ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަނުމަށް އޯޑަރު ނުދެއްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޑރ. އަފްރާޝީމްގެ އަވަހާރަކޮށްލި މައްސަލަ ތަޙުޤީޤުކޮށް މަރު ކޮމިޝަނުން ނެރުނު ރިޕޯޓާއި ގުޅިގެން 241 ކޮމިޓީގައި ބޭއްވި ބައްދަލުވުން ހޫނުވެ، ކޮމިޓީގައި ބައިވެރިވި ސަރުކާރުގެ މެންބަރުންނާއި އަދި އިދިކޮޅު މެންބަރުންނާއި ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
މި ހޫނުގަނޑުގެ ތެރޭގައި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ އާދަމް ޝަރީފު އަރިހުން ތަކުރާރުކޮށް މަޖިލީހަށް ސިފައިން ވައްދަން އޯޑަރު ދެއްވިންތޯ ސުވާލު އައްސަވާފައެވެ. އީވާގެ އެ ސުވާލަށް އެތަށް އިރެއް ވަންދެން ސަމާލުކަން ނުދީ ހުންނަވަނިކޮށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ، މަޖިލީހަށް ސިފައިން ވެއްދީ އާދަމް ޝަރީފް މިނިސްޓަރުގައި ހުންނަވަނިކޮށް ކަމަށް ވިދާޅުވެފައެވެ. ބަސްފުޅެއް ވިދާޅުނުވެ ހުންނެވުމަށްފަހު އާދަމް ޝަރީފް އެންމެފަހުން ވިދާޅުވީ މަޖިލީހަށް ސިފައިން ވަނުމަށް އެމަނިކުފާނު އޯޑަރު ނުދެއްވާ ކަމަށެވެ.
އަލީ އާޒިމް: ސިފައިންނާއި ފުލުހުން މަޖިލީހަށް ވެއްދީ އާދަމް ޝަރީފްގެ މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް. އަހަރެމެންގެ ދަތްދޮޅި ދުއްވާލާނަމޭ ބުނީ އާދަމްޝަރީފު ބުނީ. އާދަމް ޝަރީފް: އަޅުގަނޑުގެ އޯޑަރަކަށް ނުވައްދަން. އީވާ: ސިފައިން ނުވައްދަން މި މަޖިލިސް ތެރެއަށް؟ އާދަމް ޝާރީފް: ނުވައްދަން! އަޅުގަނޑު އަމުރެއް ނުކުރަން! އީވާ: ދެން އެހެންވީރު ކޮންބޭފުޅެއް ވިދާޅުވެގެންތޯ މަޖިލީހަށް ސިފައިން ވަނީ؟ އާދަމް ޝަރީފް: ކޮންމެ މީހަކު އަމުރުކުރިއަސް އަޅުގަނޑު އަމުރެއްނުކުރަން!

މިކަމާއި ގުޅިގެން ބަހުގެ ހަމަލާތަކެއް ބަދަލުކޮށް ދެފަރާތުގެ މެދުގައި ހޫނު ޒުވާބެއް ކުރިއަށް ދިޔައެވެ. އީވާގެ ވަހަކައިން ދޭހަވާ ގޮތުންނަމަ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސިފައިން ވެއްދީ އާދަމް ޝަރީފްގެ އޯޑަރަށެވެ.
ޤާނޫނުއަސާސީގެ ފަސްވަނަ މާއްދާ ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެ ގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާންވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރާންވާނެ ކަމަށް ބުނެފައިވެއެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީސްތެރެ ހަލަބޮލިވެ މަޖިލީހުގެ ޤަވައިދާ ޚިލާފަ ކަންކަން އާންމުވުމުން އޭރު މަޖިލީހުގެ އެތެރޭގެ ސެކިއުރިޓީ ބެލުމަށް ސިފައިން ހަރަކާތްތެރިވެއެވެ.
ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވާ ރާއްޖޭގެ އޮންލައިންއަކަށް ދެއްވި އިންޓަވިއުއެއްގައި އާދަމްޝަރީފް ވިދާޅުވެފައިވަނީ ރައީސްގެ އެންގުމަށް ސިފައިން އެ އިދާރާއަށް ވަދެ އޮޕަރޭޝަންތައް ހިންގުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އާދަމް ޝަރީފްގެ މި ޖުމްލައިން މަޖިލީހަށް ސިފައިން ވެއްދީ އޭރު މަޖިލީހުގެ ރައީސް ކަމުގައި އިންނެވި އަބްދުﷲ މަސީހުކަން ދޭހަވެއެވެ. މަޖިލީހަސް ސިފައިން ވަނުމާއި މެދު އާދަމް ޝަރީފް ހިންހަމަނުޖެހޭ ކަމަށް އެމަނިކުފާނު ވަނީ އޭރު ވިދާޅުވެފައެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީސް ފެނިގެން ދިޔައީ ”ސާރކަސް“ އެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އެގޮތުން އޭރު މަޖިލީހުގައި އިދިކޮޅުގައި ތިބއްވި އެމްޑީޕީ މެންބަރުން ދުންމާރި ފުމެ މޭޒުމައްޗަށް އަރާ ރިޔާސަތުގައި ހުންނަ ގޮނޑީގައި ބައެއް މެންބރުން އިށީންނަ މަންޒަރުވެސް ފެނުނެނެވެ. އޭގެ އިތުރުން އީވާ އަބްދުﷲ މަޖިލީހުގެ ޟޭޒުމައްޗަށް އަރުއްވާ ހަޅޭލެވި މަންޒަރުވެސް ފެނިގެން ދިޔައިރު މިހާރު ޑިފެންސް މިނިސްތަރ ކަމުގައި ހުންނެވި މާރިޔާ ދީދީ ވަނީ ޤާނޫނު އަސާސީ މައްޗަށް ފައިންވެސް އަރާފައެވެ.

