ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ދިގުމުއްދަތެއް ވަންދެން ބަންޑާރަނައިބުކަން ކުރެއްވި ޑރ މުހައްމަދު މުނައްވަރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ނިންމަވާފައިވާ ކަމުގެ އަޑުތަކެއް މީސްމީޑިއާގައި ފެތުރެން ފަށައިފިއެވެ.
މީސްމީޑިއާގައި ފެތުރެމުންދާ މެސެޖުތަކުގައި ބުނެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ މުނައްވަރު އައްޔަން ކުރުމާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސާލުހުއާއި ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ޑރ މުނައްވަރު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް ސާލިހުއާއި ރައީސް ނަޝީދު ވެސް އިއްތިފާގުވެ ވަޑައިގެންފައިވާ ކަމަށް މީސްމީޑިގަިއ ފެތުރެމުންދާ މެސެޖުތަކުގައި ބުނެފައިވެއެވެ.
ޑޜ މުނައްވަރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު މިހަފްތާގެ ހޯމަ ދުވަހުގެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ޑރ އަހުމަދު އަބްދިﷲ ދީދީ ވަނީ ވަކިކޮށްފައެވެ. އެގޮތުން ޑރ އަހުމަދު އުއްތަމަ ފަނޑިޔާރުގެ ކަމުގެ މަގާމުން ވަކިކޮށްފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރި އެމަނިކުފާންގެ ސުލޫކީ މައްސަލަތަކެއް ސާބިތުވުމާއި ގުޅިގެންނެވެ. ޑރ އަހުމަދު އުއްތަމަ ފަނޑިޔާރުގެ ކަމުގެ މަގާމުން ވަކިކޮށްފައި ވަނީ 69 މެމްބަރުންގެ ވޯޓުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ ޑރ މުނައްވަރަކީ އުފަން އަތޮޅު ކަމަށްވާ ސ، އަތޮޅުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެ ބަންޑާރަ ނައިބުކަން 1993ން 2003 އަށް ޑރ މުޙައްމަދު މުނައްވަރު ކުރައްވާފައި ވެއެވެ. ޖޫން 2007 ގައި ޑރ މުޙައްމަދު މުނައްވަރު ވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރައީސް ކަމަށް އެޕާޓީގެ މެންބަރުން ހޮވާފައެވެ.

