އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުންދޭ އިނާޔަތް ބޮޑުކޮށް އެންސްޕާގެ ގަވާއިދު ބަދަލުކޮށްފިއެވެ.
ދަރިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓުކޮށްފައިވާއިރު، ހަތަރު ކުދިންނާއި ހަމައަށް ކުއްޖަކަށް 3000 ރުފިޔާގެ ރޭޓުން ދޭގޮތަށް ވަނީ ބަދަލުގެނެސްފައެވެ. މީގެކުރިން އެމީހުންނަށް އިނާޔަތުގެ ގޮތުގައި ދެމުން އައީ ކޮންމެ ކުއްޖަކަށް 1000 ރުފިޔާއެވެ. އެއީ އެންމެ ގިނަވަގެން މަހެއްގެ މައްޗަށް 10000 ރުފިޔާއެވެ.
ގެޒެޓުގައިވާ އިސްލާހުގައި ވަނީ ހަތަރުކުދިންނާއި ހަމައަށް ކުއްޖަކަށް 3000 ރުފިޔާ ދޭއިރު، އެއަށްވުރެ އިތުރު ނުވަނަމަ އިނާޔަތް ދޭނީ ކުއްޖަކަށް 1000 ރުފިޔާގެ މަގުންނެވެ. އެހެންނަމަވެސް އެގޮތަށް ފައިސާ ދެވޭނެ އެންމެ މަތީ މިންވަރަކީ 15000 ރުފިޔާއެވެ. އަހަރަކު އެންމެ ގިނަވެގެން 180000 ރުފިޔާއެވެ.
އެހީ ހޯދަން ހުށަހަޅާ މީހާގެ ނަމުގައި އޮންނަ ބޭންކު އެކައުންޓް ފިޔަވައި އެހެން އެކައުންޓަކަށް ވެސް އެހީ ހޯދަން ހުށަހަޅާ ފަރާތުން އެދޭ ނަމަ ފައިސާ ޖަމާކޮށްދޭ ގޮތަށް ހަމަޖެއްސުމަށް އެ އިސްލާހުގައިވެއެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ އިނާޔަތް އިތުރު ކޮށްދެއްވުމަކިީ އެ މަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

