ޑރ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ސަލަފް ޖަމިއްޔާއާއި ގުޅުމެއް އޮތް ކަމަށް ބުނެ ބަޔަކު ތުހުމަތުކުރަމުންދާއިރު މަރު ކޮމިޝަނުން ނެރުނު ރިޕޯޓާއި އެކު އަޅުގަނޑުގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.
ރިޕޯޓުގައި ގިނަ ކަންކަން ފާހަގަކޮށްފައިވާ އިރު ރާއްޖޭގައި ދީނީ ޢީލްމް ފެތުރުމަށް މަސައްކަތް ކުރާ ސަލަފް ޖަމިއްޔާގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ވަނީ އައިސްފައެވެ. ނަމަވެސް އެއީ މުޅިންވެސް ބުންޏޭ ބުންޏޭ ކިޔައިގެންނެވެ. ސާބިތު ހިފޭ ހެއްކެއް ނުވަތަ ޤަރީނާއެއް އެ ރިޕޯޓުގައި ނެތެވެ. އަދި ސަލަފް ޖަމިއްޔާގެ އެއްވެސް ބޭފުޅަކާއި އަފްރާޝީމް އަވަހާރަކޮށްލުމުގައި އިސްކޮށް ހަރަކާތްތެރިވި އެއްވެސް މީހަކާއި މުއާމަލާތްކޮށް ބައްދަލުކޮށް ވާހަކަދައްކާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައެއް ނެތެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނާ ހ. ހިލްޓަން އަޒްލީފް ރައޫފުއާއި އަމަލީ ގޮތުން ބައިވެރިވި، ހ. ލޮބީ ހުސައިން ހުމާމް އާއި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އަދި 18 އަހަރު ނުފުރޭ ކުޑަ ކުއްޖާއަކީ ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ ބައެއްކަމެއް ނުވަތަ ނޫން ކަމެއްވެސް މަރުކޮމިޝަނަށް ރިޕޯޓުގައި ބުނެދެވިފައެއް ނުވެއެވެ.
ސަލަފް ޖަމިއްޔާއިން ޑރ އަފްރާޝީމްއާއި މެދު ނެރުނު ޤަރާރުގައިވެސް ހަމަ އެކަނި ބުނެފައިވަނީ އަފްރާޝީމްގެ ދީނީ ފިކުރާއި ހިޔާލާއި ސަލަފްގެ ދީނީ ފކިކުރާ ދިމާނުވާ ކަމެވެ. އަދި އަފްރާޝީމް ދީނީ ގޮތުން ދައްކަވާ ވާހަކަތަކަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަމެއްކަން އެކަންޏެވެ. އަދި އަފްރާޝީމްގެ ފަތުވާތަކަކީ ޝިރުކުގެ މައްޗަށް އޮތް ފަތުވާއެއްކަމަށް ބަޔާންކޮށް ތަޢުބާވުމަށް ސަލަފުން ވަނީ އަފްރާޝީމްއަށް ގޮވާލާފައެވެ.

ސަލަފުން ނެރުނު ބަޔާނާއި ގުޅިގެން، ޢިލްމުވެރިންގެ ސަލަފުން ޑރ. އަފްރާޝީމް ބޭރު ކުރެވިފައިވާކަން ”ހެކިންގެ ހެކިބަހުން“ އިނގޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ރިޕޯޓުގައި އެތަކެއް ހެކިންގެ ހެކިބަސް ނަގާފައިވާއިރު ހެކިބަސް ދިން މީހުންގެ މަޢުލޫމާތު އާންމުކޮށްފައެއްނުވެެއެވެ. ބަޔާންދިން މީހުންގެ ތެރެއިން ހަމައެކަނި އާންމުކޮށްފައިވަނީ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްއާއި އިސްލާމިކް މިނިސްޓަރ ކަމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ބަޔާނެވެ. އޭގެ އިތުރަށް ދެންހުރީ ހުސްވެސް ފުލުހުން ކުރިން ހިންގާފައިވާ ތަޙުޤީޤު ރިޕޯޓާއި ކާކުކަން ނޭގޭ ހެކިވެރިންގެ ހެކިބަހެވެ.
ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ޖަމާއަތަކުން އަފްރާޝީމް ކުށްވެރިކޮށް ފަތުވާ ނެރެ އޭނާގެ މައްޗަށް ޝިރުކުގެ ބޮޑެތި ތުހުމަތުތަކެއް ކުރުމާގުޅިގެން އެމީހުންނަށް ތަބާވާ ”މުޅިން ތަންދޮރު ނުފިލާ“ މީހުންގެ ފަރާތުން ޑރ. އަފްރާޝީމްގެ ހަށިގަނޑާ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ޑރ.އަފްރާޝީމްއަށް އެންމެ ގިނައިން އިންޒާރުތައް ކުރިމަތިވަނީ މިސްކިތުން ކަމަށް ރިޕޯޓުގައިވެއެވެ.
ސަލަފްއަށް ކޮށްފައިވާ ތުޙުމަތުތައެް ދޮގުކޮށް ނެރެފައިވާ ނޫސްބަޔާނުގައި ބުނީ، ޑރ. އަފްރާޝީމް އިބްރާހިމް މިސްކިތުގައި ހުކުރު ކުރެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަނިކޮށް އޭނާގެ ގައިގައި ތަޅައިގަތުމާއި މަރުކޮމިޝަނުން ސުވާލު ކުރި އައްޝައިހް މުހައްމަދު ލަތީފަކީ ސަލަފްގެ ޝެއިހެއް ކަމަށް ބުނުމާއި 8 މެއި 2012ގައި އިސްކަންދަރު ކޮށީގައި ޑރ.އަފްރާޝިމް ތުނބުޅި އާއި މެދު ދެއްކެވި ވާހަކަފުޅަށް ޖެހިގެން އައި ދުވަހު ސަލަފުން ރައްދު ދީ ގަރާރެއް ނެރުނު ކަމަށް ބުނުމީ ދޮގު ކަމަށް ސަލަފުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ސަލަފް ޖަމާޢަތަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ލޭބަލް ކުރުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަސައްކަތް ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޓެރަރިޒަމްގެ ޤާނޫނަށް ފެތޭ އެއްވެސް ކަމެއް ނުވަތަ ވާހަކައެއް ސަލަފުން ދައްކާފައިނުވާއިރު އެފަދަ މައްސަލައެއް ދައުލަތުގެ އެއްވެސް މުއަސަސާއަކަށް ހުށަހެޅިފައި ނުވާއިރު ޓެރަރިޒަމްގެ ތުހުމަތު ކުރަންވާނީ އަސާސްތަކެއްގެ މައްޗަށް ބުނާކޮށެވެ.
ރައީސް ނަޝީދު ސަލަފް ޖަމާއަތް އުފެއްދީ ރައީސް ނަޝީދު ސަރުކާރުގައި ކަމަށާއި ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި އުމުރުން ދުވަސްވީ މީހުން އެ ޖަމިއްޔާ ރެޖިސްޓްރީ ނުކުރަން ސިޓީއިންނާއި އެހެނިހެން ގޮތްގޮތުން އެދެމުންދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު މިފަދައިން ވިދާޅުވިއިރު ސަލަފް ޖަމިއްޔާ ވުޖޫދުވެފައިވަނީ 2006 ވަނަ އަހަރުއެވެ.
އެޖަމިއްޔާ ފުރަތަމަ 2006 މާޗް 12 ވަނަ ދުވަހު ރަޖިސްޓްރީ ކުރީ ޖަމިއްޔަތުލް އަންޞާރުގެ ނަމުގައެވެ. އަދި ޖަމިއްޔަތުއްސަލަފުގެ ނަމަ 07 ޖޫން 2006 ގައި ބަދަލުކޮށް އޭރުގެ ހޯމް މިނިސްޓްރީން ވަނީ އެޖަމިއްޔާ އާއި ރަޖިސްޓްރީ ހަވާލުކޮށްފައެވެ.
ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހުކަމަށް ވާއިރު އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއްކަން ދޭހަވެއެވެ.

ރިޕޯޓުން އަޅުގަނޑަށް ސިހުން ގެނުވި އަދި ޖަވާބް ބޭނުންވާ އެހެން ވާހަކައެއް ވެސް ފާހަގަވިއެވެ. އެއީ ރާއްޖޭގައި އަލްޤައިދާ ޖަމާއާތަށް ނިސްބަތްވާ މީހުން އުޅޭ ކަމަށް ބުނެފައިވާއިރު، އެ ޖަމިއްޔާއަށް ނިސްބަތްވީ މީހުންގެ މައުލޫމާތު އާންމުކޮށްފައެއް ނެތެވެ. އިނގެން އޮތީ ހަމައެކަނި މަރުކޮމިޝަނުން ބުނެފައިވާ ބުނުމުވެ. ޖަމާޢަތައް ނިސްބަތް މީހުން އާންމުކޮށްފައިއެއް ނުވެއެވެ.
އެންމެ ފަހު ކަމެއްގެ ގޮތުން އަފްރާޝީމްގެ އަވަހާރަކޮށްލި މައްސަލަ ތަޙުޤީޤު ކުރުމަށް ރާއްޖޭގެ ފުރަތަމަ ސައިންޓިސްޓް ޕްރޮފެސަރ އުގެއިލްގެ އެއްބާރުލުން ހޯދާނެ ކަމަށް ބުނި ނަމަވެސް ޕްރޮފެސަރ އުގެއިލްގެ އެއްވެސް އެހީތެރިކަމެއް ހޯދާފައިވާކަން ތަހުޤީޤު ރިޕޯޓުން އިނގޭކައް ނެތެވެ. ފޮރެންސިކް އެއްވެސް ތަހުލީލުތަކަކާއި ނުލާ، ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާނުކޮށް ހަމައކަނި ކުންހީއާއި، ބުންޏޭ ބުންޏޭ ކިޔައިގެން ނެރެފައިވާ ރިޕޯޓުގައި އެއްވެސް ބުރަދަނެއް ނެތެވެ. މަންޒަރު ލޮލުން ފެނުނު އަތުން ހިފި އެއްވެސް މީހެއްގެ ވާހަކައެއް ނެތެވެ.

މަރުކޮމިޝަނުން ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ތަޙުޤީޤުކޮށް ރިޕޯޓެއް ނެރުނު އިރު އާންމުންގެ ހިތުގައި އުފެދުނު ސުވާލުތައް މާބޮޑެވެ. ކޮމިޝަނުން ނެރުނު ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ނޫން ކަމަށް ގިނަބަޔަކު އެއްބަސްވެއެވެ. ޑރ. އަފްރާޝީމްގެ އާއިލާއިންވެސް ވަނީ ރިޕޯޓު ބަލައިނުގަންނާނެ ކަމަށް ބުނެފަައެވެ.
އާއިލާއިން ބުނަނީ އެންމެ ފުރަތަމަ އަފްރާޝީމްގެ މަރަކީ ސިޔާސީ ކަމެއް ކަމަށް އަޑު ފެތުރުނު އިރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި އަފްރާޝީމްގެ އަވަހާރަކޮށްލީ އެއީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށް ބުނުމީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެކި ސަރުކާރުންތަކުން އައިސް ސިޔާސީ ނުފޫޒު ފޯރުވައިގެން އެކި ގޮތްގޮތައް އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅޮގޮތުން މައުލޫމާތު ހާމަކުރާތީ ޤަބޫލުކުރަން ދަތި ކަމަށެވެ.
ޤާނޫނީ ބޮޑެތި ބާރުތަކެއް މަރުކޮމިޝަނަށް ލިބިފައިވާއިރު މައްސަލައިގެ އެންމެ ފުންމިނަށް ފީނާފައިނުވެއެވެ. ގާނޫނީ ބޮޑެތި ބާރުތަކެއް ލިބިފައޮ އޮތް ކޮމިޝަނުން ނެރޭ ރިޕޯޓެއްނަމަ އެ ރިޕޯޓަކީ ތަފްސީލީ ރިޕޯޓަކަށް ވާންވާނެއެވެ. އަދި ތަޙުޤީޤު ކުރި ގޮތާއި ސުވާލުކުރެވުނު މީހުންނާއި ހެކިބަސް ނެގި ފަރާތްތަކާއި ފާހަގަވެފައިވާ ކަންކަމާއި މަރުގެ ހަގީގަތް ހޯދުމަށް ޒަމާނީ ވަސީލަތްތައް ނުވަތަ ބައިނައްލަޢުވާމީ އެހީތެރިކަން ހޯދިކަން ނުވަތަ ނޫންކަން މިނޫންވެސް ތަފްސީލުތައް އިނގެންޖެހެއެވެ. ހާއްސަކޮށް އަފްރާޝީމްގެ މަރުގެ ތަހިގީގު އެންމެ ފުރަތަމަ ކުރިއަށް ދިޔައިރު އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ހޯދިކަމަށް ބުނެ ފެތުރިފައިވާ އަޑުތަކުގެ ހަގީގަތަކީ ކޮބައިކަން ރިޕޯޓުން ސާފުވާން ޖެހޭނެއެވެ.
އެއްވެސް ޙާލެއްގައި ސަލަފް ދިފާއު ކުރަނީކީއެއްނޫނެވެ. ނަމަވެސް ބުންޏޭ ބުންޏޭ ކިޔައިގެން ބޮޑެތި ޤާނޫނީ ބާރުތަކެއް ލިބިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓާއި މެދު ސުވާލު އުފެދެއެވެ. ރިޕޯޓު އަޅުގަނޑަށް ސިިފަވީ ރައީސް ނަޝީދުގެ އައު ވިސްނުމާއި މިސްރާބުގެ މައްޗަށް މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދުގެ ތައްޔާރުކުރި ރިޕޯޓެއްގެ ގޮތުގައެވެ. ދެން މި ރިޕޯޓުގެ މަށްޗަށް ކުރަން ޖެހެނީ އެންމެ ކަމެކެވެ. މަޝްހޫރު ފިލްމީ ޑައުރެކްޓަރު ފައްތާހު މެދުވެރިކޮށް ފިލްމެއް ހައްދައިގެން އޮލިންޕަސް ސްކްރީނުގައި އަޅުވަންވީއެވެ. އޭރަށް ރައީސް ނަޝީދުއާއި ސޫދު ތައްޔާރުކުރި މި ވާހަކައަކީ ފްލޮޕެއްތޯ ނުވަތަ ނޫންތޯ ޔަގީންވާނެއެވެ.

