ރާއްޖެ ސަރަޙައްދުން ޤަވައިދާ ޚިލާފަ މަސްވެރިކަންކުރަން އުޅުނު 7 މަސް ބޯޓު އެމްއެންޑީއެފް ކޯސްޓުގާޑުން އަތުލައިގަނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ މިއަދު ފަތިހު އަސުރުމާ 3 ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏަކުން، ދިވެހި ރާއްޖޭގެ އިޤްތިސާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަ ބޭރުގެ މަސްބޯޓުތަކެއް ދާއަޅައިގެން މަސްވެރިކަން ކުރާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކޯސްޓްގާޑުން އެ ސަރަޙައްދު ޕެޓްރޯލު ކުރިކަމަށެވެ.
ޕެޓްރޯލް ކުރުމުގެ ތެރެއިން، ރާއްޖޭގެ އިޤްތިސާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަ ވަދެ އުޅުނު ސްރީލަންކާގެ 7 މަސްބޯޓު ކޯސްޓްގާޑު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މީގެ ތެރެއިން 2 މަސްބޯޓު އަތުލައިގަތީ ދާ އަޅައިގެން މަސްވެރިކަން ކުރަން ތިއްބާ ކަމަށެވެ.
މަސްބޯޓުތަށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލޭގެ އިރުން 170 މޭލު ބޭރުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އެ ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް ސިފައިން މިހާރު ގެންދަނީ ކުރަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވައިދާ ޚިލާފަ މަސްވެރިކަން ކުރާ ބޭރުގެ ބޯޓުތައް މީގެ ކުރިންވެސް އެމްއެންޑީއެފްއިން ވަނީ އަތުލައިގަނެފައެވެ.

