ރާއްޖޭގައި ކުދިން ވިހާ މިންވަރު ދަށަށް ގޮސް، އާބާދީގެ އޮނިގަނޑަށް އަންނަ ބަދަލުތަކާއެކު 2052 ވަނަ އަހަރުން ފެށިގެން ރާއްޖެއަކީ ”ސުޕަ އޭޖްޑް“ ނުވަތަ އުމުރުން ދުވަސްވީ މީހުން ގިނަ ގައުމަކަށް ވާނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން އަލަށް ނެރުނު ”މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062“ ރިޕޯޓުގައެވެ.
އެމްބީއެސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، 2052 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. އެހާތަނަށް ދާއިރު، ރާއްޖޭގެ ކޮންމެ ހަތަރު ދިވެއްސެއްގެ ތެރެއިން އެކަކީ އުމުރުން ދުވަސްވީ މީހަކަށް ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިއީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. 2022 ވަނަ އަހަރު ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ގޮތުގައި ތިބީ 20,000 މީހުންނެވެ.
އާބާދީގެ ބަދަލުތަކާއި އަންދާޒާތައް
މި ދިރާސާގައި ބުނެފައިވާ ގޮތުން 2062 ވަނަ އަހަރު އަންނައިރު އުމުރުން ދުވަސްވީ މީހުންގެ އާބާދީ 120,000 އަށް ވުރެ މައްޗަށް އަރާނެއެވެ. މީގެ ތެރޭގައި އެންމެ ގިނަވާނީ 80 އަހަރުން މަތީގެ މީހުންނެވެ. އަދި 2045 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރާ އުމުރުފުރާގެ މީހުން ބޮޑަށް ބަރޯސާވާން ޖެހޭނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކުދިން ހޯދާ މިންވަރަށް ބަލާއިރު، 2022 ވަނަ އަހަރު ރާއްޖޭގައި އެވްރެޖްކޮށް ކުދިން ހޯދާ މިންވަރު ހުރީ 1.7 ގައެވެ. ނަމަވެސް 2062 ވަނަ އަހަރު އަންނައިރު މި އަދަދު 1.5 އަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާގެ ކުރިއެރުންތަކާއެކު ދިވެހިންގެ ދިރިހުރުމުގެ އެވްރެޖް އުމުރު 80 އަހަރަށް ވުރެ މަތިވާނެއެވެ. އެގޮތުން އަންހެނުންގެ އެވްރެޖް އުމުރު 85.3 އަހަރަށް އަދި ފިރިހެނުންގެ އުމުރު 82.8 އަހަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
އާބާދީ އެންމެ އިތުރުވާނެ ދުވަސްވަރު
ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ދިވެހި އާބާދީ އެންމެ ގިނަވާނީ މި ގަރުނުގެ މެދުތެރޭގައެވެ. 2022 އާއި 2050 އާ ދެމެދު އާބާދީއަށް 12 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން 2050 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީ 427,994 އަށް އަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އޭގެ ފަހުން ކޮންމެ އަހަރަކު އެވްރެޖްކޮށް 1,000 މީހުން އާބާދީން މަދުވަމުންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

