ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އެތެރޭގެ މައްސަލައެއް ނެތް، އިންތިހާބުގެ ފޯރިއަކީ ކޯޅުމެއް ނޫން: ޝިއްޕެ

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި އޮތް އިންތިހާބީ ވާދަވެރިކަމަކީ، ޕާޓީގެ އެތެރޭގެ މައްސަލަތައް ގޯސްވެ ކޯޅުންކަމަށް ގަބޫލު ނުކުރާކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

2028 ގެ ވާދަވެރިކަމާއި ގުޅޭ ބަހުސްތައް ކުރަމުން ދަނިކޮށް، ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޝިފާޒް ވިދާޅުވީ، އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމާއި ފޯރި ފެންނާނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. ކޮންމެ މީހަކަށް ވެސް އިންތިހާބުގައި ވާދަކުރެވޭއިރު، އެ ދުވަސްވަރެއްގެ ތެރޭގައި އޮންނަ ފޯރިއެއްގައި ދެކެވޭ ވާހަކަތަކަކީ ޕާޓީގެ ކޯޅުންތަކެއް ނޫންކަމަށް ޝިފާޒް ވިދާޅުވި އެވެ،

ޝިފާޒް ވިދާޅުވީ ކައުންސިލް އިންތިހާބާއި ދިމާކޮށް އަނެއްކާވެސް އެފަދަ ވާހަކަތައް ދެކެމުންދާއިރު، އެމްޑީޕީން ޕްރައިމެރީއެއް ބާއްވާ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބޭނެ ކާމިޔާބީއާއި މެދު ސުވާލު އުފައްދާތީ ޝިފާޒް ވިދާޅުވީ، މިހާރު އޮތް ކައުންސިލްގައި ވެސް ބޮޑެތި ދާއިރާތަކުގެ ސިޓީ މޭޔަރުންނަށް ތިބީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް އިންތިހާބުގައި ވެސް މި ދާއިރާތައް އަލުން އަނެއްކާވެސް އިތުރު ގޮނޑިތައް ހިމެނޭހެން އެމްޑީޕީއަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕާޓީގެ ޕްރައިމެރީއަށް ފަހު، ކޮންމެ ކެންޑިޑޭޓަކު ވެސް މޮޅުވާ ކެންޑިޑޭޓާއި އެކު މައި އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ސަރުކާރުން ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރައްވައި ޝިފާޒް ވިދާޅުވީ، އިންތިހާބު ކާމިޔާބު ނުވާނެކަން ޔަގީން ވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތާރީހުތައް ގާތްވެފައި ވަނިކޮށް ހަތަރު ފަހަރެއްގެ މަތީން އިންތިހާބު ފަސް ކުރިކަމަށެވެ. ކޮންމެ ފަހަރަކު ވެސް އިންތިހާބުގެ ތާރީހަށް ބަދަލު ގެނައީ، އިންތިހާބުގައި ބޮޑު ނާކާމިޔާބީއެއް ލިބޭނެކަން އެނގޭތީކަމަށް ޝިފާޒް ވިދާޅުވި އެވެ.

ތި ވިދާޅުވި ކޯޅުންތަކެއް ނެތް. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ހުންނާނެ އެގޮތަށް. އެއީ ކޯޅުމެއް ނޫން. އަޅުގަނޑު ގަބޫލެއްނުކުރަން އެއީ ކޯޅުމެއްގެ ގޮތަކަށް ވެސް. ދެން އަޅުގަނޑުމެން އަޅުކަން ނޫންމީ ޕްރައިމަރީ ތައް ބާއްވަނީކީ. މީ އަބަދުވެސް މި ޕާޓީގައި އޮންނަ ކަމެއް. އެހެންވީމަ ކޯޅުމެކޭ އެއީކީ ރަނގަޅު ވާހަކައެއް ނޫން. އެ ވާދަވެރިކަން އޮންނާނެ. އަބަދުވެސް. އެމްޑީޕީއެއް ގައިމުވެސް. އެމްޑީޕީ މިހާރު ސިޓީތައް އެ އެމްޑީޕީގެ މޭޔަރުންގެ ތިބީ. އެ ބަދަލެއް ނުވާނެ އަދިވެސް. އަޅުގަނޑުމެން ދެކޭ ގޮތުގަ ތިން ހާހުން މަތީގައި ހަމަ ގިނަ ރަށްތައް އެމްޑީޕީން ނަގާނެ. އަދިވެސް. އިނގޭތޯ؟ މި ވޯޓު ބަދަލުކުރަން ޑޮކްޓަރ މުއިއްޒުގެ ރޭވުމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން އަނެއްކާ ތާރީހު މިހާރު މި އަޅުގަނޑު މި ދަންނަވަނީ. ރައީސް ޔާމީނު ވެރިކަމުގަ. ކިތައް ފަހަރަށް ތާރީހު ބަދަލުކުރީ.

ޝިފާޒް ވިދާޅުވީ މި ސަރުކާރަށް ވެސް އިންތިހާބާއ ކުޅެ ނަތީޖާތައް ބަދަލު ކުރުމަށް އެއްވެސް ޖާގައެއް ނުދޭނެކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނު އެތައް ބާރެއް ހިފަހައްޓަވައިގެން ހުންނަވަނިކޮށް އެމްޑީޕީން ކައުންސިލް އިންތިހާބު ކާމިޔާބު ކުރިކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އިންތިހާބެއްގައި، އިންސާފުވެރިކަމާއި އެކު ކުރިޔަށް ގޮސްގެން ވޯޓުން އެމްޑީޕީ ބަލި ނުކުރެވޭނެކަމަށް އޭނާ ވިދަޅުވި އެވެ.

މީގެއިތުރުން ވެސް ޝިފާޒް ވަނީ އެމްޑީޕީ އެކުގައި މަސައްކަތްކޮށް، ކާމިޔާބު ކުރާނެކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ލީޑާޝިޕް ގަބޫލު ކުރާކަމަށް ވިދާޅުވި އެވެ. ނަމަވެސް 2028 ގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޝިފާޒް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ މިވަގުތު ޕާޓީގެ ފޯކަސްއަކީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރުންކަމަށެވެ.

2028 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓުގެ ޝައުގުވެރިކަން ހުރިނަމަވެސް، މިހާތަނަށް ޕާޓީގެ ތެރެއިން އެކަން އިއުލާނު ކުރައްވާފައި ވަނީ ފައްޔާޒް އިސްމާއިލް އެކަންޏެވެ. އަދި މީޑިއާތަކުގައި އާންމުކޮށް ނަންތައް ދައުރުވާ ބޭފުޅުން ރިޔާސީ ރޭހާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ދެކޮޅު ހައްދަވަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، މާލޭގެ މޭޔަރު އާދަމް އާޒިމް ހިމެނެ އެވެ. ނޫސްވެރިންގެ އެކި ބައްދަލުވުންތަކުގައި ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރާ ސުވާލުތަކަށް އެބޭފުޅުން ސީދާ ޖަވާބެއް ނުދެއްވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒް އިސްތިއުފާ ދެއްވިއިރު، މަގާމުން ދުރުވާ އެއް ސަބަބެއްކަމަށް އޭނާ ވިދާޅުވީ ޕާޓީގައި ރިޔާސީ ރޭހަށް ޝައުގުވެރިވާ އެހެން ބޭފުޅުން ވެސް ތިބުމާއި އެކު ކެމްޕެއިނުގެ ކަންކަން ހަމަހަމަކަމާއި އެކު ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

އެމްޑީޕީގެ އެތޭގައި އިންތިހާބަށް އުފެދިފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެކި ވާހަކަތައް ދެކެވެމުން ދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ބުދަ ދުވަހު ބައްދަލު ކުރައްވާފަ އެވެ. ދެ ބެފުޅުން ވެސް ވިދާޅުވީ މާޒީ ދޫކޮށް އެކުގައި ކުރިޔަށް ދާން ނިންމާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: