ރާއްޖޭގައި ދީނީ ޢީލްމް ފެތުރުމަށް މަސައްކަތް ކުރާ ސަލަފް ޖަމިއްޔާއަކީ ޓެރަރިސް ޖަމާއަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ސިފަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިސްރާބަކީ ރާއްޖޭގެ އާ ހަގީގަތް ޤަބޫލުކުރުން ކަމަށެވެ. އެ ހަގީގަތަކީ ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތްތައް ހިންގަމުންދާކަން ޤަބޫލުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ދުވަހަކު އަޑު އިވެނީ އީރާނާއި، އިރާގާއި، ސީރިޔާއާއި ޕާކިސްތާނުން ރާއްޖޭގެ ފަރާތްތައް ޓެރަރިސްޓުންގެ ގޮތުގައި ހައްޔަރުކުރާ ކަމަށެވެ.
ހަމައެކަނި ކަންބޮޑުވާ ކަމަކީ ކުޑަކުދިންވެސް ހިމެނޭ ގޮތަށް، ރާއްޖެއިން ބޭރަށް ހަނގުރާމައަށް މީހުން ފޮނުވަން ވަކި ޖަމިއްޔާއަކުން މަސައްކަތް ކުރުން ކަމަށާ އެކަމަށް ލޯމަރައިގެން ނުތިބެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް ފުުރަތަމަ އުފެއްދީވެސް އެމްޑީޕީއިން ކަމަށާ، ސަލަފް ޖަމާޢަތް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްދިނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި އުމުރުން ދުވަސްވީ މީހުން އެ ޖަމިއްޔާ ރެޖިސްޓްރީ ނުކުރަން ސިޓީއިންނާއި އެހެނިހެން ގޮތްގޮތުން އެދެމުންދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ޖަމިއްޔާ ރެޖިސްޓްރީ ނުކޮށްފި ނަމަ ސިއްރުން އެ ޖަމިއްޔާ ހިންގާ ”އަންޑަރ ގްރައުންޑް“ކޮށް މަސައްކަތް ފެށީސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

