި ޑރ.ޝަހީމު ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫނެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ޖުލައި 28 ވަނަ ދުވަހު ޝަހީމު ލިޔުމުން ރިޔާސީ ކޮމިޝަނަށް ފޮނުވާފައިވާ މައުލޫމާތުގައި 1 އޮކްޓޫބަރު 2012 ވީ ދުވަހު އަފްރާޝީމް، އޭނާއާ ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީ އަށް ވަޑައިގެންނެވީ އޭނާގެ އެދުމަށް ނޫން ކަމަށް ޝަހީމު ވިދާޅުވެފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އެ ދުވަހު ބަދަލުކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީ އަށް އަފްރާޝިމް ވަޑައިގަތުމަށް ދެންނެވީ ސީދާ ޝަހީމުކަން އެނގެން އޮންނަ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ރޭގެ ޓީވީއެމްގެ ޕްރޮގްރާމަށް އެރުމަށް އެދިލެއްވީ އޭނާ އަށް އެ ޕްރޮގްރާމަށް، އެރޭނެ ކަމުގެ ޔަގީންކަން ކޮން ފަރާތަކުން ދީގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޑރ ޝަހީމު ވިދާޅުވި ނަމަވެސް، އަފްރާޝީމް ޓީވީއެމްގެ ޕްރޮގްރާމަށް އެރުމުގެ ވާހަކަ އޭގެ ކުރިން ވެސް އެ ދެ ބޭފުޅުންގެ ދެމެދުގައި ދެކެވިފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެގޮތުން ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޓީވީއެމްގެ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ޝަހީމު ކަމާއި، އަދި އެ ޕްރޮގްރާމަށް އަފްރާޝިމް އަރުއްވަން ބޭނުންފުޅުވީ ކީއްވެގެންކަން ޝަހީމަށް އެނގިވަޑައިގަންނަވާ ކަމާއި، އެއީ ކުރީން އަފްރާޝީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާވާންކަން އާންމުކޮށް އިއުލާން ކުރުމަށްކަން ޝަހީމަށް އެނގިވަޑައިގެންފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ޑރ އަފްރާޝީމް ޕްރޮގްރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެނަމަ އިސްލާމިކް މިނިސްޓްރީގައި ނޫސް ކޮންފަރެންސެއް ބާވައިދެއްވަން ޑރ ޝަހީމު ހުށަހަޅުއްވާފައިވާކަން ވެސް ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ މެސެޖުތަކުން ސާފުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އާއި ތ. އޮމަދޫ މީހެއް ކަމަށްވާ ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ބުނެފައިވެއެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އަޒްލިފް އިސްވެ ހުރެ، އަފްރާޝީމަށް ހަމަލާ ދިނީ މަރުގެ މި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ހުސެން ހުމާމާއި ދައުވާ ލިބި ކުށް ސާބިތު ނުވި އަލީ ޝާން (ސަޓޯ) އާއި އޭރު އުމުރުން 18 ނުފުރޭ ކުއްޖެއް ކަމަށް ރިޕޯޓްގައިވެ އެވެ. ނަމަވެސް މީގެ އިތުރުން ވެސް ބަޔަކު ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށާއި އެކަމަކު އެ މީހުން ރާއްޖެއިން ބޭރަށް ހަނގުރާމަ އަށް ގޮސްފައި ވާތީ އެ މީހުންގެ ބައި ތަހުގީގުކުރެވިފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.
މަޒީދު އާއި ސާމިތަކީ ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތުކުރެވޭ ޖަމާއަތުގެ މީހުންނެވެ. މަޒީދަކީ ސަލްޓަންޕާކު ބޮމުގެ ހަމަލާ އަށް ފަހު ޕާކިސްތާނަށް ގޮސް އެތަނުގައި އުޅުނު އަލްގާއިދާގެ އިސް މީހަކާ ބައްދަލުކޮށް، އެ ޖަމާއަތުގެ މަސައްކަތް ރާއްޖޭގައި ކުރަމުން އަންނަ މީހެއް ކަމަށް ތަހުގީގަށް އެނގިފައިވެ އެވެ. ސާމިތު ވަނީ ރިލްވާން ވަގަށް ނަގައި މަރާލުމާ ބެހޭ ގޮތުން މީހުންނާ ވާހަކަ ދައްކާފައި ކަމަށް، ކޮމިޝަނުން ރިލްވާނާ ގުޅޭ ގޮތުން ނެރުނު ރިޕޯޓްގައި ބުނެފައިވެ އެވެ.
މި ރިޕޯޓުގައި ޑރ. އަފްރާޝީމް މަރާލާފައިވަނީ ވަކި ހާއްސަ ވާހަކަތަކެއް ދައްކާތީ ކަމަށް ބަޔާންކޮށްފައިވެެއެވެ. އެވާހަކަތަކުގެ ތެރޭގައި ދީނީ އިލްމުވެރިއެއްގެ މެދުގައި ކަމަކާއި މެދު ހިޔާލުތަފާތުވުން އުފެދިއްޖެ ނަމަ އެއީ ކަނޑައެޅިގެން ވާޖިބު ބިދުއަ އަދި ކަނޑައެޅިގެން ދީނުން ބޭރުވާ ވަރުގެ މައްސަލައެއްގެ ގޮތުގައި ކަނޑަނޭޅޭނޭ ކަމަށާއި އެފަދަ މައްސަލަތަކަކީ ކަނޑައަޅައިގެން ވަކިގޮތެއް ނިންމޭނޭ މައްސަލަތަކެއް ނޫން ކަމަށް ޑރ. އަފްރާޝީމް ވިދާޅުވެފައިވާ ވާހަކަ ހިމެނެއެވެ. އެފަދަ މައްސަލަކުގައި މުސްލިމު އަހުން އެއްބަޔަކު އަނެއް ބަޔަކަށް ޖަދަލުކޮށް އެއްޗިހި ގޮވާ ހެދުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޑރ. އަފްރާޝީމް ވިދާޅުވި ވާހަކަވެސް ހިމެނޭ ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ޑރ އަފްރާޝީމާ ގުޅޭގޮތުން މީހުންގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ގިނަ ބައެއްގެ ވާހަކަ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ސަލަފް ޖަމާއަތުގެ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ހަމައެހެންމެ ޑރ އަފްރާޝީމް ޓީވީ ޕްރޮގުރާމަށް އަރާވަދައިގެންނެވި ރޭ ޓީވީ ޕްރޮގުރާމް ބެލުމަށްޓަކައި އަދާލަތު ޕާޓީގެ އަފީހުގައި ބަޔަކު މީޙުން ތިބި ކަމަށެވެ. މީގެއިތުރުން ޑޜ އަފްރާޝީމް މަރާލިރޭގެ އަނެއް ދުވަހު ޑޜ ޝަހީމްވެސް ރާއްޖެއިބް ފުރައިގެން ދިޔަ ކަމަށާއި ފުރައޮގެން ދިޔަ މީޙުންގެ ތެރޭގައި ޑރ އަފްރާޝީމް މަރާލުމުގަިއ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުން ހިމެނޭކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. މީގެއިތުރުން ޑރ އަފްރާޝީމްގެ މަރާއޮ ގުޅުންހުރި ގިނަ ވާހަކަތަކެއް ރިޔާސީ ކޮމިޝަންގެ ރިޕޯޓޫގައި ވަނީ ފާހަގަ ކޮށްފައެވެ.
ރިޕޯޓާ ހަވާލާދީ ނަޝީދު އިތުރަށް ވިދާޅުވީ އަފްރާޝީމްގެ މަރުގެ ތަހުގީގާ ގުޅޭގޮތުން، ފުލުހުންގެ ފަރާތުން ސީސީޓީވީ ފޫޓޭޖުތަކާއި ފޯނު ކޯލް ލޮގު ފަދަ ބައެއް މައުލޫމާތުތައް ކޮމިޝަނަށް ލިބިފައިނުވާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އަފްރާޝީމް އަވަހާރަކޮށްލުމަށް ހަތަރު މިލިއަނާއި ހަ މިލިއަން ރުފިޔާގެ އަދަދެއް ހޭދަކޮށްފައިވާކަމަށް ކޮމިޝަނުގެ ތަހުގީގަށް އެނގައިފާއިރު، އެ ފައިސާތައް ދަތުރުކުރި މަގު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މިހާރުވެސް ބެލޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ނުސީދާ ގޮތުން ހަރަކާތްތެރިވި ބަޔަކު ތިބި ކަމަށާއި، އެމީހުން ކުރިކަމަކާއި އެ މީހުންގެ ދައުރު އިތުރަށް ތަހުގީގު ކުރަންޖެހޭކަމަށް ރިޕޯޓުގައި ބުނެފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރުގެ ހަރާކާތްތައް މިހާރުން މިހާރަށް ނުހުއްޓުވިއްޖެނަމަ ރާއްޖެ ހަރާބުގެ މަގަށްދާނެކަމަށާއި، އަފްރާޝީމްގެ ރިޕޯޓަށް އަމަލުކުރުން ކަމާބެހޭ ހުރިހާ އިދާރާތަކުން އަވަސް ކުރަންޖެހޭ ކަމަށެވެ.

