ކުޑަކުދިން ކުޅޭ ބެއާއެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން، ތ. ވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ، އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި އޮޕަރޭޝަނެއް ހިންގައިފައިވާކަމަށާއި، އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ، މުހައްމަދު ނަވާޒު، ތ. ހިރިލަންދު، 25އ ކަމަށެވެ. އެގޮތުން، އޭނާ ހައްޔަރުކުރީ 21 ޑިސެމްބަރު ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ވަންދޫ ބަނދަރު މަ ތިން ކަމަށް ފުލުހުން ބުނިއެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ނަވާޒު ބަލާފާސްކޮށްފައިވާއިރު، އޭނާގެ އަތުގައި އޮތް ކުޑަކުދިން ކުޅެން ގެންގުޅޭ ބެއާ ނުވަތަ ސާރިދޯޅެއް ފާހަގަކުރެވުނު ކަމަށެވެ. އަދި، އެ ބެއާ އިތުރަށް ބެލިއިރު، ޝައްކުކުރެވޭ ގޮތަކަށް ފަހާފައި ހުރިކަމަށް ފާހަގަކުރެވިގެން، އިތުރަށް ބަލާފާސްކޮސްފައިވާކަމަށާއި، އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނިއެވެ.
އެހެންނަމަވެސް، އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން ހާމަކޮށްފައެއްނުވެެއެވެ.
މި މައްސަލައާއި ގުޅިގެން، އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު، މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނިއެވެ. ނަމަވެސް، އޭނާ ޕޮޒިޓިވްވެފައިވަނީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗަކަށް ކަމެއް ހާމަކޮށްފައެއްނުވެއެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކުރި ނަވާޒު މަސައްކަތްކުރަމުންދަނީ ފުލުހުންގެ އިދާރާގައި ކަމަށް ވާތީ، އޭނާ ހައްޔަރުކުރުމަށްްފަހު، އޭނާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށެވެ.
އަދި، މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ބުނިއެވެ،

