ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިން ކުށުގެ ވެށިން ފެންނަ މިންވަރު އިތުރުވުން، ކަންބޮޑުވާން ޖެހޭ މައްސަލައެއް!

ފުލުހުން ހިފެހެއްޓި ޑްރަގުތަކެއް ބެލުމުގެ ދަށަށް ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށުގެ ވެށިން އުމުރުން 18 އަހަރު ނުވާ ކުދިންނާއި ޒުވާނުން ފެންނަ މިންވަރު އިތުރުވަމުންދިއުމަކީ ގައުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މުސްތަގުބަލުގައި ގައުމުގެ ކަންކަން ހަވާލުވެ ކުރިޔަށް ދާނެ ބަޔަކީ މިއަދުގެ ކުޑަކުދިންނާއި ޒުވާނުންކަމަށް ވުމާއެކު، ގައުމުގެ އުޖާލާ މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި، ގައުމަށް ވަފާތެރި، ނަޒާހާތްތެރި އަދި އަބުރުވެރި ޖީލެއް ބިނާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ މުހިއްމުކަން އެންމެން ގަބޫލުކޮށް، އެކަމަށް މަސައްކަތްކުރުން މިއަދުވެސް ވަރަށް މުހިއްމެވެ.

ގާނޫނީ ގޮތުން ކުޑަކުއްޖެއްކަމަށް ބެލެވެނީ، އުމުރުން 18 އަހަރު ފުރިހަމަ ނުވާނަމަ އެވެ. ނަމަވެސް، ފުރާވަރުގެ އުމުރަށް ދާ ކުދިންނަކީ، އިސްލާމީ ނަޒަރަކުން ބަލާއިރު، ހެޔޮކަމާއި ނުބައިކަން ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ބައެކެވެ. ފުލުހުން މަގުމަތީގައި ހިންގާ ޕެޓްރޯލް އޮޕަރޭޝަންތަކުގެ ތެރެއިން އެ އިދާރާއަށް އެންމެ ބޮޑަށް ފާހަގަކުރެވުނު މައްސަލައަކީ، ކުށުގެ ވެއްޓާ ގުޅިގެންނާއި އެކި ގްރޫޕުތަކަށް ނިސްބަތްވާ ކުޑަކުދިންގެ އަދަދު އިތުރުވުމެވެ. މި މައްސަލައިގެ ފަހަތުގައި އޮންނަނީ ހަމައެކަނި އެ ކުދިންގެ އިހުމާލެއް ނޫނެވެ.

ކުށުގެ ވެށިން ކުޑަކުދިން ފެނުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވާނެއެވެ. ގިނަ ކުދިން އެ ހާލަތަށް ވައްޓާލީ ދިރިއުޅުމުގައި ދިމާވާ ކަންތަކެއް، ނުވަތަ ހިނގަމުންދާ ކަމެއްގެ ސަބަބުންނެވެ. އޭގެތެރޭގައި އާއިލީ މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް އެ އަމުރުގައި ކުދިންނަށް އަޅާލުން ނުލިބުން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ކުދިންނަށް ރަނގަޅު މަގުން އެއްކިބާވެ، ރަނގަޅު މިސްރާބު ގެއްލިގެންދެއެވެ. އެއީ، ކުދިން ހެދިބޮޑުވަމުންދާ ވަގުތު، ރަނގަޅާއި ނުބައިކަން ދަސްކޮށްދީ، ޝަޚްސިއްޔަތު ބިނާކުރުމަކީ މުހިއްމު ކަމަކަށް ވާތީއެވެ. ކުއްޖާގެ ދިރިއުޅުމުގައި ނިންމާ ނިންމުންތަކާއި ކުރާ ކަންތައްތައް ބިނާވެފައިވަނީ މި ކަންކަމުގެ މައްޗަށެވެ.

ކުޑަކުދިން ކުށުގެ ވެއްޓަށް ވަންނަ ބައެއް ގޮތްތަކަށް ބަލާއިރު، ގޭތެރޭގައި ދިމާވާ މައްސަލަތަކުގެ ސަބަބުން އެކުދިން ބޭރުގައި ގިނަ ވަގުތު ހޭދަކުރަން ބޭނުންވެއެވެ. ގޭތެރެއިން ލިބެންޖެހޭ ހިތްހަމަޖެހުމާއި އަމާންކަން ނުލިބުމުން، އެކަން ހޯދުމަށް ބޭރަށް ނިކުމެ، ގެއަށް ވަންނަން ބޭނުން ނުވެއެވެ. މިގޮތަށް ބޭރުގައި އުޅުމުގެ ތެރެއިން، ކޮންމެވެސް ގްރޫޕަކާ ނިސްބަތްވާ ބަޔަކު އެކުދިން ”ރެކްރޫޓް“ ކުރެއެވެ. އެ ކުދިން އެހާ ފަސޭހައިން އެ ގްރޫޕުތަކަށް ވެއްދެނީ، އެކުދިން ތިބޭ ނާޒުކު ހާލަތުގެ ސަބަބުން ފަސޭހައިން އެ މަޅީގައި ބައްދާލެވޭތީ އެވެ. އެ ގްރޫޕުތަކުން ކުދިންނަށް ރައްކާތެރިކަމާއި އެކުވެރިކަން އެ ކުދިންނަށް ގަބޫލު ކުރެވޭ ގޮތަކަށް ދޭތީވެ އެވެ. އެކުދިން އެފަދަ ދިރިއުޅުމަށް އަވަހަށް ހިތްޖެހެނީ، ގޭތެރެއިން ނުލިބޭ ގާތްކަން، އަމިއްލަ ނޫން ފަރާތަކުން ލިބުމުން ފަސޭހަކަމާއެކު އެފަރާތްތަކުގެ ނުފޫޒުގެ ދަށަށް ދާތީ އެވެ.

ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ”ހޯޕް އައިލެންޑް“ މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން، ކުށްކުރާ ކުޑަކުދިން ރިހެބިލިޓޭޓްކޮށް، ސީދާ މަގަށް އެޅުވުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ. ނަމަވެސް، މި މައްސަލައަށް ހައްލެއް ހޯދުމަށް މައްސަލައިގެ މުލުން ފެށުމަކީ މުހިއްމު ކަމެކެވެ. ވަކި ބަޔަކު ކުށްވެރި ނުކުރިޔަސް، ކުދިންނަށް އަޅާލައި، އެކުދިންނަށް ނަފްސާނީ ގޮތުން ކުރިމަތިވެދާނެ އެންމެހާ ކަންކަމުން ދުރުހެލިކުރުމަކީ އެންމެންގެ ޒިންމާއެކެވެ. ގޭތެރޭގައި ވިޔަސް، ސްކޫލް ތެރޭގައި ވިޔަސް، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މުހިއްމުކަމެކެވެ. އަދި، ކުއްޖާ އުފަންވާ ހިސާބުން ފެށިގެން ބޮޑެތި މީހުންނާ ހަމައަށް ދާންދެން، އެކުދިންގެ ދިރިއުޅުން ކުލުނުން ފުރިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މި މައްސަލައަށް ހައްލެއް ގެނެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. ހަމައެކަނި ސަރުކާރުން ކުޑަކުދިން ރިހެބިލިޓޭޓްކުރާ މަރުކަޒެއް ގާއިމުކުރުމުން މި މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބޭނެއެވެ. މި މައްސަލަ ހައްލުވާނީ، މި މައްސަލައަށް އެންމެން އަތުގުޅައި، މައިންބަފައިންގެ ހައިސިއްޔަތުން ދަރިންނަށް ދޭންޖެހޭ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ދީ، ކަމާބެހޭ އިދާރާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށް، މުޅި މުޖުތަމައު ވެސް ޝާމިލުވެގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: