މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އުފެދުނީއްސުރެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއަކީ ޕާޓީއަށް އިޚްލާސްތެރިއެއް ކަމަށާއި އަސްލަމް އެޕާޓީގެ ނައިބް ރައީސަކަށް އިންތިހާބުކުރަންޖެހޭ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ އަސްލަމްއަށް ތާއީދު ކުރުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ މާފަންނުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
އަސްލަމަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީއަށް ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް ބޭފުޅާ ކަމަށް ފަލާޙް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ގޮތުގައި ހަރުދަނާކަމާއި އެކީ ކުރިއަށް ގެންދިއުމުގައި އައްޑޫ ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އެގޮތުން އަސްލަމަކީ އޭގެ ނަމޫނާއެއް ކަމަށެވެ.
އެހެންކަމުން މިމަހުގެ 22 ވަނަ ބޭއްވުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބުގައި ހުރިހާ މެމްބަރުންވެސް ނިކުމެ ޕާޓީގެ ރައީސަކަށް މުހައްމަދު ނަޝީދު އަދި ނައިބް ރައީސަކަށް މުހައްމަދު އަސްލަމަށް ވޯޓް ދެއްވުމަށް ފަލާހްވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން އަސްލަމްއަށް ތާއީދުކުރައްވާއިރު އަސްލަމް ގެންދަވަނީ ރާއްޖޭގެ ދެކުނާއި އުތުރުން ރައްޔިތުންނާއި ބައްދަލުކޮށް ޕާޓީ އިތުރަށް ކުރިއަށް ގެންދިއުމަށް ހުރި ކަންކަން އޮޅުން ފިލުވަމުންނެވެ. ރައްޔިތުންގެ ޝަކުވާތައް އަޑު އެއްސެވުމަށްފަހު އަސްލަމްވަނީ އޭނާ މިމަޤާމަށް އިންތިޚާބުވެއްޖެ ނަމަ އެމްޑީޕީގެ މެމްބަރުންނަށް ޚިދުމަތްކޮށް ދިނުމަށް ސިޔާސަތުތަކެއް އެކުލަވާފައެވެ.
’ތިލަފަތަށް ސިޔާސަތު’ގެ ދަށުން މައިގަނޑު ހަތަރު ކަމަކަށް އަސްލަމް ވައުވެވަޑައިގަންނަވައެވެ. އެގޮތުން އަތޮޅު / ސިޓީ ސެކްރެޓޭރިއޭޓުން ޤާއިމް ކުރުމާއި، އަހަރަކު އެއްފަހަރު ކޮންގްރެސްއެއް ބޭއްވުމާއި، ފިޔަވަޅު އަޅާ ކޮމިޓީ ހިންގުމާއި އަދި އާއްމު މެމްބަރުންނަށްބަދަލު ހޯދައި ދިނުން ހިމެނެއެވެ.

