ރައީސުލްޖުމްހޫރީއް އިބްރާހިމް މުހައްމަދު ސާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުން ތަފާތުއެކި ރިޕޯޓުތައް ނެރެމުން ދަނީ އިސްލާމްދީނަށާއި މާތް ނަބީއްޔާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯޚް (އެމްޑީއެން) ގެ މައްސަލަ އޮއްބާލުމުގެ ބޭނުމުގައި ކަމަށް މަޝްގޫރު ދީނީ ޢިލްމްވެރިޔާ ޝޭޙް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސް ސާލިޙް އުފައްދަވާފައިވާ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ރައްޔިތުންގެ މަޖިލީޙުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ނެރެ ދީނީ ޢިލްމްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ޝޭޙް އިލްޔާސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ (އެމްޑީއެން) މައްސަލަ އޮއްބާލަން ރިޕޯޓުތަކެއް ނެރުނަސް ރައްޔިތުން އޮޅުވާ ނުލެވޭނެ ކަމަށެވެ.
އެގޮތުން އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤުރުއާނާއި މާތް ނަބިއްޔާއަށް ފުރައްސާރަކުރި ބައެއްގެ ދިފާޢުގައި ވަކާލަތި ކުރި މައްސަލަ އޮއްބާލަން ކިތައްމެ ރިޕޯޓެއް ނެރުނަސް ރައްޔިތުނެއް އޮޅުވައި ނުލެވޭނެ ކަމަށެވެ.
އަފްރާޝިމްގެ މަރުގެ ރިޕޯޓުގައިވާ ގޮތުން އެމަނިކުފާނު އަވަހާރަކޮށްލާފައިވަނީ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ރާވައިގެންނެވެ. އެ ޖިހާދީ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ވަނީ ބުނެފައެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ. މި މީހުންގެ ތެރެއިން މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދަކީ މީގެކުރިން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައިވެސް މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ދެ ނަމެކެވެ.
މި ރިޕޯޓުގައި ޑރ. އަފްރާޝީމް މަރާލާފައިވަނީ ވަކި ހާއްސަ ވާހަކަތަކެއް ދައްކާތީ ކަމަށް ބަޔާންކޮށްފައިވެެއެވެ. އެވާހަކަތަކުގެ ތެރޭގައި ދީނީ އިލްމުވެރިއެއްގެ މެދުގައި ކަމަކާއި މެދު ހިޔާލުތަފާތުވުން އުފެދިއްޖެ ނަމަ އެއީ ކަނޑައެޅިގެން ވާޖިބު ބިދުއަ އަދި ކަނޑައެޅިގެން ދީނުން ބޭރުވާ ވަރުގެ މައްސަލައެއްގެ ގޮތުގައި ކަނޑަނޭޅޭނޭ ކަމަށާއި އެފަދަ މައްސަލަތަކަކީ ކަނޑައަޅައިގެން ވަކިގޮތެއް ނިންމޭނޭ މައްސަލަތަކެއް ނޫން ކަމަށް ޑރ. އަފްރާޝީމް ވިދާޅުވެފައިވާ ވާހަކަ ހިމެނެއެވެ.
ޑރ އަފްރާޝީމާ ގުޅޭގޮތުން މީހުންގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ގިނަ ބައެއްގެ ވާހަކަ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ސަލަފް ޖަމާއަތުގެ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

