ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމަކީ ރާއްޖޭގެ ޝަހުސިއްޔަތުކަމަށާ، އެކަން އޮޅޭގޮތަށް ރާއްޖެއިން ބައިނަލްއަޤުވާމީ ގުޅުންތައް ޤާއިމް ނުކުރާނެ ކަމަށް، ފޮރިންމިނިސްޓްރީގެ ސެކޭޓްރީ މަލްޓިލެޓްރަލް ޑރ.އަލީ ނަސީރު (އަލިނީ) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަދައްވަމުން އޭނާ ވިދާޅުވީ ރާއްޖެއިން އެކި ޤައުމުތަޚާއި ގުޅުން ބަދަހިކުރާއިރު، އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ބައިނަލްޢަޤުވާމި މުޖުތަަމައުގެ އިހުތިރާމް ހޯދުންކަމަށެވެ. އަދި ރާއްޖެއިން ބަލަނީ ހުރިހާ ޤައުމަކާއި އެކުވެސް ގާތް ގުޅުމެއް ބޭއްވޭތޯ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި އިސްލާމީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރެމުންދާކަމުގެ ބިރު އޮތުމާއިއެކު، އެ ސުވާލު ކުރިމަތިވޭތޯ ސަންގުންވަނީ ސުވާލުކޮށްފައެވެ.
ޖަވާބުގައި އޭނާ ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި ހިންގާ ގަތުލުއާއްމުތައް ރާއްޖެއިން ކުށްވެރިކުރާކަމަށެވެ.ހަމައެހެންމެ، ޓެރަރިޒަމްއާއި އިސްލާމްދީނާއި ގުޅުވުމަކީ ރާއްޖެއިން އެކަމާއި ދެކޮޅަށް އަބަދުވެސް އަޑު އުފުލާނެ ކަމެއް ކަމަށް ޑރ. ނަސީރު ފާހަގަކުރެއްވިއެވެ.
”ޓެރަރިޒަމްއާއި އިސްލާމް ދީނާއި ގުޅުވައިގެން ދެކެވޭ ވާހަކަ އަޅުގަނޑުމެން ކުށްވެރި ކުރަމޭ. ދިވެހި ރާއްޖެއިން ކުށްވެރިކުރަމޭ. އިސްލާމްދީނުގެ ނަމުގައި ހިންގާ ޓެރަރިސްޓް އަމަލުތައް ވެސް ހަރަކާތްތައްވެސް ކުށްވެެރިކުރަން. އެހެންނަމަވެސް ޓެރަރިޒަމްއާއި ދެކޮޅަށް މަަސައްކަތަކީ އެއްވެސް ޤައުމަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން. ސަރަހައްދީފެންވަރުގައިވެސް ބައިނަލްއަގުވާމީ ފެންވަރުގައިވެސް ގައުމުތައް ގުޅިގެން މި މަސައްކަތް ކުރެވޭނީ“
ރާއްޖެއިން އެކި ގައުމުތަކާއި ގުޅުން ބަދަހިކުރާއިރު، ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން މަސައްކަތްކުރޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ޑިޕްލޮމަސީގެ ތެރެއިން ވަކި ދީނެއް ކުރިއަރުވަން މަސައްކަތް ނުކުރާނެކަމަށެވެ. އަދި ރާއްޖޭގައި އިސްލާމް ދީން އޮތުމުގެ ސަބަބުން އެއްވެސް ޕްރެޝަރއެއް ނާންނާ ކަމަށާ، ރާއްޖެއަކީ އެހެން ޤައުމުތަކާއިއެކު ވަރަށް ގުޅިގެން މަސައްކަތް ކުރާ ޤައުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
“ ރާއްޖޭގެ ސިޔާސަތަކީ އިސްލާމްދީނަށް ނަފްރަތުކުރާ ސިޔާސަތުގެ މަތިން، މުސްލިމުންނަށް ދެކޮޅަށް، އިސްލާމުންނާއި ދެކޮޅަށް ހިންގާ ފުރައްސާރައާއި އަނިޔާ ހުއްޓުވެން ޖެހޭނެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް. އެއީ ދިވެހިން ވަރަށް ފަހުރުވެރިވާ ކަމެއް. އެއި ރާއްޖޭގެ އައިޑެންޓިޓީއާއި ގުޅިފައިވާ ކަމެއް. އެ އައިޑެންޓިޓީ ކުރިއެރުވުން ޑިޕްލޮމެޓުން ކުރާ މަސައްކަތަކީ.“
ރާއްޖެއިން އަބަދުވެސް އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް، ލާއިންސާނީ އަމަލުތަކާއި މެދު އަޑު އުފުލާނެ ކަމަށް އޭނާ ވިދާޅިވިއެވެ.

