އިސްލާމީ އުންމަތް މިއަދު ވެއްޓިފައިވާ ފުން ވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، އިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ”އިސްލާމީ ޙަޟާރަތުގެ ރަންޒަމާން“، މި މައުޟޫއުގެ މައްޗަށެވެ. ހުކުރު ހުތުބާގައި ބުނެފައިވަނީ މުއިސްލާމީ ޙަޟާރަތު ފެށުނީ، ކީރިތި ރަސޫލާއަށް ވަޙީބާވައިލައްވާން ފެށުނު ހިސާބުން ކަމަށެވެ. އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި، އުސޫލުތަކާއި، ހަމަތަކުގެމަތީގައި ތިބެ، ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތައް ކަމަށެވެ. އެއީ ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި ފަންނުވެރިކަމުގެ ގޮތުންވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތައް ކަމަށާއި އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ކީރިތި ރަސޫލާ އަޅުއްވައިދެއްވި ބިންގަލުގެ ސަބަބުން، އިސްލާމީ ޙަޟާރަތު ކުރިއަރައި ދިޔައީ، ވަރަށް ވެސް ހަލުވި ދުވެއްޔެއްގައި ކަމަށް ހުުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާއި، ޝަރުޢީ، ޙުކުމްތަކާއި، ރިވެތި އަޚްލާޤު ހިމެނޭ ކަމަށެވެ. ބިން އާރާސްތުކުރުމާއި ޢިލްމު އުނގެނުމަކީ އެ މީހުންގެ ދީނާ ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި މުސްލިމުން ޤަބޫލުކުރި ކަމަށެވެ. މުސްލިމުން ޢުމްރާނީ ގޮތުންނާއި ޢިލްމީ ގޮތުން ދުނިޔޭގައި އޭރު އެއްވެސް ބަޔަކަށް ހޯދިފައިނުވާ އެތައް ކުރިއެރުންތަކެއް، މަދު އަހަރުތަކެއްގެ ތެރޭގައި ހޯދުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ އަންދަލުސްގައި މުސްލިމުން ވެރިކަންކުރަން ފެށި އިރު، އެ ސަރަހައްދު އޮތީ ޔޫރަޕުގެ އެހެން ސަރަހައްދުތަކެކޭ އެއް ފަދައިން އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ޢިލްމީ ގޮތުން، ވަރަށް ވެސް ދަށް ފެންވަރެއްގަ ކަމަށެވެ. އެ ތަނުގައި މުސްލިމުންގެ ވެރިކަން ގާއިމުވެ، ހިޖުރައިން ތިންވަނަ ޤަރުނުގެ ފަހުކޮޅު، މުޅި ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ސިޓީކަމުގައި، މުސްލިމުން ވެރިކަންކުރަމުން ދިޔަ އަންދަލުސްގެ ޤުރްޠުބާ ވިކަމަށް ހުތުބާގައި ބުނެފައިވެއެވެ. އޭރު ރޭގަނޑުގެ ވަގުތުތަކުގައި އެ ރަށުގެ މަގުތައް ދިއްލައި އަލިކޮށްފައި ވާކަމަށާއި މީސްތަކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ރެއާއި ދުވާލު ފޯރިމެރުމަށް ފުލުހުންގެ ފައުޖުތައް ރުކުރުވައިލެވިފައި ވާކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
މި ޒަމާނުގެ ހަސްފަތާލުތައް ފަދައިން ތަންތަން ބިނާކުރެވި، އެ ތަންތަނަށް ބަލިމީހުން ގެންގޮސް ބައިތިއްބައިގެން ފަރުވާދޭން ފެށީ، މުސްލިމުން ކަމަށާއި ބޭސްވެރިކަމުގެ ޢިލްމު ކުރިއަރުވައި، ލޮލުގެ ބަލިތަކަށް ޚާއްޞަވެ ފަރުވާކުރާން ފެށީ މުސްލިމު ޑޮކްޓަރުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މި ޒަމާނުގައި ސާޖަރީކުރާފަދައިން، ސާޖަރީކުރާން ފެށީ ވެސް ހަމަ މުސްލިމުން ކަމަށް ވަނީ ބުނެފައެވެ. ބޭސްވެރިކަން ކުރިއެރުވުމަށް ޓަކައި، ސަތާރަ ވަނަ ޤަރުނުގެ މެދާ ހަމަޔަށް، މުޅި ދުނިޔޭގައި ވެސް ބޭނުންކުރެވުނު ބޭސްވެރިކަމުގެ އެންމެ ބޮޑު މަރުޖިޢެއް ކަމަށް ހުތުބާގައި ވަނީ ބުނެފައވެ. ޢިލްމީ ގޮތުން މި ބޭބޭފުޅުން ކޮށްދެއްވި އަގުނުކުރެވޭނޭ ޚިދުމަތްތަކަކީ އެ ކަންކަމާ މެދު ފުންކޮށް ވިސްނައިލުމުން ބަޔަކަށް އޭގެ ޒަރީޢާއިން މަންފާ ހުރި، މުޖުތަމަޢު ބިނާކުރުމަށް ޢިބުރަތުން ފުރިގެންވާ ވާހަކަތަކެއް ފެންނާނެ ޚިދުމަތްތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.
”މުސްލިމް އަޚުންނޭވެ! މުސްލިމު ޢިލްމުވެރީން ކުރެ އިބްނުލްހައިޘަމަކީ ވެސް އިންޖިނޭރުކަމުގައި ފާހަގަކޮށްލެވޭ މޮޅު ޢިލްމުވެރިއެކެވެ. ނަމަވެސް އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ އައްޔާއި ލޮލާ ބެހޭ ގޮތުން ހޯއްދެވި ހޯދުންތަކުގައެވެ. ކުރީގެ ޢިލްމުވެރީން ޤަބޫލުކުރި ގޮތުގައި ލޮލަށް ތަކެތި ފެންނަނީ ލޮލުން އަލީގެ ދޯދިތަކެއް ނުކުމެގެން ގޮސް އެއްޗިއްސަށް އެޅުމުންނެވެ. ނަމަވެސް އިބްނުލްހައިޘަމް އެ ކަން ދޮގުކުރެއްވިއެވެ. އަދި އެއްޗަކަށް އައްޔެއް އެޅިއްޖެ ނަމަ އެ ދޯދިތައް އޭގައި ޖެހި އަނބުރާ އަންނަކަން ސާބިތުކޮށްދެއްވިއެވެ. އަހަރެމެންގެ ލޮލަށް ފެންނަނީ އެ ދޯދިތައް ލޮލަށް އެޅުމުންކަމުގައި ބަޔާންކުރެއްވިއެވެ. މި ޒަމާނުގެ ސައިންސުވެރީން ކެމެރާ އުފައްދައިފައިވަނީ އިބުނުލްހައިޘަމުގެ މި ނަޒަރިއްޔާގެ މައްޗަށް ބިނާކުރައްވައެވެ. އިބްނުލްހައިޘަމުގެ ފޮތްތަކުގެ ތެރެއިން މިހާރު ފެންނާން ހުރީ ތަރުޖަމާކުރެވި ޔޫރަޕުގެ ތަންތާގައި ކިޔަވައިދެވޭ މަދު ފޮތްކޮޅެކެވެ“
ހުތުބާގައި ބުނީ ހިސާބު ޢިލްމަށް ބަލާ އިރު، އަލްޚަވާރިޒްމީއަކީ މުޅިދުނިޔޭގައި ފާހަގަކޮށްލެވޭ ޢިލްމުވެރިއެއް ކަމަށެވެ. ޖިއޮމެޓްރީގެ އިތުރަށް، އަލްޖިބުރާ އުފަންކުރި ޢިލްމުވެރިއަކީ އަލްޚުވާރިޒަމީ ކަމަށާއި ޢިލްމުލްޙިސާބުގެ ނަމުގައި ޖިއޮމެޓްރީ ފޮތެއް ލިޔުއްވި ކަމަށާއި އަދި އެއީ ނުހަނު ފުރިހަމަ ފޮތެއްކަމަށެވެ.
ހުތުބާގައި ބުނީ އަލްޖަބްރު ވަލްމުޤާބަލާގެ ނަމުގައި ލިޔުއްވި ފޮތަކީ އަލްޖަބުރާގެ ފެށުން ކަމަށެވެ. މި ފޮތުގައި ގެންނަވައިފައިވާ އުސޫލުތަކާއި ޤަވާއިދުތަކަކީ މިއަދު ވެސް އިސްކޫލުތަކާއި ޔުނިވަރުސިޓީތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރެވޭ ޤަވާއިދުތަކެކެވެ. މިއަދު ތަރައްޤީގެ އެންމެ އުހުގައި ތިބިކަމަށް ބުނެވޭ ޔޫރަޕު، އޭރު އޮތީ ޖާހިލުކަމުގެ އަނދިރީގައެވެ. މާ ބޮޑު ތަޢުލީމެއް ނެތް ބަޔެއްގެ ގޮތުގައެވެ. ސާދަވަނަ ޤަރުނާ ހަމައަށް ޔޫރަޕު މީހުން ހިސާބު ޖަހާން ބޭނުންކުރީ ރޯމަން އަކުރެވެ. އެ މީހުންނަށް މިހާރު މި ބޭނުންކުރާ ހިސާބު އަކުރުތައް އެނގުނީ ވެސް ނުވަ ވަނަ ޤަރުނުގެ ޢިލްމުވެރިޔާ ޚުވާރިޒަމީގެ ފޮތް ފެނުމުންނެވެ.

