މާލެ މޭޔަރުކަމުން ރެކިވަޑައިގެން ހިތުހުރި ގޮތަކަށް، ސަރުކާރު ކަންކުރަން ދޫކޮށްލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބުނެ، މާލޭގެ މޭޔަރު އާދަމް އާޒިމްއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، މާލޭގެ މޭޔަރުކަމަށް އަލީ އާޒިމްއަށް ތާއީދު ކުރައްވާ ރައީސް ނަޝީދު ވިދަޅުވި ގޮތުގައި މިހާރުގެ މޭޔަރަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް އާޒިމަށް އަމާޒިކޮށް ރައީސް ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގައި ހުރި ގަސްތައް ކަނޑާލަނީ ސަރުކާރުންކަމަށް ބުނެ އާދަމް އާޒިމް އެކަމުން ރެކިގަތުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި ހިތުހުރި ގޮތަކަށް ސަރުކާރުން ކަންކަން ކުރުމަށް ދޫކޮށްލައިގެން ހުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ މީގެ ކުރިންވެސް، މާލޭ އަދި ވިލިމާލެއިންވެސް ގަސް ކެނޑުމާއި ދެކޮޅަށް އަޑު އުފުއްލެވި ބޭފުޅެކެވެ. އެގޮތުން، 2022 ވަނަ އަހަރު އަމީނީ މަގު އަލުން ތަރައްގީކޮށް، ތާރު އެޅުމަށް އެ މަގުގައު ހުރި ގަސްތައް ނަގަން އޭރުގެ ސަރުކާރުން މަސައްކަތް ފެށުމުން އެކަމަށް ފާޑުވިދާޅުވެފައި ވެއެވެ.
އާދަމް އާޒިމް ވެސް ދެވަނަ ދައުރަކަށް، ޓިކެޓު ހޯއްދެވުމަށް ޕްރައިމެރީގައި ވާދަކުރައްވަ އެވެ. އަދި އަލީ އާޒިމަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ވަނީ އޭނާ ސަރުކާރުގެ ކަންކަމުގައި ބަސް ނުބުނާކަމަށް ތުހުމަތުކޮށްފަ އެވެ.
އޭގެ ތެރޭގައި ޕާޓީގެ ޗެއާޕާސަންގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއިލް ހިމެނެ އެވެ.

