އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބުގައި 87،000 އަށްވުރެ ގިނަ މީހުންނަށް، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ މައުލޫމާތު ދިނުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީގައި މިވަގުތު 87،439 މީހުން އެބަތިބި ކަމަށެވެ. އެ އެންމެންނަކީ ވެސް ވޯޓު ލިބުނުމުގެ ހައްގު ލިބިގެންވާ މީހުންކަން އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
މާދަމާ ބާއްވާ ޕާޓީގެ އިންތިހާބުގައި އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވަނީ މިހާރުވެސް އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޕާޓީގެ ނައިބުގެ މަގާމަށް ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އެވެ.
އެމްޑީޕީން ބުނެފައިވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް، ވޯޓު ކަރުދާސް ރަށްރަށަށް ފޮނުވައި އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. މާލޭގެ އިތުރުން އެމްޑީޕީ ހަރުގެ ހުންނަ ހުރިހާ ރަށެއްގައި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނެއެވެ. ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރު ފަހު 14:00 އިން ހަވީރު 18:00 އަށެވެ.
މާލޭގައި ދެ ވޯޓު ފޮށްޓެއް ބަހައްޓާނެއެވެ. ވޯޓު ފޮށިތައް ބަހައްޓާފައި ހުންނާނީ ހަރުގޭގެ އިތުރުން އިސްކަންދަރު ސްކޫލުގަ އެވެ. މާލެއަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ވޯޓުލާނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާ ވޯޓު ފޮށްޓަށެވެ. އަތޮޅު ތެރެއަށް ނިސްބަތްވާ ފަރާތްތައް ވޯޓު ލާނީ އެމްޑީޕީ ހަރުގޭގައި ބަހައްޓާ ފޮށްޓަށެވެ.
ދާއިރާތައް، މަތި އުތުރު ޕްރޮވިންސާއި އުތުރު ޕްރޮވިންސާއި މެދު އުތުރު ޕްރޮވިންސާއި މެދު ޕްރޮވިންސާއި މެދު ދެކުނު ޕްރޮވިންސްގެ އިތުރުން މަތި ދެކުނު ޕްރޮވިންސްތަކަށް ބަހާލާފައިވާއިރު، އެ ސަރަހައްދުތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން މާލޭގައި އުޅޭ މީހުން ވޯޓުލާނީ އިސްކަންދަރު ސްކޫލުގަ އެވެ.މީގެ އިތުރުން ހުޅުމާލޭގައި ޣާޒީ ސްކޫލުގައި ވޯޓު ފޮއްޓެއް ބަހައްޓާއިރު ވިލިމާލޭގައި ހަރުގޭގައި ވެސް ލީޑަޝިޕް އިންތިހާބް އޮންނާނެ އެވެ. އެމްޑީޕީގެ ފޯރި އެންމެ ގަދަ ލަންކާގައި ވެސް ވޯޓުލުން ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

