ދިވެހި ރައްޔިތުންނަށް ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއިން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، ހދ. ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށްވާ، މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަނީ ފުރިހަމަވެފައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ވެރިކަމުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މިސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް އިފްތިތާޙްކުރެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ހދ. ހަނިމާދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައިވަނީ ރޭ ކަމަށެވެ. ހަނިމާދޫގައި މި ޚިދުމަތް ފެށުމާއެކު، ރައީސްގެ ވަޢުދާއެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރުވަނީ ފުއްދަވާފައެވެ.
މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ސަރުކާރުން ދަނީ ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން މެލޭޝިއާ އަދި ސްރީލަންކާގައި އައިޑީ ކާޑުގެ ޚިދުމަތް މިހާރު ފަށާފައިވާއިރު، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

