ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރު ޝުޖޫނަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް އެޗްއާރުސީއެމުން ކުށްވެރިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ބޭއްވި އާއްމު ބައްދަލުވުމެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫނަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުށްވެރިކޮށްފިއެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، 7 ޑިސެމްބަރު 2025 ވީ އާދިއްތަ ދުވަހުގެ ރޭ ކަލާފާނު ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި އާންމު މީހަކު ފާޅުކުރި ޚިޔާލެއްގައި، އަންހެނުންގެ ކަރާމާތާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ޤަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ވާހަކަދައްކާފައިވާ ކަމަށެވެ.

ކޮންމެ އިންސާނެއްގެވެސް ނަމާއި އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތާއި، ޤާނޫނުއަސާސީގެ އިތުރުން ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދޭ ޙައްޤެއްކަން ފާހަގަކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އަދި ޝަރުޢީ ނިޒާމުގެ ބޭފުޅަކަށް ފުރައްސާރަކުރުމަކީ މުޅި ނިޒާމުގެ ހައިބަތަށް އުނިކަން އަންނާނޭ ކަމެއް ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމުން އިތުރަށް ބުނީ، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަދަ ޢިލްމީ، ޤާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިއެރުމަށް އޮތް ހުރަހެއް ކަމަށެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމީ ޚިދުމަތަށް ނުކުންނަން ބޭނުންވާ އަންހެނުން ފަސްޖެހި، ބިރުވެރިކަން އުފެދޭނެ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

ދިވެހިރާއްޖެއަކީ އަންހެނުންނާ މެދު ކުރެވޭ އެންމެހައި ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ގައި ބައިވެރިވެފައިވާ ޤައުމަކަށް ވީހިނދު، މިފަދަ ޢަމަލުތަކަކީ އެ މުޢާހަދާއާ ވެސް ޚިލާފު ކަމެއް ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އެހެންކަމުން، ވަކި ޖިންސަކަށްވީތީ ކުރާ ފުރައްސާރައިން އެއްކިބާވެ، ބިނާކުރަނިވި ގޮތެއްގައި ޚިޔާލުފާޅުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާޒުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: