ސަލަފް ޖަމިއްޔާ ހިމެނޭހެން ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖަމާއަތްތަކަށް ފިޔަވަޅު އެޅުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގޮވާލައްވައިފިއެވެ.
މަޖިލީހުގެ 241 ކޮމެޓީގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ރިޕޯޓަށް ބަލާއިރު އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފު ޖަމިއްޔާ ހިމެނޭހެން ހައްދުފަހަނައަޅާފައިވާ ބޮޑެތި ޖަމާއަތްތަކުގެ ބައިވެރިވުން އެބައޮތްކަން ސާފުވާ ކަމަށެވެ.
“ އަޅުގަނޑު ފާހަގަކުރަން ބޭނުމީ ކޮމިޓީއިން ނެރޭ ރިޕޯޓުގައި ވަރަށް ރީތިކޮށް ބަޔާންކޮށްފައި އެބައޮތް، ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ، ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޖަމިއްޔާ ޖަމާއަތްތަކުގެ ލިސްޓެއްވެސް އެބައޮތް. އޭގެ ތެރޭގައި ޖަމިއްޔަތުލް ސަލަފް، ރާއްޖޭގައި ހިންގާ އަލްޤައިދާ ޖަމާއަތް މިހާރު އެހެން ބައިތަކަކަސް އެވަނީ ބެހިފައި. ޖަމާޢަތުގެ ލީޑަރު މުޙައްމަދު ވަޒީދު، ޖައުފަރު ފާއިޒު، ސާމިދު މުޙައްމަދު،ޝާމިލް މުހުސިން ޔާމިން، ވަލީ ވިލާ، އަޅީ ޝީޔާމް. މިއީ ޖަމިއްޔާއަށް ފައިސާ ޚަރަދުކުރާ އިސްފަރާތްތައްކަން ފާހަގަކޮށްފައި އެބަވޭ. އިތުރު ޖަމާއަތްތަކުގައި ނުވަތަ ޖަމިއްޔާތަކުގައި ފާހަގަކޮށްފައި އެބައޮތް އިސްލާމިކް ސްޓޭޓަށް ބައިއަތުހިފައި ޖަމާއަތްތައް. ސީރިއާ އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާއަށް ވާގިވެރިވާ އަލްޤައިދާގެ ޖަމާއަތް“
އީވާ ވިދާޅުވީ ރާއްޖޭގައި މި ޖަމާއަތްތަށް ހަރަކާތްތައްވާ ކަމުގެ ހެކި އޮތް ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް ބުނެފައިވާ ކަމަށެވެ. މީގެ ތެރެއިން ސަލަފްއާއި، އަލްޤައިދާ ޖަމާއަތާއި، އިސްލާމިކް ސްޓޭޓްއަށް ބައިއަތު ހިފާ ޖަމާއަތްތައް އަދި ސީރިއާ އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާއަށް ވާގިވެރިވާ އަލްޤައިދާ ޖަމާއަތުން ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގައި ކޮންމެވެސް ވަރެއްގެ ބައިވެރިވުމެއްވާކަން ކޮމިޝަންގެ ރިޕޯޓުން ވަރަށް ސާފުކޮށް ބަޔާންވެފައިވާ ކަމަށެވެ. އަދި އެމީހުންނާއި މެދު ފިޔަވަޅު އެޅުމަށް އީވާ ގޮވާލެއްވިއެވެ.
”އަޅުގަނޑަށް ފެންނަތާގައި ދެކަމެއް ދައުލަތުގެ ފަރާތުން އެބަކުރަން ޖެހޭ. ރައްޔިތުންގެ މަޖިލީހުން އެކަންޏެއްނޫން. ޕްރޮސެކިއުޓާ ޖެނެރަލް އެކަންޏެއް ނޫން، ފުލުހުން އެކަންޏެއް ނޫން، ރައީސުލްޖުމްޙޫރިއްޔާ ގިނިކަންޏާއި ވެސް ނޫން. ދައުލަތުގެ ފަރާތުން އަޅުގަނޑުމެންނަށް ޒިންމާވަނީ، ޑރ އަފްރާޝީމް ޤަތުލުކޮށްލި މީހުންނަށް ފިޔަވަޅު އެޅެން އޮތް މިންވަރަށް ފިޔަވަޅު އެޅުން. އެކަމް އޭގެ އިތުރުން ކޮމިޝަންއިން މިފާގަވާ ބިރުވެތިކަން ދިވެހި ރައްޔިތުންގެ މައްޗަށް މިއޮތް ބިރުވެތިކަން، މިކަމުން އަޅުގަނޑުމެން ޤައުމު ސަލާމަތްވާން، މި ޖަމިއްޔާތަކުން އަޅުގަނޑުމެން ސަލާމަތްވާންޖެހޭ. މި ޖަމިއްޔާތަކަށް ފިޔަވަޅުއަޅަންޖެހޭ. އެމަސައްކަތް ކުރެވޭނީ ކޮންގޮތެއްތޯ ބަލަން އަޅުގަނޑުމެން އެބަ އަވަސްކުރަން ޖެހޭ“
އީވާ ވިދާޅުވީ 241 ކޮމިޓީގެ ރިޕޯޓުގައި ފިޔަވަޅު އެޅުމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި އެކު ރިޕޯޓު ވީހާވެސް އަވަހަށް ފާސްކޮށް މަޖިލީހުގެ މަޝްވަރާއާއި އެކު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް ވަނީ ގޮވާލާފައެވެ.
ކޮމިޝަންގެ ރިޕޯޓު ނިންމާލަމުން އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ދީނީ ޚިޔާލުތަފާތުވުންތަކެއްގެ ތެރެއިން ކަމަށް ބުނާއިރުމަރު ކޮމިޝަން ކޮމިޓީއަށް ހާޒިރުކޮށްގެން ސުވާކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އިދިކޮޅު މެންބަރުން މަސައްކަތް ފަސްކުރަން ނޫޅުމަށް އީވާ ގޮވާލެއްވިއެވެ.

