ތަޢުލީމީ ދާއިރާގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން 30 އިމާރާތެއްގެ މަސައްކަތް ނިންމާ، އަންނަ 2026 ވަނަ ދިރާސީ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ މި އިމާރާތްތަކުގެ ފާރާއި، ފުރާޅާއި، ސީލިންގްގެ އިތުރުން އެކި މަރާމާތުތައް ކުރުމަށްޓަކައި މިހާރު ވަނީ ބަޖެޓު އެލޮކޭޝަންތައް ހަދާ ނިންމާފައި ކަމަށެވެ.
މީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް 55 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ”ކޫލް ސްކޫލް“ މަޝްރޫޢާއި އަންނަ އަހަރުގެ ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން 20 މިލިޔަން ރުފިޔާ ޚަރަދު ކުރުމަށް މިހާރު ވަނީ ކަނޑައެޅިފައެވެ.
ޝަހީދު އަލީ ސްކޫލާއި ހުޅުމާލޭގެ ތަރައްޤީ
އަންނަ ދިރާސީ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ”ޝަހީދު އަލީ“ ސްކޫލް ހުޅުވާނެކަން ވަޒީރު އިޢުލާނު ކުރެއްވިއެވެ. މި ސްކޫލަކީ 1800 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާތީ، އެ ސަރަޙައްދުގައި މަދުވެގެން އިތުރު 4 ސްކޫލެއް ބިނާކުރުމަށް ޕްލޭންކޮށް، އެ ތަންތަނުގެ ޑިޒައިން މަސައްކަތާއި ބިން ކަނޑައެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސްކޫލްތަކުގެ އާބާތުރަ ފިލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން މި މަސައްކަތަށް ދޭ އިސްކަން ކުރީގެ ސަރުކާރުތަކުން ދީފައިނުވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ އަހަރު 30 މިލިޔަން ރުފިޔާ އަދި މިއަހަރުގެ މިހާތަނަށް 70 މިލިޔަން ރުފިޔާ ސްކޫލްތަކުގެ އާބާތުރަ ފިލުވުމަށް ޚަރަދުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، އަންނަ އަހަރުގެ ޖެނުއަރީ މަހު ދިރާސީ އައު އަހަރު ފެށުމަށް ތަޢުލީމީ ވުޒާރާއިން އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. މީގެ ތެރޭގައި ސްކޫލްތަކުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ނިންމުމާއި ކިޔަވައިދިނުމަށް ބޭނުންވާ ވަސީލްތައް ހަމަކުރުން ހިމެނެއެވެ.

