މި އަހަރުގެ ދެވަނަ ކުއާޓާރުގައި ރާއްޖޭގެ އުފެއްދުންތެރިކަން 7 އިންސައްތައާއި ގާތްކުރާ މިންވަރަކަށް އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުގައިވާގޮތުން މި އަހަރުގެ ދެވަނަ ކުއާޓާރގައި ރާއްޖޭގެ އުފެއްދުންތެރިކަންވަނީ 2024 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 6.7 އިންސައްތައިން އިތުރުވެފައިކަމަށެވެ. އަހަރުގެ ފުރަތަމަ ކުއާޓާރގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދިޔައީ 3.2 އިންސައްތައިންނެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދިއުމަށް ދިމާވި މައިގަނޑު ސަބަބަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފުޅާވެގެންދިއުމާއިއެކުއެވެ.
ދެވަނަ ކުއާޓާރގައި ރާއްޖޭގެ ސިއްހީ ދާއިރާ އަދި ކުރަމުންދާ އިޖްތިމާއީ މަސައްކަތްތައްވެސް ފުޅާވެގެން ގޮސްފައިވާކަން ފެނިގެންދާކަމަށް މައުލޫމާތު ދީފައިވެއެވެ. ރާއްޖޭގެ ފަންނީ ދާއިރާތަކުގެ މަސައްކަތްތައްވެސް ފުޅާގެން ގޮސްފައިވެއެވެ. ހަމަ މިފަދައިން މާލީ ދާއިރާގެ މަސައްކަތްތަކާއި މުއާސަލާތީ ދާއިރާގެ އިތުރުން ދަތުރުފަތުރުގެ ދާއިރާވެސް ކުރިއަރާފައިވެއެވެ
މި އަހަރުގެ ތެރޭގައި ޖުމުލަ ގޮތެއްގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދާނީ 5.4 އިންސައްތައިންކަމަށްވެސް ލަފާކުރެއެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖެގައި މުދަލުގެ އަގު އުފުލިގެންދިޔައީ 3.9 އިންސައްތައިންނެވެ. މައިގަނޑު ގޮތެއްގައި އަގު އުފުލިގެންދިޔައީ ދުންފަތުގެ ބާވަތްތަކުނެނެވެ.

